އޭއެފްސީން ވަނީ މޯހަން ބަގާން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑް ކޮށްފައި
19 ޑިސެމްބަރ 2025 - 16:24
އޭޝިއާގެ ދެވަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫ 2025/2026 ގައި މިދިޔަ ސެޕްޓެމްބަރު މަހު، އީރާނުގައި ކުޅެން އޮތް މެޗަކަށް އިންޑިއާގެ މޯހަން ބަގާން ދަތުރުކުރަން ދެކޮޅު ހެދުމާ ގުޅިގެން، އޭއެފްސީ އިން މޯހަން ބަގާން 100،000 ޑޮލަރަށް ވުރެ ބޮޑު އަދަދަކުން ޖޫރިމަނާކޮށް ސަސްޕެންޑްކޮށްފި އެވެ.
ސެކިއުރިޓީ އާއި މެޑިކަލް އިންޝުއަރެންސް ނެތް ކަމަށް ބުނެ، ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އީރާނުގެ ސެފަހާނާ ދެކޮޅަށް ކުޅެން އޮތް މެޗަށް ދަތުރު ކުރަން މޯހަން ބަގާން ދެކޮޅު ހަދައި، މެޗަށް ހާޒިރު ނުވުމުން އޭއެފްސީން ވަނީ މުބާރާތުން އެ ކްލަބް ބޭރުކޮށްފަ އެވެ.
އެއާ އެކު އޭއެފްސީގެ ޑިސިޕްލިނަރީ އަދި އެތިކްސް ކޮމިޓީން މި ހަފްތާ ވަނީ، ކުރިއަށް އޮތް ދެ ސީޒަނަށް (2026/2027 އަދި 2027/2028 އަށް) އޭއެސްފީ ކްލަބް މުބާރާތްތަކުން މޯހަން ބަގާން ސަސްޕެންޑް ކޮށްފަ އެވެ. އެ ޓީމަށް ދެން އެންމެ އަވަހަށް ވެސް އޭއެފްސީ ކްލަބް މުބާރާތެއްގައި ކުޅެވޭނީ 2028/2029 ސީޒަންގަ އެވެ.
އޭޝިއާގެ އެންމެ ދުވަސްވީ އެއް ކްލަބް ކަމަށްވާ މޯހަން ބަގާން ވަނީ މިކަމާ ގުޅިގެން 50،000 ޑޮލަރުން ޖޫރިމަނާ ކޮށްފަ އެވެ. އަދި މީގެ އިތުރުން އޭއެފްސީ އާއި އީރާންގެ ސެފަހާން ކްލަބަށް ލިބުނު ގެއްލުމުގެ ބަދަލުގައި 50،729 ޑޮލަރު ވެސް ދައްކަން އެ ކްލަބަށް ވަނީ އަންގައިފަ އެވެ.
މޯހަން ބަގާނުން ވަނީ، އީރާނުގައި ސެފަހާނާ ދެކޮޅަށް ކުޅެން އޮތް މެޗު ނިއުޓްރަލް ދަނޑަކަށް ބަދަލުކޮށްދޭން، ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ކާސް) ގައި އެދިފަ އެވެ. ނަމަވެސް ކޯޓުން އެގޮތަށް ހަމަޖައްސައެއް ވެސް ނުދިނެވެ.
މިއީ މޯހަން ބަގާން މިގޮތަށް އީރާނުގައި މެޗު ކުޅެން ދެކޮޅު ހެދި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރު އީރާން-އިޒްރޭލް ހަނގުރާމަ ތެރޭ ޗެމްޕިއަންސް ލީގު ޓޫ ގައި އީރާންގެ ޓްރަކްޓޯ އާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެސް މޯހަން ބަގާން ނުދެ އެވެ. އެހެންވެ އެ މުބާރާތުން ވެސް އޭއެފްސީން ވަނީ މޯހަން ބަގާން ބޭރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy