މޮރޮކޯ، ފީފާ އަރަބް ކަޕް ތަށި އުފުލާލަނީ.-- ފޮޓޯ: އޭއެފްޕީ
19 ޑިސެމްބަރ 2025 - 16:50
ފައިނަލްގައި އުރުދުންއާ ވާދަކޮށް އިތުރު ވަގުތު ކުޅެގެން މޮރޮކޯ، މި އަހަރުގެ ފީފާ އަރަބް ކަޕް ކާމިޔާބުކޮށްފި އެވެ.
ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި 84،517 ސަޕޯޓަރުންގެ ކުރިމަތީގައި ރޭ ކުޅުނު ފައިނަލް މެޗުގެ 90 މިނިޓުގެ ކުޅުން ހަމަވި އިރު ދެ ޓީމު ވަނީ 2-2 އިން އެއްވަރު ވެފަ އެވެ. މޮރޮކޯ ޗެމްޕިއަންކަން ހޯދީ، އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހައިގެން، 3-2 ގެ ނަތީޖާއަކުންނެވެ.
މޮރޮކޯ ވަނީ މެޗުގެ ހަތަރުވަނަ މިނިޓުގައި އުސާމާ ތަނާންގެ ގޯލަކުން ލީޑު ނަގައިފަ އެވެ. ނަމަވެސް ދެވަނަ ހާފު ފެށުނުތަނާ އުރުދުން ވަނީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. އަދި 68 ވަނަ މިނިޓުގައި ޕެނަލްޓީއަކުން ލީޑު ވެސް ނެގި އެވެ. މި ދެ ލަނޑު ވެސް ޖަހައިދިނީ ޖުމްލަ ހަ ލަނޑާ އެކު މުބާރާތުގެ ރަން ބޫޓު ހޯދި އަލީ އުލްވާން އެވެ.
އުރުދުންގެ ފޯވާޑް އުލްވާން (9) ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ
މޮރޮކޯ ނަތީޖާ އެއްވަރުކުރީ 88 ވަނަ މިނިޓުގައި އަބްދުއްރައްޒާގް ހަމްދުﷲ ކާމިޔާބުކުރި ގޯލުންނެވެ. އަދި މޮރޮކޯ މޮޅުވި ލަނޑު 100 ވަނަ މިނިޓުގައި ޖެހީ ވެސް އޭނާ އެވެ.
މިއީ މޮރޮކޯ އަރަބް ކަޕް ކާމިޔާބު ކުރި ދެވަނަ ފަހަރެވެ.
މޮރޮކޯ މި މުބާރާތް ކާމިޔާބުކޮށްފައި މި ވަނީ "އޭ" ޓީމު ސްކޮޑާ އެކު އެވެ. އަދި ޓީމަށް އިރުޝާދު ދިނީ 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކޯޗު ކޮށްދެމުން އަންނަ ތާރިގް ސެކްތިޔޫއީ އެވެ. މޮރޮކޯގެ އަސްލު ސީނިއާ ޓީމު، ހެޑް ކޯޗު ވަލީދު ރެގްރަގީ އާއެކު އަންނަނީ، އާދިއްތަ ދުވަހު އެ ގައުމުގައި ފަށާ މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އަށް ތައްޔާރު ވަމުންނެވެ.
އިންޑިވިޖުއަލް އެވޯޑް ލިބުނު ކުޅުންތެރިން؛ (ކ-ވ) އުލްވާން، ރަބީޢު، ބިންއަބީދު.-- ފޮޓޯ: އޭއެފްޕީ
އަރަބް ކަޕްގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ސީރިއާ އެވެ. އެންމެ މޮޅު ކީޕަރަކަށް މޮރޮކޯގެ މަހްދީ ބިންއަބީދު ހޮވުނު އިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޮރޮކޯގެ މިޑްފީލްޑަރު މުހައްމަދު ރަބީޢު ހަރިމާތެވެ.
ޗެމްޕިއަންކަން ނުލިބުނު ނަމަވެސް އުރުދުން ވަނީ މުބާރާތުގައި، އެ ގައުމު ފަހުރުވެރި ވާނޭ ފަދަ ކުޅުމެއް ދައްކައިފަ އެވެ. ހެޑް ކޯޗު ޖަމާލް ސެލާމީއާ އެކު އެ ޓީމު ވަނީ އަންނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފަ އެވެ.
އަރަބް ކަޕް ފައިނަލްގެ ކުރިން، މުބާރާތުގެ ތިންވަނަ ހޮވަން، ސައުދީ އަރަބިއްޔާ އާއި ޔޫއޭއީ ބައްދަލުކުރި މެޗު ވަނީ ފުރަތަމަ ހާފަށް ފަހު ނިންމާލައިފަ އެވެ. ފުރަތަމަ ހާފު ނިމުނު އިރު ދެ ޓީމަށް ވެސް ލަނޑެއް ޖެހިފައެއް ނުވެ އެވެ. ވިއްސާރައިގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވޭ ވަރަށް ދަނޑުގައި ފެން ބޮޑުވުމުން ރެފްރީން ނިންމީ ދެވަނަ ހާފު ކުރިއަށް ނުގެންގޮސް، ދެ ޓީމަށް ވެސް ތިންވަނަ ދޭށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy