އާ އަހަރުގެ ފުރަތަމަ ދުވަހު، އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުކަން ދޫކޮށްލި ފަހުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ރޭ މެންޗެސްޓާ ސިޓީއާ ވާދަކޮށް 1-1 އިން އެއްވަރު ކޮށްފި އެވެ.

ސިޓީގެ ދަނޑުގައި ރޭ ޗެލްސީ ކުޅުނު މެޗުގައި ޓީމަށް އިރުޝާދު ދިނީ، 21 އަހަރާއި 19 އަހަރުން ދަށުގެ ކޯޗު މެކް ފެލާން އެވެ. ސިޓީން މެޗުގައި ލީޑު ނެގީ 42 ވަނަ މިނިޓުގައި ތެއްޖާނީ ރެއިންޑާސް ޖަހައިދިން ގޯލުންނެވެ. ޗެލްސީ އެއްވަރު ކުރީ އިތުރު ވަގުތުގެ ހަތަރުވަނަ މިނިޓުގައި އެންޒޯ ފެނާންޑޭޒް ޖަހައިދިން ގޯލުންނެވެ.

ފަހު ވަގުތު އެއްވަރު ވުމުން ސިޓީއަށް މިވަނީ އެއްވަނައިގައި އޮތް އާސެނަލްއާ ގާތަށް ޖެހިލަން އޮތް ފުރުސަތު ނަގާލައިފަ އެވެ.  އާސެނަލް އެއްވަނައިގައި އޮތީ، މި ހަފްތާ 3-2 އިން ބޯންމަތު ބަލިކޮށްގެން 48 ޕޮއިންޓާ އެކު އެވެ.

ޗެލްސީ އެއްވަރުކުރި ގޯލު ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ
ޗެލްސީ އެއްވަރުކުރި ގޯލު ޖެހުމަށް ފަހު އުފާފާލުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީ ދެވަނައިގައި އޮތީ ހަ ޕޮއިންޓްގެ ތަފާތަކާ އެކު، 42 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް ވަނީ 42 ޕޮއިންޓް ލިބިފަ އެވެ. ވިލާ ވަނީ 3-1 އިން މި ހަފްތާ ނޮޓްނަމް ފޮޮރެސްޓް ބަލިކޮށްފަ އެވެ. ސިޓީ ކުރީގައި އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޗެލްސީ ވަނީ 20 މެޗުން 31 ޕޮއިންޓް ހޯދައި، މެންޗެސްޓާ ޔުނައިޓެޑާ އެއްވަރެއްގައި ތާވަލްގެ މަގާމު ދަމަހައްޓައިފަ އެވެ. ޕޮއިންޓްގެ ގޮތުން އެއްވަރު ވިއަސް ފައިދާ ގޯލުގެ ތަފާތުން ޗެލްސީ އޮތީ ކުރީގައި، ތާވަލްގެ ފަސްވަނައިގަ އެވެ. ޔުނައީތެޑް ވަނީ މި ހަފްތާ ލީޑްސް ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ.

ހަތަރުވަނައިގައި އޮތް ލިވަޕޫލަށް ވަނީ 34 ޕޮއިންޓް ލިބިފަ އެވެ. ރަށުން ބޭރުގައި ރޭ ލިވަޕޫލް ވަނީ ފުލަމްއާ ވާދަކޮށް 2-2 އިން އެއްވަރު ވެފަ އެވެ.

ޔުނައިޓެޑްގެ ފަހަތުގައި އޮތީ 30 ޕޮއިންޓް ހޯދާފައިވާ ބްރެންޓްފޯޑާއި ސަންޑަލެންޑެވެ. ބްރެންތްފޯޑުން 4-2 އިން އެވަޓަން ބަލި ކުރި އިރު ސަންޑަލެންޑް ވަނީ ޓޮޓްނަމް ހޮޓްސްޕާއާ 1-1 އިން އެއްވަރު ކޮށްފަ އެވެ.

އެންޒޯ މަރެސްކާ؛ އޭނާ ވަނީ ޗެލްސީ އަށް ކޮންފަރެންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފަ.-- ފޮޓޯ: އޭއެފްޕީ
އެންޒޯ މަރެސްކާ؛ އޭނާ ވަނީ ޗެލްސީ އަށް ކޮންފަރެންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފަ.-- ފޮޓޯ: އޭއެފްޕީ

މަރެސްކާ ޗެލްސީގެ މަގާމުން ތިސްތިއުފާ ދިނީ ކްލަބްގެ އިސްވެރިންނާ އެކު ބޭއްވި ބައްދަލުވުމެއްގައި، އެންމެން ވެސް އޭނާ މަގާމުން ދުރުކުރަން އެދުމުންނެވެ. އެއީ މަރެސްކާ، މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ މަގާމަށް ދާން އެ ކްލަބްގެ އިސްވެރިންނާ ވާހަކަ ދެއްކި ކަން ހާމަ ކުރުމުން ކަމަށް މީޑީއާތަކުން ރިޕޯޓް ކުރި އެވެ. އަދި މި ފަހުން ކުޅުނު މެޗުތަކުން ހޯދި ދަށް ނަތީޖާތަކާ އެކު އޭނާއަށް ޕްރެޝަރު ބޮޑުވި އެވެ. ޗެމްޕިއަންސް ލީގުގައި ބާސެލޯނާ ބަލި ކުރި މެޗަށް ފަހު ކުޅުނު ނުވަ މެޗުގެ ތެރެއިން މޮޅުވީ ދެ މެޗުންނެވެ. އޭގެ ތެރޭގައި އިނގިރޭސި ލީގުގެ އެއް މެޗު ހިމެނެ އެވެ.

މަރެސްކާ ވަނީ މިދިޔަ ސީޒަންގައި ޓީމާ ހަވާލުވެ، ޔޫއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކޮށްދީފަ އެވެ. އޭނާ ޗެލްސީއަށް ކޯޗު ކޮށްދިން 92 މެޗުގެ ތެރެއިން 55 މެޗުން މޮޅު ކޮށްދީ 16 މެޗު އެއްވަރު ކޮށްދީފައިވެ އެވެ.

ޗެލްސީން ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، ޗެލްސީއާ ހަވާލުވާނީ، ބްލޫސް އެންޑް ކޯ އިން ހިންގާ ފްރާންސްގެ ސްޓްރާސްބޯގްގެ ލިއަމްރޮސޭނިއޯ ކަމަށް ގިނަ މީޑިއާތަކުން ހާމަކުރެ އެވެ.