ހޮލީވުޑްގެ ތަރިން ކަމަށްވާ ރޮބް މެކްއެލްހެނީ އާއި ރަޔަން ރެނަލްޑްސްގެ ހިއްސާ އޮންނަ ވޭލްސްގެ ރެކްސްހެމް، އިނގިރޭސި އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި، ޕްރިމިއާ ލީގުގައި ކުޅޭ ނޮޓްނަމް ފޮރެސްޓް ބަލިކޮށް، ގަދަ 32 ޓީމު ހިމެނޭ ހަތަރުވަނަ ބުރަށް ހޮވިއްޖެ އެވެ.

ރެކްސްހެމްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން އެއްވަރު ވެގެންނެވެ. ޕެނަލްޓީ ޝޫޓައުޓްގައި ރެކްސްހެމް މޮޅުވީ 4-3 އިންނެވެ.

ގާތްގަނޑަކަށް 10،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ރެކްސްހެމް ނިންމާލީ ދެ ގޯލުގެ ލީޑަކާ އެކު އެވެ. ދެވަނަ ހާފުގައި، މެޗުގެ 64 ވަނަ މިނިޓުގައި އީގޯ ޖީސަސް ފޮރެސްޓަށް ފަރަގު ކުޑަ ކޮށްދިން އިރު، ރެކްސްހެމް ވަނީ 74 ވަނަ މިނިޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ. ފޮރެސްޓް އެއްވަރު ކުރީ 76 އާއި 89 ގައި ކެލަމް ހަޑްސަން އޮޑޯއި ޖަހައިދިން ގޯލުތަކުންނެވެ.

މި ސީޒަންގައި އިނގިރޭސި ޗެމްޕިއަންޝިޕަށް ޕްރޮމޯޓްވި ރެކްސްހެމް މިވަގުތު އޮތީ ލީގު ތާވަލްގެ ނުވަވަނައިގަ އެވެ. ޔޫރޮޕާ ލީގު ވެސް ކުޅެމުން އަންނަ ނޮޓްނަމް ފޮރެސްޓް މިވަގުތު އޮތީ ޕްރިމިއާ ލީގުގެ 17 ވަނައިގަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންޝިޕްގެ ޓީމުތައް އެފްއޭ ކަޕް ފަށާނީ ތިންވަނަ ބުރުންނެވެ. މިދިޔަ ސީޒަންގެ އެފްއޭ ކަޕް ފައިނަލްގައި މެންޗެސްޓާ ސިޓީ ބަލިކޮށް ތަށި އުފުލާލީ ކްރިސްޓަލް ޕެލަސް އެވެ.

ޕެލަސްގެ ފުރަތަމަ މެޗު އޮތީ އިނގިރޭސި ހަވަނަ ޑިވިޝަންގައި ކުޅޭ މެކްލެސްފީލްޑާ ދެކޮޅަށެވެ. މެކްލެސްފީލްޑަކީ ތިންވަނަ ބުރުގައި ކުޅޭ އެންމެ ދަށް ލީގު ކުޅޭ ދެ ޓީމުގެ ތެރެއިން އެއް ޓީމެވެ. މެކްލެސްފީލްޑާއި ޕެލަސް މިއަދު ބައްދަލުކުރާނެ އެވެ.

މެންޗެސްޓާ ސިޓީ ނުކުންނާނީ މިރޭ އެކްސެޓާ ސިޓީއާ ދެކޮޅަށެވެ. އެވަޓަން އާއި ސަންޑަލެންޑް ވެސް މިއަދު ބައްދަލު ކުރާ އިރު، ނިއުކާސަލް ޔުނައިޓެޑާއި ބޯންމަތު އަދި ޓޮޓްނަމް ހޮޓްސްޕާ އާއި އެސްޓަން ވިލާގެ އިތުރުން ޗެލްސީ އާއި ޗާލްޓަން އެތުލެޓިކް ވެސް މިރޭ ކުޅޭނެ އެވެ.