މެކްލެސްފީލްޑް (ޖެނުއަރީ 10) - އިނގިރޭސި އެފްއޭ ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ކްރިސްޓަލް ޕެލަސް، އިނގިރޭސި ހަވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ މެކްލެސްފީލްޑް އަތުން 2-1 އިބް ބަލިވެ، މުބާރާޓުގެ ތިންވަނަ ބުރުން ކަޓައިފި އެވެ.

ނޮދާން ޕްރިމިއާ ލީގު ކުޅޭ މެކްލެސްފީލްޑް ވަނީ މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕޯލް ޑޯސަންގެ ގޯލަކުން ލީޑު ނަގައިފަ އެވެ. އަދި ދެވަނަ ހާފު ފެށިގެން 15 މިނިޓުގެ ތެރޭގައި ދެވަނަ ގޯލު ޖަހައިދިނީ، މެންޗެސްޓާ ސިޓީގެ އެކަޑަމީން ތަމްރީނުވި ފޯވާޑް އީސާކް ބަކްލީ-ރިކެޓްސް އެވެ.

މެޗުން މޮޅުވުމުން މެކްލެސްފީލްޑްގެ ސަޕޯޓަރުން ދަނޑުމަތީގައި އުފާފާލުކުރަނީ-- ފޮޓޯ: އޭއެފްޕީ
މެޗުން މޮޅުވުމުން މެކްލެސްފީލްޑްގެ ސަޕޯޓަރުން ދަނޑުމަތީގައި އުފާފާލުކުރަނީ-- ފޮޓޯ: އޭއެފްޕީ

ފަސް ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ޕެލަސްގެ ހަމައެކަނި ގޯލު 90 ވަނަ މިިޓުގައި ޖަހައިދިނީ ޔެރެމީ ޕީނޯ އެވެ.

މެކްލެސްފީލްޑްގެ ހެޑް ކޯޗަކީ ވޭން ރޫނީގެ ކޮއްކޮ، ޖޯން ރޫނީ، 35، އެވެ. މެކްލެސްފީލްޑަށް ކުޅުމަށް ފަހު، މިދިޔަ ޖުލައި މަހު ކުޅުން ހުއްޓާލި ޖޯން ރޫނީ ވަނީ ކުޅުން ހުއްޓާލި ގޮތަށް އެ ޓީމުގެ ކޯޗުކަމާ ހަވާލު ވެފަ އެވެ.

މެޗަށް ފަހު ވޭޏް ރޫނީ (ކ) އާއި އޭނާގެ ކޮއްކޮ ޖޯން ރޫނީ (ވ)-- ފޮޓޯ: އޭއެފްޕީ
މެޗަށް ފަހު ވޭޏް ރޫނީ (ކ) އާއި އޭނާގެ ކޮއްކޮ ޖޯން ރޫނީ (ވ)-- ފޮޓޯ: އޭއެފްޕީ

މެކްލެސްފީލްޑް އަކީ 2020 ވަނަ އަހަރު، މެކްލެސްފީލްޑް ޓައުން ކިޔާ ކްލަބް އުވާލުމަށް ފަހު ވުޖޫދުވި ކްލަބެކެވެ. މެކްލެސްފީލްޑް ޓައުންގެ އެކަޑަމީން ތަމްރީނު ވެގެން ޖޯން ރޫނީ ސީނިއާ ކްލަބް ކެރިއަރު ވެސް ފެށީ އެ ކްލަބުގަ އެވެ.

މިއީ 115 އަހަރަށް ފަހު، އިނގިރޭސި އެފްއޭ ކަޕްގެ ޗެމްޕިއަނުން، ނޮން-ލީގު ކްލަބެއް އަތުން މުބާރާތުގައި ބަލިވި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ކަން ހިނގީ 1909 ވަނަ އަހަރެވެ.

އޭރު ނޮން-ލީގު ކުލަބެއް ކަމަށްވާ ކްރިސްޓަލް ޕެލަސް ވަނީ 1908/09 ގައި އޭރުގެ ޗެމްޕިއަން ވުލްވްސް ބަލިކޮށްފަ އެވެ.

ވުލްވްސް ވަނީ މިއަދު، ހަތަރުވަނަ ޑިވިޝަންގެ ޝްރޫސްބަރީ ޓައުން އަތުން 6-1 އިން މޮޅުވެފަ އެވެ.