ބޯންމަތަށް ކުޅެމުން ދިޔަ އެންޓޮއިން ސެމެންޔޯ، މެންޗެސްޓާ ސިޓީ އަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗު 10-1 އިން އެކްސެޓާ ސިޓީގެ މައްޗަށް ކުރި ހޯދައިފި އެވެ.

ސެމެންޔޯ ސިޓީ އަށް ބަދަލުވީ 86 މިލިއަން ޑޮލަރުގެ ޑީލެއްގެ ދަށުންނެވެ. އޭނާ ބޯންމަތަށް ކުޅެދިން ފަހު މެޗުގައި އެ ޓީމަށް ގޯލު ޖަހައިދިން އިރު، ސިޓީގެ ފުރަތަމަ މެޗުގައި ވަނީ ގޯލެއް ޖަހައި އެސިސްޓެއް ވެސް ކޮށްފަ އެވެ. އޭނާ ބަދަލުވީ ލީގުގައި 20 މެޗުން 10 ގޯލު ޖަހައިދީފަ އެވެ.

ސިޓީގެ 10 ގޯލުގެ ތެރެއިން ދެ ގޯލު ވަނީ ބައިކޮޅަށެވެ. ސެމެންޔޯގެ އިތުރުން ލަނޑު ޖަހައިދިނީ މެކްސް އަލީން، ރޮޑްރީ، ރިކޯ ލެވީސް، ތެއްޖާނީ ރެއިންޑާސް، ނިކޯ އޯރީލް އަދި ރަޔާޏް މެކައިޑޫ ވަނީ ގޯލު ޖަހައިފަ އެވެ. މީގެ ތެރެިން ލެވީސް ވަނީ ދެ  ގޯލު ކާމިޔާބު ކޮށްފަ އެވެ. އެކްސެޓާގެ ހަމައެކަނި ލަނޑު ޖެހީ އެންމެ ފަހު މިނިޓުގަ އެވެ.

އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި އެވަޓަން އާއި ސަންޑަލެންޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރު ވުމުން ޕެނަލްޓީގައި 3-0 އިން ކުރި ހޯދީ ސަންޑަލެންޑެވެ.

ސެމެންޔޯ ނެތި ބޯންމަތު، ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަވީ 3-3 އިން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި 7-6 އިން ކުރި ހޯދައި ހަތަރުވަނަ ބުރަށް ދިޔައީ ނިއުކާސަލް އެވެ.

ޓޮޓެންހަމް ހޮޓްސްޕާ ވަނީ 2-1 އިން އެސްޓަން ވިލާ އަތުން ބަލިވެގެން ކަތައިފަ އެވެ. އަދި ޗެލްސީގެ އާ ކޯޗު ލިއަމް ރޮސޭނިއޯގެ އިރުޝާދުގެ ދަށުން ފުރަތަމަ މެޗުގައި ވަނީ 5-1 އިން ޗާލްޓަން އެތުލެޓިކްގެ މައްޗަށް ކުރި ހޯދައިފަ އެވެ.