ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 2-0 އިން ބަލިކޮށް ނިއު ރޭޑިއަންޓް ތިންވަނައިގައި މަގާމް ދަމަހައްޓައިފި އެވެ.
އަލީ ފާސިރު (ސެންޓޭ) 36 ވަނަ މިނިޓުގައި ނަގައިދިން ކޯނަރަކުން ނިއު އަށް ލީޑު ނަގައިދިނީ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އެވެ. އަދި 65 ވަނަ މިނިޓުގައި ގުއިލާމޭ ޑި ސިލްވާ ނަގައިދިން ހުރަހަކުން ލީޑު ފުޅާކުރި ލަނޑު ޖަހައިދިނީ އަލްހާޖީ ޖެރޯ އެވެ.
ނިއު ރޭޑިއަންޓް ވަނީ މިއާ އެކު 15 މެޗުން 30 ޕޮއިންޓް ހޯދައިފަ އެވެ. ބުރު ސްޕޯޓްސް ހަތަރުވަނައިގައި އޮތީ 29 ޕޮއިންޓާ އެކު އެވެ. އޮޑި ސްޕޯޓްސް ދެވަނައިގައި އޮތީ ނިއު އަށް ވުރެ ފަސް ޕޮއިންޓް ކުރީގަ އެވެ.
ނިއު އަށް ލީގުގައި ދެން އޮންނާނީ ބުރާސްފަތި ދުވަހުގެ ހަވީރު އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެއަށް ފަހު މާޒިޔާއާ ދެކޮޅަށް ކުޅެ، ލީގު ނިންމާލާނީ ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ބުރު ސްޕޯޓްސް އަށް އޮތީ މާޒިޔާ އާއި އޮޑި އަދި ޓީސީ އެވެ.
މި ނަތީޖާއާ އެކު ފުލުގައި އޮތް ޔޫވީ އަށް 15 މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް އަށް އަށް ޕޮއިންޓް ލިބިފައި ވާއިރު ޓީސީ އަށް ވަނީ މިހާތަނަށް ނުވަ ޕޮއިންޓް ލިބިފަ އެވެ.
އަށް ޓީމު ވާދަކުރާ ލީގުގެ ފުލަށް ދާ ދެ ޓީމު އޮޓަމެޓިކުން ރެލިގޭޓް ވާއިރު، އޭގެ ކުރީގައި އޮންނަ ދެ ޓީމު ޕްލޭއޮފްގައި ކުޅެން ޖެހޭނެ އެވެ.
އޮޓަމެޓިކް ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތްކުރާ ޔޫވީ އަށް ދެން އޮތީ ގްރީން އާއި ވެލެންސިއާ އަދި ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
ލީގުގައި މާދަމާ ހަވީރު 4 ޖަހާއިރު ޓީސީ ސްޕޯޓްސް ކްލަބާއި އާއި ކްލަބް ގްރީން ސްޓްރީޓްސް ބައްދަލުކުރާނެ އެވެ.