ބާސެލޯނާގެ ކެޕްޓަން، ގޯލްކީޕަރު މާކް އަންޑްރޭ ޓާ ސްޓެގަން، ޖަރުމަން ގައުމީ ޓީމާ އެކު މި އަހަރުގެ ފީފާ ވޯލްޑް ކަޕް ކުޅުމުގެ އަމާޒުގައި، މި ސީޒަންގެ ނިޔަލަށް ލޯނު އުސޫލުން ސްޕެއިންގެ ޖިރޯނާއަށް ބަދަލުވާން އެއްބަސް ވެއްޖެ ކަމަށް ރިޕޯޓް ކޮށްފި އެވެ.

އުމުރުން 33 އަހަރުގެ ޓާ ސްޓެގަން މި ސީޒަންގައި ބާސެލޯނާގައި ސްޓާޓް ކޮށްފައި ވަނީ ކޮޕަ ޑެލް ރޭގެ މެޗެއްގަ އެވެ. ކޯޗު ހަންސީ ފްލިކް، ބާސެލޯނާގެ އެއް ނަމްބަރު ކީޕަރެއްގެ ގޮތުގައި ގެންގުޅެނީ މި ސީޒަންގައި އެސްޕަންޔޯލުން 25 މިލިއަން ޔޫރޯ އަށް ގެނައި ޖޮއާން ގާސިއާ އެވެ. އޭނާގެ ދެވަނަ ޗޮއިސް އަކީ ޕޮލެންޑްގެ ވޮއިޒެކް ޝެޒްނީ އެވެ.

މިދިޔަ ސީޒަންގެ ކުރީކޮޅު ލިބުނު އަނިޔާއިން ރަނގަޅު ވެގެން ސީޒަންގެ ފަހު ކޮޅު ޓާ ސްޓެގަން ވަނީ ކުޅެފަ އެވެ. ނަމަވެސް މި ސީޒަންގައި ގާސިއާ ގެނެސް، ފްލިކް ވަނީ ޓާ ސްޓެގަން، ޓީމުގެ ތިންވަނަ ޗޮއިސް އަކަށް ހަމަޖައްސައިފަ އެވެ.

ސްޕެއިންގެ މީޑިއާތަކުން ބުނިގޮތުގައި ކުޅުންތެރިޔާ އާއި ދެ ކްލަބުން ވެސް ވަނީ މި ލޯން ޑީލަށް އެއްވަސް ވެފަ އެވެ. އަދި ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުން، ލަލީގާގެ 13 ވަނައިގައި އޮތް ޓީމަށް ޓާ ސްޓެގަން ބަދަލުވީ، ބާސެލޯނާގައި އޭނާއަށް އަހަރަކު ލިބޭ 18-20 މިލިއަން ޔޫރޯ އިން ބޮޑު ބައެއް އުނި ކުރުމަށް ފަހު އެވެ.

ޓާ ސްޓެގަން އަކީ ޖަރުމަން ގައުމީ ޓީމަށް މިވަގުތު އެންމެ ތަޖުރިބާކާރު ގޯލްކީޕަރެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 44 މެޗު ކުޅެދީފަ އެވެ. އަނިޔާއިން އެނބުރި އައިސް، ޓާ ސްޓެގަން ވަނީ ހޫލިއަން ނާގެލްސްމަންގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރު ގައުމީ ޓީމަށް ދެ މެޗު ކުޅެދީފަ އެވެ.