ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިޔާ އަރީނާ ސަބަލެންކާ 2-1 ސެޓުން ބަލިކޮށް ކަޒަކިސްތާންގެ އެލީނާ ރައިބަކީނާ، ފުރަތަމަ ފަހަރަށް އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާތް ކާމިޔާބު ކޮށްފި އެވެ.

ފައިނަލް މެޗުގެ ފުރަތަމަ ސެޓް ރައިބަކީނާ 6-4 އިން ގެންގޮސްފައި ވަނިކޮށް އަބަލެންކާ ވަނީ ދެވަނަ ސެޓުގައި 6-4 އިން ކުރި ހޯދައިފަ އެވެ. ނަމަވެސް ތިންވަނަ ސެޓުގައި 6-4 އިން ކުރި ހޯދައި މެޗު ކާމިޔާބު ކުރީ ރައިބަކީނާ އެވެ.

މިއީ 26 އަހަރުގެ ރައިބަކީނާ ކާމިޔާބުކުރި ދެވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އޭނާ ފުރަތަމަ ކާމިޔާބުކުރީ މީގެ ހަތަރު އަހަރު ކުރިން، 2022 ގެ ވިމްބެލްޑަން އެވެ.

ސަބަލެންކާ (ކ) އަދި ރައިބަކީނާ (ވ).-- ފޮޓޯ: އޭއެފްޕީ
ސަބަލެންކާ (ކ) އަދި ރައިބަކީނާ (ވ).-- ފޮޓޯ: އޭއެފްޕީ

"އަހަރެންނަށް އަލުން މި ފެންވަރުގައި އަދި ކުޅެވޭނެ ކަމަށް އަހަރެން އައީ އަބަދުވެސް ގަބޫލު ކުރަމުން، އެއީ އަޑިގަނޑުތަކާ އުސްގަނޑުތައް އަންނާނެ ކަމަށް ގަބޫލު ކުރަމުން،" މެޗަށް ފަހު ރައިބަކީނާ ބުންޏެވެ.

"އަހަރެން ހީކުރީ އަހަރެން ދެން ފައިނަލެއްގައި ވެސް ނުކުޅެވޭނެ ކަމަށް، ތައްޓެއް ވެސް ނުލިބޭނެ ކަމަށް. އެކަމަކު އަހަރެން މާޔޫސްވާ ކޮންމެ ވަގުތަކު ޓީމެއް ގޮތުގައި މަސައްކަތް ކޮށްގެން އެންމެން ވެސް އަހަރެންނަށް އެހީވެދޭ."

ރަޝިއާގެ މޮސްކޯ އަށް އުފަން ރައިބަކީނާ ފުރަތަމަ ތަމްސީލު ކުރަމުން އައީ ރަޝިއާ އެވެ. ނަމަވެސް އޭނާ ކަޒަކިސްތާންގެ ރަށްވެހިކަން ހޯދާފައި ވަނީ 2018ގައި އުމުރުން 19 އަހަރުގަ އެވެ.