ދުބާއީގައި ބޭއްވި ޖަމްޕް ފެސްޓް ކޮމްޕެޓިޝަންގައި ވާދަކޮށް ރާއްޖޭގެ 17 އަހަރުގެ އެތުލީޓް ޔޫސުފް ނާއިކް ވަޖީހު، ހައި ޖަމްޕް އާއި ލޯންގް ޖަމްޕް އިން ރަން މެޑަލް ހޯދައިފި އެވެ.

ރާއްޖޭގެ ހައި ޖަމްޕް ގައުމީ ރެކޯޑް ވެސް އޮންނަ ނާއިކް ވަނީ މި މުބާރާތުގައި މި ރެކޯޑް އާ ކޮށްފަ އެވެ. މިދިޔަ އަހަރު އޮތް 12 ވަނަ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި 1.88 މީޓަރަށް ފުންމައިގެން ހެދި ރެކޯޑް އޭނާ އާ ކޮށްފައި ވަނީ 1.92 މީޓަރަށް ފުންމައިގެންނެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ތައުލީމު ހާސިލް ކުރަމުން އަންނަ ނާއިކް މިދިޔަ އަހަރުގެ އޭޕްރީލް މަހު އޮތް ޗެމްޕިއަންޝިޕްގައި، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ފަރާތުން ވާދަކޮށް، 15 އަހަރާއި ހަ މަސް ވެފައި އޮތް ގައުމީ ރެކޯޑެއް މުގުރާލީ އުމުރުން 16 އަހަރުގަ ކެވެ.

ހައި ޖަމްޕް ގައުމީ ރެކޯޑް ކުރިން އޮތީ 2009ގެ އޮކްޓޫބަރުގައި ބޭއްވި އަށްވަނަ އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ޗެމްޕިއަންޝިޕްގައި 1.85 މީޓަރަށް ފުންމި އަހުމަދު ޒަބީރު އަތުގަ އެވެ.

ޖޫނިއާ 18 އަހަރުން ދަށާއި 20 އަހަރުން ދަށުގެ ޔޫތު ހައި ޖަމްޕް ރެކޯޑް ވެސް އޮންނަނީ ނާއިކް އަތުގަ އެވެ.

ޖަމްޕް ފެސްޓް އަކީ ދުބާއީގެ އެންމެ ފެންވަރު ރަނގަޅު އެއް ޓްރެކް އެންޑް ފީލްޑް ކްލަބް ކަމަށްވާ އޭއައިއެސް އެތުލެޓިކް އިން އިންތިޒާމް ކޮށްގެން ބޭއްވި މުބާރާތެކެވެ.

ނާއިކް ވަނީ ޔޫއޭއީގައި ކޯޗު ކޯޗު އަންސޮންގެ އިރުޝާދުގެ ދަށުން އެއް މަސް ދުވަހުގެ ހައި ޖަމްޕް ޓްރޭނިން ޕްރޮގްރާމެއް ވެސް ފުރިހަމަ ކޮށްފަ އެވެ.