މިދިޔަ އަހަރުގެ އައިބީސީ ޖޫނިއާ މެންސް ވޯލްޑް ޗެމްޕިއަން، ފްރާންސްގެ ލޮއުކާ ޒަނިނޯޓޯއާ އެއް ހީޓެއްގައި ރާއްޖޭގެ ޖޫނިއާ ޗެމްޕިއަން ބޮޑީބޯޑަރު އިޔަން އަހުމަދު ވާދަ ކޮށްފި އެވެ.
މޮރޮކޯގައި މިހާރު ކުރިއަށްދާ އައިބީސީ ބޮޑީބޯޑިން ވޯލްޑް ޓުއާ 2026 ގެ ފުރަތަމަ އިވެންޓް، މޮރޮކޯ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕްގެ ޖޫނިއާ މެންސް ބައިގައި އިޔަން، އެންމެ ފަހުގެ ޗެމްޕިއަނާ ވާދަ ކޮށްފައި ވަނީ ދެވަނަ ބުރުގަ އެވެ.
ދެވަނަ ބުރުގެ ތިންވަނަ ހީޓުގައި ވާދަކޮށް ޒަނިނޯޓޯ ހީޓް ކާމިޔާބު ކުރީ 15.65 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ހޯދީ 10.35 ޕޮއިންޓް ލިބުނު ހަވާއީގެ ޑެވީ އެންޑަސަން އެވެ. އިޔަން އަށް މި ހީޓުގައި ލިބުނީ 8.15 ޕޮއިންޓެވެ. އިޔަންގެ ފަހަތުން ނިންމި ފްރާންސްގެ ކްރިސްޓް މޭލެން އަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ.
އިޔަން ދެވަނަ ބުރަށް ދިޔައީ، ފުރަތަމަ ބުރުގެ ހީޓްގެ ދެވަނަ ހޯދައިގެންނެވެ. ފުރަތަމަ ބުރުގެ އަށްވަނަ ހީޓުގައި އިޔަން ދެވަނަ ހޯދީ ފަހު ވަގުތު އެޅި ރާޅެއްގައި 3.5 ޕޮއިންޓް ސްކޯ ކޮށްގެން ޖުމްލަ 5.45 ޕޮއިންޓާ އެކު އެވެ. މި ހީޓުން އެއްވަނަ ހޯދީ 9.75 ޕޮއިންޓް ހޯދި ފްރާންސްގެ ޔޯހާން ބެޗެލާޑެވެ.
ޖޫނިއާ ފައިނަލް ހީޓުގެ އެއްވަނަ ހޯދައިގެން މި މުބާރާތުގެ އެއްވަނަ ހޯދީ ޕެރޫގެ ލޫސިއާނޯ ކެމްޕޯސް އެވެ. އޭނާ އެއްވަނަ ހޯދީ 11.15 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައަށް ދިޔަ މެކްސިކޯގެ އިލާން ޗޮއުއާޑް ވަނީ 10 ޕޮއިންޓް ހޯދައިފަ އެވެ. ތިންވަނައަށް ދިޔަ މޮރޮކޯގެ މޫމޫ ހަމްޒާ އަށް ލިބުނީ 5.5 ޕޮއިންޓެވެ.
އިޔަން އަކީ މި މުބާރާތުގައި ވާދަ ކުރި ރާއްޖޭގެ ހަމައެކަނި ޖޫނިއާ ބޮޑީބޯޑަރެވެ.
މޮރޮކޯ ވޯލްޑް ބޮޑީބޯޑިން ޗެމްޕިއަންޝިޕްގެ ސީނިއާ ބައިގައި ވާދަ ކުރާނީ ގައުމީ ބޮޑީބޯޑިން ޓީމުގައި ހިމެނޭ އަލީ ހުޝްރުވާން (ކުޑަ އައްޔަ) އާއި އާމިން އުމަރު މޫސާ އަދި އަޝްރަފް ހަސަން އެވެ.
ގައުމީ ޓީމުގައި ދެން ހިމެނޭ މުހައްމަދު ކައިފް ވެސް މުބާރާތުގައި ވާދަ ކުރާގޮތަށް އޮތް ނަމަވެސް، މާލޭގައި ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އޭނާގެ އަތަށް އަނިޔާވެގެން މުބާރާތުގައި ވާދައެއް ނުކުރެވެ އެވެ.