މިހާރު ކުރިއަށް ގެންދާ ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ސީއެޗްއެސްއީ މާލެ ހޯދައިފި އެވެ.

ސީއެޗްއެސްއީ މާލެ ވަނީ ކުޅުނު ދެވަނަ މެޗުގައި 7-1 އިން ސީއެޗްއެސްއީ ހުޅުމާލެ ބަލިކޮށްފަ އެވެ.

މި މެޗުގައި ސީއެެޗްއެސްއީ މާލޭ ސްކޫލްގެ މުހައްމަދު އާޔަން ޝާޒް އާއި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އަހުމަދު މިކްޔާލް މުއީން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އެ ޓީމަށް ދެން ލަނޑު ޖަހައިދިނީ ނާސިހު އަހުމަދު ޝިހާމް އާއި މުހައްމަދު ސައިމް އިބްރާހިމް ފާއިޒް އަދި އިސްމާއިލް ޝާމިލް އެވެ. ސީއެޗްއެސްއީ ހުޅުމާލޭ ސްކޫލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަހުމަދު އާއިޝް އެވެ.

އިއްޔެ ހަވީރު އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ދެވަނަ ހާފުގެ ދެވަނަ މިނިޓުގައި އަހުމަދު ލައިތު އައްބާސް ވިލާ އަށް ލީޑު ނަގައިދިން ނަމަވެސް އަހުމަދިއްޔާ އަށް އެއްވަރު ކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ވެސް އަށްވަނަ މިނިޓުގައި އިބްރާހިމް އަވްސަމް އަބްދުﷲ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނީ އަވްސަމް އެވެ.

ހަތަރު ސްކޫލަށް ދައުވަތު ދީގެން މިދިޔަ ހޮނިހިރު ދުވަހު ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި އެ ދުވަހު ހަވީރު އަހުމަދިއްޔާ ވަނީ 6-0 އިން ސީއެޗްއެސްއީ ހުޅުމާލެ ބަލިކޮށްފަ އެވެ. އަދި އެ ރޭ ކުޅުނު ދެވަނަ މެޗުގައި ސީއެޗްއެސްއީ މާލެ މޮޅުވީ ވިލާއާ ވާދަކޮށް 2-1 އިންނެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލް ކުޅޭ އިރު، ފުރަތަމަ ދެ މެޗު ކާމިޔާބު ކޮށްގެން ސީއެޗްއެސްއީ މާލެ މި ވަނީ ފައިނަލަށް ދަތުރު ކޮށްފަ އެވެ. އަދި ދެ މެޗުން ވެސް ބަލިވެ، ސީއެޗްއެސްއީ ހުޅުމާލޭ ސްކޫލް ވަނީ ބާކީ އެއް މެޗު އޮއްވައި ކަޓައިފަ އެވެ.

ލީގު ބުރުގެ ފަހު ދެ މެޗު ކުޅޭނީ އަންނަ ބުރާސްފަތި ދުވަހު އެވެ. ހަވީރު 4 ޖަހާއިރު ސީއެޗްއެސްއީ ހުޅުމާލެ އާއި ވިލާ ބައްދަލު ކުރާއިރު، އެ ރޭ 9 ޖަހާއިރު ބައްދަލު ކުރާނީ އަހުމަދިއްޔާ އާއި ސީއެޗްއެސްއީ މާލެ އެވެ.

ގަލޮޅު ދަނޑުގައި ކުރިއަށް ގެންދާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުގެ ހަވީރު 4 ޖަހާއިރެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސްޔޫބީލް (75 އަހަރު ފުރުން) ފާހަގަ ކުރުމުގެ ގޮތުން މި އަހަރު ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް ދެ މުބާރާތެއް ބޭއްވުމަށް އެފްއޭއެމުން ވަނީ ނިންމައިފަ އެވެ. ދެން އޮންނާނީ ޖޫން 1-10 އަށް ސީނިއާ ގައުމީ ޓީމުތަކަށް ބާއްވާ މުބާރާތެކެވެ.