އޭޝިއަން ރައިފަލް/ޕިސްޓަން ޗެމްޕިއަންޝިޕްގައި ވާދަކޮށް ހަތަރު ބްރޯންޒް މެޑަލް ހޯދި، ރާއްޖޭގެ ޒުވާން ގައުމީ ޝޫޓިން ޓީމު އެނބުރި އަތުވެއްޖެ އެވެ.
އެ ޓީމަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވީ، ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލާއި ސްޕޯޓްސް މިނިސްޓްރީ އަދި ޝޫޓިން އެސޯސިއޭޝަންގެ އިސްވެރިންނެވެ.
އިންޑިއާގެ ނިއު ދިއްލީގައި ބޭއްވި މުބާރާތުގައި ރާއްޖޭން ވަނީ 10 މީޓަރު އެއާ ރައިފަލް ޖޫނިއާ މިކްސްޑް ޓީމް އިވެންޓްގެ އިތުރުން 10 މީޓަރު އެއާ ރައިފަލް ފިރިހެން ޔޫތު ޓީމް އިވެންޓާއި 10 މީޓަރު އެއާ ޕިސްޓަލް ފިރިހެން އަދި އަންހެން ޔޫތު ޓީމް އިވެންޓުން ވެސް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
މެޑަލް ހޯދި އެއާ ރައިފަލް ޖޫނިއާ މިކްސްޑް ޓީމުގައި ހިމެނެނީ އައިޝަތު އީޝާ ޝާހިދާއި އަހުމަދު މާއިދު މުހައްމަދުއެވެ.
އެއާ ރައިފަލް ފިރިހެން ޔޫތު ޓީމުގައި ހިމެނެނީ ޖަމާލުއްދީން ސްކޫލްގެ މުހައްމަދު ޝާއިލް ހަސަނާއި އަރަބިއްޔާ ސްކޫލުގެ އުމަރު މުހައްމަދު ނަޝީދުގެ އިތުރުން ހިރިޔާ ސްކޫލްގެ ރަޔާން މުހައްމަދު ރާމިޒް އެވެ.
އެއާ ޕިސްޓަލް ފިރިހެން ޔޫތު ޓީމުގައި ހިމެނެނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ އަލީ ޒަކްނޫން އަހުމަދާއި ރެހެންދި ސްކޫލުގެ މުހައްމަދު އަޝްހަމް ބިން ޝާހިދުގެ އިތުރުން ސީއެޗްއެސްއީ މާލެ، ހާދު އަލީ ނަސީފެވެ.
މި މުބާރާތުގައި ބްރޯންޒް މެޑަލް ހޯދި ރާއްޖޭގެ އަންހެން އެއާ ޕިސްޓަލް ޔޫތު ޓީމުގައި ހިމެނެނީ ތާޖުއްދީން ސްކޫލުގެ މަރްޔަމް ޒޯހާ އަސްބާހާއި ސީއެޗްއެސްއީ މާލެ، ފާތިމަތު ފައިހާ ފަޒީލްގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ ފާތިމަތު ޝައިމާ މޫސާއެވެ.