ދިވެހި ފުޓްބޯޅައިގައި އެތައް ކާމިޔާބެއް ހޯދައި، ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދި ކ. އަތޮޅު ހުރާގެ މަޝްހޫރު ފުޓްބޯޅަ ޓީމު ހުއްރިއްޔާގެ މަސްއޫލުވެރިޔާ އަދި އިސް ހިންގުންތެރިޔާ ހުސެއިން ޒަރީރު (ހުސޭނުބެ) ހިދުމަތުގެ އަގު، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރޭ ވަޒަންކޮށްފި އެވެ.

ސްޕޯޓްސް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ، އަދި މިހާރު ރާއްޖޭގައި ކުރިއަށް ގެންދާ އެންމެ ބޮޑު ކުޅިވަރު އެވޯޑް ހަފުލާގައި ހުސޭނުބެ އަށް "ސްޕެޝަލް ރިކޮގްނިޝަން އެވޯޑް" ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

ހުސޭނުބެ އަށް މި ޝަރަފް ލިބުމުން އެކަމަށް މަރުހަބާ ކިޔައި ހުއްރިއްޔާ އިން ބުނީ އެ ކްލަބުގެ ކާމިޔާބާއި، ދެމިއޮތުމުގެ އެންމެ ބޮޑު އެއް ޝުކުރެއް ހައްގުވަނީ އޭނާ އަށް ކަމަށެވެ.

ހުސޭނުބެ އަކީ 1980 ވަނަ އަހަރު ހުރާ ޖަމިއްޔަތުލް ހުއްރިއްޔާގެ ނަމުގައި އެ ކްލަބް އުފެދުނީއްސުރެ ހިންގުންތެރިއެކެވެ. ކްލަބަށް ފައިސާ ހޯދުމަށް އިޖުތިމާއީ ހަރަކާތްތައް ރޭވުމުގެ އިތުރުން ހުސޭނުބެ ވަނީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަން ވެސް ކޮށްފަ އެވެ.

ހުސޭނުގެ މާލިމީކަމުގައި ހުއްރިއްޔާ އިން ވަނީ 1996-2006 އަށް ފުރަތަމަ ޑިވިޝަނުގައި ވާދަކޮށް، 1999 އާއި 2000 ވަނަ އަހަރު ޕޮމިސް ކަޕާއި، 1999 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ލީގު ޗެމްޕިއަންކަން ހޯދައިފަ އެވެ. އަދި 2005 ވަނަ އަހަރު ދިރާގު ދިވެހި ލީގު ކާމިޔާބުކޮށް، 2006 ގައި އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލްކުރި އެވެ. މީގެ އިތުރުން އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދައި، ގައުމީ މުބާރާތާއި، ކަޕްވިނާސްކަޕާއި، އެފްއޭ ކަޕުގެ ދެ ވަނަ މަގާމް ވަރަށް ގިނަ ފަހަރު ހޯދި އެވެ.

ހުސޭނުބެ އަކީ ހުރާގެ ޒުވާން ކުޅުންތެރިންތަކެއް ކްލަބުގެ އަމިއްލަ ހަރަދުގައި މާލެ ފޮނުވައި 1994 ވަނަ އަހަރުގެ ފީފާ ޔޫތު ވޯލްޑް ކަޕުގެ ކޮލިފައިންގައި ވާދަކުރި 19 އަހަރުން ދަށުގެ ޓީމުގައި ހިމަނަން މަގުފަހިކޮށްދިން ހިދުމަތްތެރިޔާ ވެސް މެ އެވެ. އެ ކުޅުންތެރިން ކަމަށްވާ އަލީ ޝިހާމް (އައްޔަ) އާއި، މައުސޫމް އަބްދުލް ގަފޫރު (މާސޭ) އާއި، އަބްދުﷲ އިބްރާހިމް (އަބުޅޯ) އަދި، ގޯލްކީޕަރު އިސްހާގު އީސާ ވެގެންދިޔައީ ފަހުން ހުއްރިއްޔާގެ އިތުރުން ގައުމީ ސީނިއާ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިންނަށެވެ. އެގޮތުން 1997 ގެ ސާފް ޗެމްޕިއަންޝިޕުން ރިހި މެޑަލް ހޯދި ޓީމުގައި އެ ކުޅުންތެރިން ހިމެނުނެވެ. އަދި އޭގެ ތެރެއިން އައްޔަ އާއި އަބުޅޯ ވަނީ ރާއްޖޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

ރޭގެ ހަފުލާގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ހާސިލްކުރި މޫސާ މަނިކު (ކުޑަމޫސަ) އާއި އޭނާގެ ކޮއްކޮ މުހައްމަދު ނަދީމަކީ ވެސް ހުސޭނުބެ ދައުރުގައި އެ ޓީމަށް ކުޅުނު ދެ ކުޅުންތެރިންނެވެ. މީގެ ތެރެއިން މޫސަ ވަނީ އެ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ.

ސަރުކާރުން ވަނީ ހުސޭނުބެ އަށް 1999 ވަނަ އަހަރު ކުޅިވަރަށް ހިދުމަތްކުރުމުގެ ރޮނގުން އާއްމުހިދުމަތަށް ހިތްވަރު ދިނުމުގެ އިނާމް ދީފަ އެވެ.