އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ކޯޗު ހެރީ ރެޑްނެޕް، އޭނާގެ އަސްދުއްވުމުގެ ކެރިއަރުގައި މިހާތަނަށް ދެކެމުން އައި އެންމެ ބޮޑު ހުވަފެން ހަގީގަތަކަށް ވުމާ ގާތަށް މިހާރު ގޮސްފައިވާކަމަށް ބުނެފި އެވެ
އެއީ ކުރިއަށް އޮތް "ޗެލްޓެންހަމް ގޯލްޑް ކަޕް" ކާމިޔާބު ކުރުމެވެ. މި އުއްމީދުގެ ފަހަތުގައި ވަނީ، އޭނާގެ މަރުވެފައިވާ މާމަގެ ހަނދާންތަކާއި، ކުޑައިރުގެ އުފާވެރި ހަނދާންތަކެއް ކަމަށް ޓޮޓްނަމް ހޮޓްސްޕާސްގެ ކުރީގެ ކޯޗު އޭއެފްޕީ އަށް ބުންޏެވެ.
ޕޯޓްސްމައުތަށް އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށް ދިން ކުރީގެ ކޯޗު ބުނީ ފުޓްބޯޅަ މެޗުތަކަށް ވުރެ އަސްރޭސްތައް ބަލާއިރު އޭނާ މާ ބޯޑަށް ހާސްވެ ޕްރެޝަރު ކުރިމަތިވާ ކަމަށެވެ.
"ފުޓްބޯޅައިގައި ނަމަ ހާފް-ޓައިމްގައި ކުޅުންތެރިންނާ ވާހަކަދައްކައި ކަންކަން ބަދަލުކުރެވިދާނެ. އެކަމަކު ރޭހެއްގައި ނަމަ، އެ ސޮރު (އަސް) ދުވަން ފެށުމުން ދެން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ހަމައެކަނި ކުރެވޭނެ ކަމަކީ ނޭވާ ހިފަހައްޓާލައިގެން ހުރެ ދުއާކުރުން،" ރެޑްނެޕް ބުންޏެވެ.
78 އަހަރުގެ ރެޑްނެޕްގެ އަސް "ދަ ޖޫކްބޮކްސް މޭން" އަކީ މިއަހަރުގެ ގޯލްޑް ކަޕްގެ އެންމެ ވަރުގަދަ އެއް ކެންޑިޑޭޓެވެ. މީޑިއާތަކާ ވާހަކަ ދައްކަމުން ރެޑްނެޕް ބުނީ، އޭނާގެ މި ޝައުގުވެރިކަން ފެށުނީ އުމުރުން އެންމެ އަށް އަހަރުގައި އޭނާގެ މާމަގެ ފުށުން ކަމަށެވެ.
"އަހަރެން ބޮޑުވީ ރޭޑިއޯއިން 'ގްރޭންޑް ނޭޝަނަލް' ރޭސްތައް އަޑުއަހަމުން. އަހަރެންގެ މާމަ އަކީ އެ ދުވަސްވަރު ބެޓްތައް ބަލަހައްޓާ 'ބުކީސް ރަނާ އެއް،" ރެޑްނެޕް ބުންޏެވެ.
ކޭކު ފެކްޓްރީއެއްގައި މަސައްކަތް ކުރި އޭނާގެ މަންމަ ވެސް، ރޭސްތަކުން މޮޅުވެގެން އިނާމު ހޯދިކަމަށް ރެޑްނެޕް ބުންޏެވެ.
ރޭސްތަކުގައި އޭނާ ބޭނުން ކުރާ އަހަކީ ރެޑްނެޕް ބުނި ގޮތުގައި އޭނާގެ ހުވަފެނެއް ހަގީގަތަކަށް ވުމެވެ. އެ އަސް ގަންނަން ބޮޑެތި އަގުތައް ހުށަހެޅި ނަމަވެސް، އެއްވެސް އަގަކަށް އެ އަސް ނުވިއްކާނެ ކަމަށް އޭނާ ބުންޏެވެ.
ކުރިއަށް އޮތް މާޗް މަހުގެ 13 ވަނަ ދުވަހު އޮންނަ މި ރޭހުގައި ރެޑްނެޕްގެ އަސް މޮޅުވެއްޖެނަމަ، އެއީ އޭނާގެ ކެރިއަރުގައި ލިބޭނެ ބޮޑު އެއް ކާމިޔާބީއަށް ވާނެއެވެ.
"އަހަރެން އަސްދުއްވުމުގެ ކުޅިވަރުދެކެ ވަރަށް ލޯބިވޭ. ފުޓްބޯޅައަކީ ޝައްކެއް ވެސް ނެތްގޮތުގައި އަހަރެންގެ މުޅި ދިރިއުޅުން. އެކަމަކު އާނ، ގޯލްޑް ކަޕް [އަސް ރޭހުގެ މުބާރާތް] ކާމިޔާބު ވެއްޖެނަމަ ހަގީގަތުގައިވެސް ވަރަށް ޚާއްސަ ކަމަކަށް ވާނެ،" 2017 ގައި ފުޓްބޯޅަ ކޯޗުކަމުން ރިޓަޔާ ކުރި ރެޑްނެޕް ބުންޏެވެ. - (އޭއެފްޕީ)