ޔޫރަޕްގެ މުބާރާތްތަކުގައި މި ސީޒަންގައި ވާދަ ކުރަމުން އަންނަ އިނގިރޭސި ނުވަ ކްލަބް ވެސް މުބާރާތްތަކުގެ ގަދަ 16 އިން މި ވަނީ ފުރުސަތު ހޯދައިފަ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަ ކުރާ ހަ ކްލަބްގެ ތެރެއިން އާސެނަލް އާއި ލިވަޕޫލް އަދި ޓޮޓްނަމް ހޮޓްސްޕާ އާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީ ވެސް ވަނީ ގަދަ 16 އިން ސީދާ ޖާގައެއް ހޯދައިފަ އެވެ.
މީގެ އިތުރުން ދެން ވާދަ ކުރާ ނިއުކާސަލް ޔުނައިޓެޑް ގަދަ 16 އަށް ދަތުރު ކޮށްފައި ވަނީ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި ފުރިހަމަ ކާމިޔާބެއް ހޯދައިގެންނެވެ.
ނިއުކާސަލް ވަނީ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި 6-1 އިން އަޒަރުބައިޖާންގެ ޤަރަބާގް ބަލިކޮށްފަ އެވެ. އަދި މި ހަފްތާ ދެވަނަ ލެގުގައި ވަނީ 3-2 އިން މޮޅުވެ، 9-3 ގެ އެގްރިގޭޓަކުން ކުރި ހޯދައިފަ އެވެ.
ޔޫރަޕްގެ ދެވަނަ ފަންތީގެ މުބާރާތް ކަމަށްވާ ޔޫރޮޕާ ލީގުގައި އިނގިރޭސި ދެ ކްލަބް ވާދަކުރެ އެވެ. އެގޮތުން އެސްޓަން ވިލާ ގަދަ 16 ގެ ސީދާ ޖާގައެއް ހޯދި އިރު، ނޮޓްނަމް ފޮރެސްޓް ވެސް މިވަނީ ޕްލޭއޮފްގައި ކާމިޔާބު ހޯދައިގެން ނޮކައުޓް ބުރަށް ކޮލިފައި ވެފަ އެވެ.
ފޮރެސްޓް ވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު ޕްލޭއޮފް ފަހު ލެގުގައި 2-1 އިން ތުރުކީގެ ފެނަބާޗޭ އަތުން ބަލިވެފަ އެވެ. ނަމަވެސް ފުރަތަމަ ލެގުގައި 3-0 އިން ފޮރެސްޓް މޮޅު ވެފައި ވުމުން ނޮކައުޓް ބުރުގެ ޖާގަ ހޯދީ 4-2ގެ އެގްރިގޭޓަކުންނެވެ.
ތިންވަނަ ފަންތީގެ ކޮންފަރެންސް ލީގުގައި ވާދަ ކުރަނީ ކްރިސްޓަލް ޕެލަސް އެވެ. ޕެލަސް ވަނީ ޕްލޭއޮފްގެ ފުރަތަމަ ލެގުގައި ބޮސްނިއާ އެންޑް ހާޒިގޮވީނާގައި އެ ގައުމުގެ ޒްރީންސްކީ މޮސްޓާ އާ ވާދަކޮށް 1-1 އިން އެއްވަރު ވެފަ އެވެ. ނަމަވެސް ރޭ އަމިއްލަ ދަނޑުގައި ކުޅުނު ދެވަނަ ލެގުގައި 2-0 އިން މޮޅުވެ، ޕެލަސް މި ވަނީ 3-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު ކޮނައުޓް ބުރުން ޖާގަ ޔަގީން ކޮށްފަ އެވެ.
ފުޓްބޯޅަ އެނަލިސްޓުން ބުނާގޮތުގައި، ގިނަ މުބާރާތްތަކެއްގައި އިނގިރޭސި ކްލަބްތައް އެންމެ މަތީ ފަންތީގައި ވާދަކޮށް ހޯދަމުން އަންނަ ކާމިޔާބީތަކުން ދައްކުވައިދެނީ އިނގިރޭސި ފުޓްބޯޅައިގެ ވާދަވެރިކަމާއި މާލީ ތަނަވަސްކަން ކަމަށެވެ.