ސައުދީ އަރަބިއްޔާގައި ހަތަރު އަހަރު ކުޅުމަށް ފަހު ކްރިސްޓިއާނޯ ރޮނާލްޑޯ، ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން ހިންގާ ސްޕެއިންގެ ދެވަނަ ޑީވިޝަންގެ ކްލަބެއްގެ 25 ޕަސެންޓް ހިއްސާ ގަނެފި އެވެ.
ޔޫޑީ އަލްމެއިރާ އިން ވަނީ އިއްޔެ މި ކަން އާއްމުކޮށް އަންގާ އިއުލާން ކޮށްފަ އެވެ.
ރޮނާލްޑޯގެ ސީއާރުސެވެން ސްޕޯޓްސް އިންވެސްޓްމަންޓުން ގަނެފައި ވަނީ ސައުދީގެ ވެރިރަށް ރިޔާދަށް ނިސްބަތްވާ އެޑްވަޓައިޒިން މީޑީއާ ފާމެއް ކަމަށްވާ ސައުދީ މީޑީއާ ކޮމްޕެނީ (އެސްއެމްސީ) ގުރޫޕުގެ ފުރިހަމަ ހިއްސާ އޮންނަ، ޔޫޑީ އަލްމެއިރާ އެވެ.
އެސްއެމްސީ ކުންފުންނަކީ ރޮނާލްޑޯ މިހާރު ކުޅެމުން އަންނަ އައް ނަސްރުގެ ހޯމް ސްޓޭޑިއަމް އައްވަލް ޕާކް ހިންގާ ކުންފުންޏެވެ.
ދަނޑުމަތީ އާއި ދަނޑުން ބޭރުގައި ރޮނާލްޑޯ އަހަރަކު 280 މިލިއަން ޑޮލަރު ހޯދަ އެވެ. މިއާ އެކު އޭނާ ވެފައި ވަނީ ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅިވަރު އެތުލީޓަށެވެ.
އުމުރުން 41 އަހަރުގެ ރޮނާލްޑޯ މި ވަނީ، މިހާރު ކުޅެމުން އަންނަ ކުޅުންތެރިންގެ ތެރެއިން ކުލަބްތަކަށް އިންވެސްޓް ކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ހިމެނިފަ އެވެ.
ޔޫޑީ އަލްމެއިރާ އެންމެ ފަހުން ލަ ލީގާގައި ވާދަ ކޮށްފައި ވަނީ 2023/2024 ގަ އެެވެ. އެއަށް ފަހު މިދިޔަ ސީޒަންގައި ސްޕެއިންގެ ދެވަނަ ޑިވިޝަންގެ ހަވަނައިގައި ނިންމި އިރު، މި ސީޒަންގައި އެ ޓީމު އަދި އޮތީ ތިންވަނައިގަ އެވެ.
ރޮނާލްޑޯ ވަނީ އޭނާ ލަ ލީގާގައި ރެއާލް މެޑްރިޑަށް ކުޅުނު ދުވަސްވަރު، ހަތަރު ސީޒަނެއްގައި ޔޫޑީ އަލްމެއިރާއާ ދެކޮޅަށް ހަތް މެޗެއްގައި ކުޅެ، ޖުމްލަ ހަތް ގޯލު ވެސް ޖަހައިފަ އެވެ.
ފާހަގަ ކޮށްލެވޭ އެއް ކަމަކީ ރޮނާލްޑޯ ރެއާލް މެޑްރިޑަށް ކުޅެމުން، އެންމެ ފުރަތަމަ އޭނާއަށް ރަތް ކާޑު ދެއްކީ، ޔޫޑީ އަލްމެއިރާއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގަ އެވެ.
ރެއާލްގެ ސެންޓިއާގޯ ބާނެބުއޭގައި ކުޅުނު އެ މެޗުގައި ރެއާލް މެޑްރިޑް 4-2 އިން މޮޅުވި އިރު، ރެއާލްގެ ފަހު ލަނޑު ފުރިހަމަ ވަގުތު ހަމަވާން ފަސްވަރަކަށް މިނިޓަށް ވެފައި ވަނިކޮށް ޖެހީ ރޮނާލްޑޯ އެވެ. ގޯލު ސެލެބްރޭޝަނާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދެއްކި އިރު އޭގެ ތިން ވަރަކަށް މިނިޓު ފަހުން ރޮނާލްޑޯ އަށް ރަތް ކާޑު ދެއްކީ އޭނާ އިދިކޮޅު ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.