ބޯޑޯ (ފެބްރުއަރީ 28) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވަރުގަދަ ޓީމުތަކާ ދެކޮޅަށް ހައިރާން ކުރަނިވި ނަތީޖާތަކެއް ނެރެމުން އަންނަ ނޯވޭގެ ބޯޑޯ/ގްލިމްޓްގެ ކުޅުންތެރިން، ޕްރެޝަރު ދަނޑިވަޅުތަކުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް ތަމްރީނު ކުރަން، ޓީމުގެ ސައިކޮލޮޖިސްޓެއްގެ ގޮތުގައި ހަމަޖައްސާފައި ހުންނަނީ އަސްކަރީ ތަޖުރިބާ ލިބިފައިވާ މީހެކެވެ.
އެ ގައުމުގެ ރޯޔަލް އެއާ ފޯސްގައި، ފައިޓާ ޖެޓް ޕައިލެޓެއްގެ ގޮތުގައި އަސްކަރީ މަސައްކަތްކުރި ބިޔޯން މަންސްވާކް އެ ޓީމުގެ ސައިކޮލޮޖިސްތެއްގެ ގޮތުގައި ހަމަޖެއްސީ 2017 ވަނަ އަހަރު، އެ ޓީމު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވުމުން ޓީމުގެ ކުޅުންތެރިންނަށް ނަފްސާނީގޮތުން ކުރި ނޭދެވޭ އަސަރުތަކާގުޅިގެން ޓީމުގެ އެތެރޭގެ މާހައުލު ރަނގަޅުކުރުމުގެ ގޮތުންނެވެ.
މާންސްވާކަކީ އަފްޣާނިސްތާނާއި ލީބިއާގެ މިޝަންތަކުގައި ހަރަކާތްތެރިވެފައިވާ އަސްކަރީ ތަޖުރިބާ ހުރި ފަރާތެކެވެ. އޭނާ އަންނަނީ ޕްރެޝަރު ވަގުތުތަކުގައި ވެސް ކުޅުންތެރިންގެ ނަފްސާނީ ހާލަތު އެންމެ ރަނގަޅަށް ބައްޓަން ކުރުމުގެ ގޮތުން މެޑިޓޭޝަން އާއި ފޯކަސް ޓްތޭނިން ފަދަ މިލިޓަރީ ސްޓައިލުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ތަމްރީނުތައް ޓީމުގެ ކުޅުންތެރިންނަށް ފޯރު ކޮށްދެމުންނެވެ.
ބޯޑޯ/ގްލިމްޓް ފުޓްބޯޅައިގައި ޔޫރަޕްގެ ސަމާލުކަން ހޯދީ 2021/2022 ސީޒަންގައި ޔޫއެފާ ކޮންފަރެންސް ލީގުގައި ވާދަކޮށް ކުއާޓާ ފައިނަލްގައި ކުޅުނު ހިސާބުންނެވެ. ގުރޫޕް ސްޓޭޖުގައި 6-1 އިން އެ ފަހަރު ޗެމްޕިއަންކަން ހޯދި ހޯޒޭ މޮރީނިއޯގެ ރޯމާ ބަލި ކުރި އިރު، ކުއާޓާގައި ބަލިވީ ރޯމާ އަތުންނެވެ.
އެއަަށް ފަހު ޖެހިގެން އައި ސީޒަންގައި ވަނީ ޔޫރޮޕާ ލީގުގެ ގުރޫޕް ސްޓޭޖް ފަހަނައަޅައިފަ އެވެ. ނަމަވެސް ނޮކައުޓް ބުރަށް ނުގޮސް ކެޓީ ޕްލޭއޮފުންނެވެ. އަދި މިދިޔަ ސީޒަންގައި އެ ޓީމު ވަނީ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ކުޅެފަ އެވެ. ސެމީގައި ބަލިވީ، މުބާރާތް ކާމިޔާބު ކުރި ޓޮޓްނަމް ހޮޓްސްޕާ އަތުންނެވެ.
މިދިޔަ ނޮވެމްބަރުގައި ނޯވޭގެ ސީޒަން ނިމުނު ފަހުން، ބޯޑޯ ވަނީ މި އަހަރު ރަސްމީ ހަތަރު މެޗު ކުޅެފަ އެވެ. މި ހަތަރު މެޗުން ވެސް އެ ޓީމު ވަނީ ޔޫރަޕްގެ ފުޓްބޯޅައިގެ ވަރުގަދަ ބާރުތައް ސިއްސުވާލައިފަ އެވެ.
ފުރަތަމަ ދެ މެޗަކީ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ ފަހު ދެ މެޗެވެ. ޖެނުއަރީގައި ކުޅުނު އެ ދެ މެޗުގައި ބޯޑޯ ވަނީ މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ވެސް ބަލި ކޮށް، ޕްލޭއޮފުން ޖާގަ ޔަގީން ކޮށްފަ އެވެ.
އެއަށް ފަހު މި މަހު ވަނީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފްގައި، އެންމެ ފަހުވެ ރަނަރަޕް އިންޓަ މިލާން ދެ ލެގުގައި ވެސް ބަލިކޮށް، ގަދަ 16 އަށް ދަތުރު ކޮށްފަ އެވެ.
ބޯޑޯ/ގްލިމްޓް އަކީ މާ މުއްސަނދި ވެރިއެއް ހިންގާ ކްލަބެއް ވެސް ނޫނެވެ. ނަމަވެސް އެ ކްލަބުން ކުލުންތެރިން ގަންނަނީ "ސްމާޓް" ވިސްނުމަކާ އެކު އެވެ. އޭއައިގެ ވެސް އެހީއާއެކު އެ ޓީމުން ހެޔޮ އަގުގައި ހުނަރުވެރި ކުޅުންތެރިން ގަތުމަށް ފަހު ބޮޑު އަގުގައި އެހެން ކްލަބްތަކަށް ވިއްކައިގެން ފައިދާ ވެސް ހޯދާއިރު، އެ ކުޅުންތެރިންނަށް އެހެން ކްލަބްތަކުގައި ރަނގަޅަށް ނުކުޅެވުމުން އަލުން އަނބުރާ އެ ކްލަބަށް ގެނެ އެވެ.
ޓީމުގެ ކޯޗު ޝެހްޓިލް ކްނޫޓްސެން އަކީ ގައުމުން ބޭރުގެ ތަޖުރިބާ ހުރި ކޯޗެއް ވެސް ނޫނެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި 2017 ގައި ހޭދަ ކުރުމަށް ފަހު ހެޑް ކޯޗުކަމާ ހަވާލުވީ 2018ގަ އެވެ. ނަމަވެސް އޭނާގެ ސްޓައިލަކީ އެ ގައުމުގެ ލެޖެންޑަރީ ކޯޗު ނިލްސް އާނޭ އެގެންގެ ނުފޫޒު އެކުލެވޭ ސްޓައިލެއް ކަމަށް އޭނާ އަމިއްލަ އަށް ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. ހަލުވި އެޓޭކިން ސްޓައިލެއްގައި 4-3-3 ސިސްޓަމަށް ކުޅުވާ ކޯޗު ކްނޫޓްސެން ވަނީ، ލިވަޕޫލްގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް އަކީ ވެސް އޭނާ ވަރަށް ގަޔާވާ ކޯޗެއް ކަމަށް ބުނެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ބޯޑޯ/ގްލިމްޓް ނުކުންނާނީ ޕޯޗުގަލްގެ ސްޕޯޓިންއާ އެވެ. ފުރަތަމަ ލެގުގައި އަންނަ މަހުގެ 11 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ކުޅުމަށް ފަހު ޕޯޗުގަލްގައި ދެވަނަ ލެގު ކުޅޭނީ 17 ވަނަ ދުވަހުގެ ރެއެވެ.
ނޯވޭ ލީގުގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހު 14ގަ އެވެ. އޭގެ ކުރިން އަންނަ ބުދަ ދުވަހު ނޯވޭޖިއަން ކަޕް 2025/2026ގެ ހަތަރުވަނަ ބުރުގެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.