ބޯޑޯ (މާޗު 12) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގެ އަށް މެޗުގެ ތެރެއިން ހަ މެޗުގައި ކުޅުނު އިނގިރޭސި ހަ ޓީމަށް ވެސް މޮޅެއް ނުހޯދުނު އިރު، ނޯވޭގެ ކުޑަކުޑަ ބޯޑޯ/ގްލިމްޓް ފުރިހަމަ މޮޅެއް ހޯދައިފި އެވެ.
އަމިއްލަ ދަނޑުގައި ރޭ ޕޯޗުގަލްގެ ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން ބޯޑޯ/ގްލިމްޓް މޮޅުވީ 3-0 އިންނެވެ.
ފުރަތަމަ ލެގުގެ އަށް މެޗު ވެސް ނިމިފައި ވާއިރު، ގަދަ 16 ގައި ވާދަކުރި އިނގިރޭސި ހަ ޓީމަކީ ޗެލްސީ، އާސެނަލް، ލިވަޕޫލް، މެންޗެސްޓާ ސިޓީ، ޓޮޓެންހަމް ހޮޓްސްޕާ އަދި ނިއުކާސަލް ޔުނައިޓެޑެވެ. މީގެ ތެރޭން އާސެނަލް އާއި ނިއުކާސަލް ކުޅުނު މެޗު އެއްވަރު ވެފައި ވާއިރު، ލިވަޕޫލާއި ޓޮޓެންހަމް އަދި ޗެލްސީ އާއި ސިޓީ ވެސް ވަނީ ބަލިވެފަ އެވެ.
އެންމެ 8،270 ސަޕޯޓަރުންގެ ޖާގައިގެ ދަނޑެއް އޮންނަ ބޯޑޯ/ގްލިމްޓް ރޭ ކުޅުނު މެޗު ބަލަން 7،971 ސަޕޯޓަރުން އެ ޓީމުގެ އަސްޕްމީރާ ސްޓޭޑިއަމަށް ވަދެފައިވެ އެވެ.
މި މެޗުގެ ފުރަތަމަ ލަނޑު 20 ވަނަ މިނިޓުގައި ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ސޮންޑްރޭ ބްރަންސްޓަޑް ފެޓް އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެ ޓީމަށް ލީޑު ފުޅާ ކޮށްދިނީ އޮލޭ ޑިޑްރިކް ބްލޮމްބާގެވެ. އަދި މެޗު ނިމެން ވިއްސަކަށް މިނިޓަށް ވެފައި ވަނިކޮށް ފަހު ލަނޑު ޖަހައިދިނީ ކެސްޕާ ހަގް އެވެ.
މިއީ ބޯޑޯ/ގްލިމްޓް ޗެމްޕިއަންސް ލީގު ކުޅޭ ފުރަތަމަ ފަހަރެވެ. ލީގުގެ ކޮލިފައިން ބުރުގެ މެޗެއް ފިޔަވައި، މިދިޔަ އަހަރު ތެރޭ އެ ޓީމު ކުޅުނު ލީގު ބުރުގެ އެއްވެސް މެޗަކުން މޮޅެއް ނުހޯދުނު ނަމަވެސް، މި އަހަރު (2026 ގައި) ބޯޑޯ/ގްލިމްޓް އަންނަނީ ކުޅޭ ހުރިހާ މެޗެއް ކާމިޔާބު ކުރަމުންނެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުގައި ނޯވޭގެ ޑޮމެސްޓިކް ސީޒަން ނިމިފައިވާ ބޯޑޯ/ގްލިމްޓް ވަނީ މި އަހަރު ކުޅުނު ލީގު ބުރުގެ ފަހު ދެ މެޗުގައި މެންޗެސްޓާ ސިޓީ އާއި އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގެ ޕްލޭއޮފުން ޖާގަ ހޯދައިފަ އެވެ. އަދި ގަދަ 16 އިން ޖާގަ ހޯދީ ޕްލޭއޮފްގެ ދެ ލެގުގައި ވެސް، އެންމެ ފަހުގެ ރަނަރަޕް އިންޓަ މިލާން ބަލި ކޮށްގެންނެވެ.
ގަދަ 16 ގައި ސްޕޯޓިންއާ ދެކޮޅަށް ކުޅުމުގެ ކުރިން ބޯޑޯ/ގްލިމްޓް ވަނީ މިދިޔަ ހަފްތާ، ނޯވޭޖިއަން ކަޕް 2025/2026ގެ ހަތަރުވަނަ ބުރުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ބޯޑޯ/ގްލިމްޓް ވަނީ މޯލްޑޭ ބަލިކޮށްފަ އެވެ.
ޕޯޗުގަލްގައި ސްޕޯޓިންއާ ދެކޮޅަށް ގަދަ 16 ގެ ދެވަނަ ލެގުގައި އަންނަ އަންގާރަ ދުވަހުގެ ރޭ ކުޅުމުގެ ކުރިން، މި ހަފްތާ ބަންދުގައި ނޯވޭ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. ނަމަވެސް ޕޯޓޯ މެޗަށް ތައްޔާރު ވުމުގެ ގޮތުން އެ މެޗު މިހާރު ވަނީ ފަސް ކޮށްފަ އެވެ.