އަންހެން ކުޅުންތެރިޔަކު ބްލެކްމެއިލްކޮށް ބިރުދައްކައިގެން ޖިންސީ ނާޖާއިޒު ގުޅުމެއް ހިންގަން އުޅުނުކަމުގެ ތުހުމަތު ކުރެވުނު ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗު ސޮފްވާން އަހްމަދު އުމުރަށް ސަސްޕެންޑް ކޮށްފި އެވެ.

އޭނާ އަށް ކުރެވުނު ތުހުމަތުތަކާ އެކު މިދިޔަ އޮކްޓޯބަރު މަހު އޭނާގެ މައްސަލަ ބަލަން އުފެއްދި އެޑްހޮކް ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓަށް ބަލައި އޭނާ އަށް ފަސް އަހަރުގެ ސަސްޕެންޝަނެއް ކުރިން އޮތީ ކުރިމަތިކޮށްފަ އެވެ. އެ ސަސްޕެންޝަނުގެ ފިޔަވަޅު އޭނާ އަށް އެޅީ އޮކްޓޯބަރު މަހު އެކްސްކޯގެ ނިންމުމަކުންނެވެ.

ރޭ ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ، އެޑްހޮކް ކޮމިޝަނުގެ ރިޕޯޓް ބަލައިގެންފަ އެވެ.

ވީއޭއެމްގެ އެކްސްކޯ މެންބަރެއްގެ ގޮތުގައި ހުރި ސޮފްވާނުގެ މަގާމާ މެދު ގޮތް ނިންމަން ކޮންގްރެސް އަކަށް ގެންދާގޮތަށް ވީއޭއެމުން އޮކްޓޯބަރު މަހު ނިންމި އެވެ.

އެ ރިޕޯޓަށް ބަލައި އަންނަނިވި ފިޔަވަޅުތައް ވީއޭއެމްގެ ކޮންގްރެސްއިން ވަނީ ސޮފްވާނާ ދެކޮޅަށް އަޅައިފަ އެވެ.

  • ވީއޭއެމްގެ އެކްސްކޯ މެންބަރުކަމުން ވަކިކުރުން
  • ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް އެ އެސޯސިއޭޝަނުގެ އެއްވެސް އިންތިޚާބީ ނުވަތަ އައްޔަންކުރާ މަގާމަކަށް އޭނާ ހަމަނުޖެއްސުން
  • މުޅި އުމުރަށް ވޮލީބޯޅައިގެ އެއްވެސް ހަރަކާތެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުން

"ސޮފްވާނާ މެދު މިފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމީ އޭނާގެ ފަރާތުން ފާހަގަކުރެވިފައިވާ ގިނަ މައްސަލަތަކަކާ ގުޅިގެން ކުޅުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ބޮޑުކަމަށް ފެންނާތީ އެވެ،" ވީއޭއެމުން ނެރުނު މީޑިއާ ސްޓޭޓްމެންޓްގައި ބުނެފައި ވެއެވެ.

ސޮފްވާނުގެ އަތުގައި ވީއޭއެމްގެ އިންތިހާބުގައި ވޯޓުލެވޭ ކްލަބްތަކެއް ވެސް އެބައޮތެވެ. އަދި އެ ކްލަބްތަކާއި އެހެން ބައެއް ކްލަބްތަކުގައި ކޯޗެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރި އެވެ.

އެއްވެސް ކްލަބެއްގައި ވެސް އޭނާ ހުރުން މަނާކޮށް ވީއޭއެމްގެ ކޮންގްރެސްއިން ވަނީ އެ އެސޯސިއޭޝަނުގެ މެންބަރު ކްލަބްތަކުން ވެސް ތަންފީޒު ކުރަންޖެހޭ ފިޔަވަޅުތަކެއް ފާސްކޮށްފަ އެވެ.

ސޮފްވާނާ ދެކޮޅަށް ކްލަބްތަކުން ތަންފީޒު ކުރަން ޖެހޭ ކަންކަން:

  • ވީއޭއެމްގެ މެންބަރު ކްލަބެއްގެ ހިންގާ ކޮމިޓީގައި ސޮފްވާނު ހިމެނޭނަމަ، 60 ދުވަހުގެ ތެރޭގައި އޭނާ އެ މަގާމުން ވަކިކުރުމަށް ކްލަބްތަކަށް ވަނީ އަންގާފައި (އެ މުއްދަތު ގުނަން ފަށާނީ 15 މާރިޗް 2026 އިން ފެށިގެންނެވެ.)
  • ކްލަބްގެ މަގާމުން ސޮފްވާނު ވަކިކުރިކަން ބަޔާންކޮށް ކޮމިޝަނާ އޮފް ސްޕޯޓްސް ދޫކޮށްފައިވާ ރަސްމީ ލިޔުން، ދީފައިވާ މުހުލަތުގެ ތެރޭގައި ކްލަބްތަކުން ވީއޭއެމަށް ހުށަހަޅަން
  • ކަނޑައެޅިފައިވާ މުއްދަތުގައި ސޮފްވާނު ވަކިކުރިކަމުގެ ލިޔުން ހުށަނާޅައިފިނަމަ، އެ ކްލަބެއް ވީއޭއެމްގެ ދަފްތަރުން އުނިކުރުން
  • އުނިކުރެވޭ ކްލަބަކަށް އެސޯސިއޭޝަނުގެ މެންބަރުކަން އަލުން ލިބޭނީ މީލާދީ ދެ އަހަރުގެ މުއްދަތެއް ފާއިތުވުމަށްފަހުގައި ކަމަށް ނިންމި

މީގެ ހަ މަސް ކުރިން، ފަސް އަހަރުގެ ސަސްޕެންޝަނެއް އޭނާ އަށް ކުރިމަތިކޮށްފައި ވަނިކޮށް ވެސް އެ ފިޔަވަޅުތަކާ އޭނާ ހިލާފަށް އުޅޭ ކަމަށް ވީއޭއެމުން ބުންޏެވެ.

"މިހާރު އަޅާފައިވާ ފިޔަވަޅުތަކާ އެކު ވެސް، ސަފްވާން އެކި ތަންތަނަށް ގޮސް ކޯޗުކޮށްދީ، ސްކޫލްތަކާއި ކޮލެޖްތަކުގެ ޓީމުތަކާ ގުޅިގެން މަސައްކަތްކުރަމުންދާތީ އެކަން ހުއްޓުވުމަށް އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކެކެވެ.،" ވީއޭއެމުން ބުންޏެވެ.

ސޮފްވާނަށް ކުރެވޭ ތުހުމަތުތަކާ އެކު އޭނާގެ މައްސަލަ ފުލހުން ވެސް އަންނަނީ ބަލަމުންނެވެ.