ފުޓްބޯޅައިގެ ޕްލެޓްފޯމްތަކުގައި ވެސް، ދުނިޔޭގައި ހިނގަމުންދާ ހަނގުރާމައިގެ ވާހަކަތައް ނުދައްކައި ދައްކަން ޖެހޭ ފުޓްބޯޅައިގެ ވާހަކައެއް ނޯންނާނެ ކަމަށް ސެވިއްޔާގެ ކޯޗު މަޓިއަސް އަލްމޭޑާ ބުނެފި އެވެ. 

އޭނާ އެ ވާހަކަ ދެއްކީ ބާސެލޯނާއާ ދެކޮޅަށް ސެވިއްޔާއިން އިއްޔެ ކުޅުނު މެޗާ ބެހޭގޮތުން ވާހަކަ ދައްކަން ހޮނިހިރު ދުވަހު ބޭއްވި ޕްރީ މެޗު ޕްރެސް ކޮންފަރެންސްގަ އެވެ. 

އޭނާ ބުނީ އެ ޕްލެޓްފޯމްގައި ވެސް ހަނގުރާމައިގެ ވާހަކަ ދައްކަން ޖެހޭނެ ކަމަށެވެ. އެ ވާހަކަ ނުދައްކައި ފުޓްބޯޅަ މެޗެއްގެ ވާހަކަ ދައްކަން ތިބުމަކީ އިންސާނިއްޔަތަށް ވެވޭ ހިޔާނެއް ކަމަށް އޭނާ ސިފާ ކުރި އެވެ. 

"މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމަ ހިނގަމުންދާއިރު، އަހަރެމެން މި ދައްކަނީ ފުޓްބޯޅަ މެޗެއް ކުޅޭ ވާހަކަ. މީގެ މާނައަކީ އެހެން އެއްވެސް ކަމަކާ މެދު އަހަރެމެން ފަރުވާލެއް ނެތޭ. މިއީ ވަރަށް ދެރަ ކަމެއް،" އަލްމޭޑާ ބުންޏެވެ.


މިކަމުގެ އެންމެ ހިތާމަވެރި ކަމަކީ (މި ހުރިހާ ކަމެއް ހިނގާއިރު ވެސް) މަސައްކަތް ކުރިއަށް ގެންދަން ޖެހުން؛ ހަނގުރާމައެއް ހިނގަމުންދާއިރު، އަހަރެން މި އުޅެނީ (ކޭމްޕް ނޯ އަށް) ގޮސް މެޗެއް ކުޅެ، 23 އަހަރުވީ ނާކާމިޔާބީގެ ސިލްސިލާ ނިމުމަކަށް ގެންނާނެ ގޮތަކާ މެދު ބޯ ގޭނުމުގައ. އަހަރެމެން މިވަނީ ރީތި މަސައްކަތެއްގެ ތެރެއިން ގޮސް އިންސާނިއްޔަތުކަމެއް ނެތް ފަދަ ހާލަތަކަށް ބަދަލުވެފަ." 

އޭނާ ބުނީ ހަނގުރާމަ އަށް ބޮޑެތި ހަރަދުތަކެއް ބޭކާރު ކުރާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތަށް ބަޔަކު ތިބީ ބަނޑަށް ޖެހިފައި ކަމަށެވެ. 

އޭނާ ބުނި ގޮތުގައި ހަމަލާ ދޭން ބޭނުން ކުރާ ކޮންމެ މިސައިލެއް ފޮނުވާލަން 50 މިލިއަން ހަރަދުކުރާއިރު، އެފްރިކާ ފަދަ ބައްރުތަކުގައި މީހުން ތިބީ ބަނޑަށެވެ. އެ ފައިސާ ހަނގުރާމައަށް ހޭދަކުރުމުގެ ބަދަލުގައި ތައުލީމާއި ކާބޯތަކެތި ފޯރުކޮށް ދިނުމަށް ހޭދަ ނުކުރަނީ ކީއްވެގެންތޯ އޭނާ ސުވާލު ކުރި އެވެ. 

"އުދުއްސާލާ ކޮންމެ މިސައިލަކަށް 50 މިލިއަން ހޭދަވާއިރު، އެފްރިކާގައި މީހުން އެތިބީ ބަނޑަށް. އެ މިސައިލްތަކުގެ ބަދަލުގައި އެ ފައިސާ ކާބޯތަކެއްޗަށާއި ތައުލީމަށް ހޭދަނުކުރަނީ ކީއްވެ؟ އަހަރެމެން މި އުޅެނީ އަމިއްލަ އެދުން ބޮޑު ދުނިޔެއެއްގައި،" އަލްމޭޑާ ސުވާލު އުފެއްދިއެވެ.

ފުޓްބޯޅައިގެ ތެރެއިން އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އިންސާނީ ގުޅުންތަކާއި އެކަކު އަނެކަކަށް ދޭ އިހުތިރާމް ދެމެހެއްޓުމަށް ކަމަށް އޭނާ ބުންޏެވެ. 

ނޫސްވެރިންގެ ބައްދަލުވުން ނިންމާލަމުން އަލްމޭޑާ ބުނީ ދުނިޔެ ހުރިހާ ގޮތަކުންވެސް ދަށަށް ހިނގައްޖެ ކަމަށެވެ އޭނާގެ ވާހަކަ މާ ބޮޑަށް އިހުސާސްތަކާ ގުޅުވާލެވުނީތީ މައާފަށް އެދޭ ކަމަށް ކޯޗު ބުންޏެވެ.