ފްލޮރިޑާ (މާޗު 19) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އޭނާގެ ކެރިއަރުގެ 900 ވަނަ ގޯލު ޖެހި ރޭ، އޭނާ ކުޅެމުން އަންނަ އިންޓަ މަޔާމީ، ކޮންކާކަފް ޗެމްޕިއަންސް ކަޕުން ކަޓައިފި އެވެ.

ކޮންކާކަފް ސަރަހައްދުގެ އެންމެ މަތީ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 ގައި އިންޓަ މަޔާމީން ވަނީ ރޭ އަމިއްލަ ދަނޑުގައި ނާޝްވިލްއާ ދެކޮޅަށް ކުޅުނު ދެވަނަ ލެގު މެޗުން 1-1 އިން އެއްވަރު ވެފަ އެވެ. ނާޝްވިލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އެގްރިގޭޓް އެއްވަރުވި ނަމަވެސް ނާޝްވިލް ކުއާޓާ އަށް ދަތުރު ކޮށްފައި ވަނީ އަވޭ ގޯލުންނެވެ.

ރޭގެ މެޗުގެ ހަތްވަނަ މިނިޓުގައި މެސީ، އިންޓަ މަޔާމީ އަށް ލީޑު ނަގައިދީފައި ވަނިކޮށް 74 ވަނަ މިނިޓުގައި ނާޝްވިލް އަށް އެއްވަރު ކޮށްދިން ގޯލު ޖަހައިދިނީ އާޖެންޓީނާގެ ކްރިސްޓިއަން އެސްޕިނޯޒާ އެވެ.


މެސީ އެންމެ ފަހުން، އެންމެ މަތީ ފަންތީގެ ސަރަހައްދީ ކްލަބް ފުޓްބޯޅަ މުބާރާތެއް ކާމިޔާބު ކޮށްފައި ވަނީ 2015 ގަ އެވެ. އެ އަހަރު އޭނާ ވަނީ ކެރިއަރުގެ ހަތަރު ވަނަ ޗެމްޕިއަންސް ލީގު ތަށި އުފުލާލައިފަ އެވެ.

ރޭގެ މެޗުގައި ޖެހި ގޯލާ އެކު އުމުރުން 38 އަހަރުގެ ފޯވާޑް މި ވަނީ 1,142 މެޗު ކުޅެގެން 900 ލަނޑު ހަމަ ކޮށްފަ އެވެ. އޭނާގެ ވާދަވެރި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މި އަދަދު ހަމަ ކޮށްފައި ވަނީ 5 ސެޕްޓެމްބަރު 2024 ގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގަ އެވެ. އެއީ ރޮނާލްޑޯ ކުޅުނު 1,238 ވަނަ މެޗެވެ.

އުމުރުން 41 އަަހރުގެ ރޮނާލްޑޯ އަންނަނީ ކެރިއަރުގެ 1000 ވަނަ ގޯލު ހަމަކުުރަން މަސައްކަތް ކުރަމުންނެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 1،309 މެޗުން 961 ގޯލު ޖަހައިފަ އެވެ.

މިހާރު ކުޅޭ ކުޅުންތެރިންގެ ތެރެއިން ލަނޑުގެ ގޮތުން މެސީ އާއި ރޮނާލްޑޯއާ އެއްމެ ގާތުގައި އޮތީ ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ ވަނީ މިހާތަނަށް 713 ގޯލު ޖަހައިފަ އެވެ.

މެސީ ވަނީ އިންޓަ މަޔާމީއަށް މިހާތަނަށް 81 ގޯލު ޖަހައިދީފަ އެވެ. ބާސާ އަށް 672 ގޯލު ޖަހައިދީފައި ވާއިރު އާޖެންޓީނާގެ ގައުމީ ޓީމަށް 115 ގޯލު ވަނީ ޖަހައިދީފަ އެވެ. އަދި ޕީއެސްޖީއަށް ކުޅެމުން ވަނީ 32 ގޯލު ޖަހައިދީފަ އެވެ. މެސީ އަކީ ޕީއެސްޖީ ފިޔަވައި ދެން އޭނާ ކުޅުނު ކޮންމެ ޓީމެއްގެ ވެސް އޯލް ޓައިމް ޓޮޕް ސްކޯރާ އެވެތިބި ޓީމުތަކަށް