އީދު ބައިބަލާގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދާ މި އަހަރުގެ "އީދު ބައިބަލާ ޗެލެންޖް 1447" ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ފަށައިފި އެވެ.

ކޮންމެ އަހަރަކުވެސް ޓީމުތަކުން ބޮޑު ހޭދައެއް ކޮށްގެން ދުރާލާ ޓީމުތައް ތައްޔާރުވާ މި މުބާރާތް، މީގެ ކުރިން ކުރިއަށް ގެންދިޔައީ ނޮކައުޓް އުސޫލުން ބަލިވާ ޓީމެއް ކަޓާ ގޮތަށެވެ. ނަމަވެސް އެ އުސޫލު މިހާރު ވަނީ ބަދަލުކޮށް ފަ އެވެ. މިހާރު އަމަލުކުރާ އުސޫލަކީ ޑަބަލް އެލިމިނޭޝަން އުސޫލެވެ. މި އުސޫލުގެދަށުން ފައިނަލާ ހަމައަށް ދިޔުމުގެ ކުރިން ބަލިވާ ކޮންމެ ޓީމަކަށް ވެސް އިތުރު ފުރުސަތެއް ލިބޭނެ އެވެ.

އާ ފޯމެޓާ އެކު މުބާރާތުގެ މެޗުތަކުގެ އަދަދު ވެސް އިތުރު ވެގެން ދާ އިރު، މި އަހަރުގެ މުބާރާތުގައި 38 ޓީމު ވާދަ ކުރެ އެވެ. ރޭ ފެށި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ރެ އެވެ.

މުބާރާތުގައި ރޭ ހަތް މެޗު ކުޅެފައި ވެ އެވެ. އެގޮތުން ފުރަތަމަ މެޗު ދަ ވަން ސްޕޯޓްސް ކްލަބް 2-1 ގޭމުން ކުޑަ ހެންވޭރު ޔުނައިޓެޑް ބަލި ކުރި އިރު، ދެވަނަ މެޗުގައި ކުޑަ ހެންވޭރު ލަޔަންސްއާ ވާދަކޮށް ސީދާ ދެ ގޭމުން ގެންދިޔައީ ބީޖީ ސްޕޯޓްސް ކްލަބުން ނެރުނު ޓީމު، ދަ ބީޖީސް އެވެ.

ތިންވަނަ މެޗުގައި މިދިޔަ އަހަރުގެ ރަނަރަޕް ލޮރެންޒޯ ސްޕޯޓްސް ކްލަބް ވަނީ ސީދާ ދެ ގޭމުން ޓީސީ ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ. އަދި އޭގެ ކުރީ އަހަރުގެ ރަނަރަޕް ކްލަބް ކާސިންޖީ (ސީކޭ) ވަނީ ސީދާ ދެ ގޭމުން ބުރު ސްޕޯޓްސް ކްލަބް ބަލި ކޮށްފަ އެވެ.

ވުލްވްސް ކްލަބު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
ވުލްވްސް ކްލަބު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން

ކާސިންޖާސް ވެސް ސީދާ ދެ ގޭމުން ޓީސީ ފްރެޓާނިޓީ ބަލި ކުރި އިރު، މި އަހަރު އަލަށް ވާދަކުރާ ދަ ވުލްވްސް ކްލަބް ވަނީ ސީދާ ދެ ގޭމުން ޖަނަވަރީއަންސް ބަލި ކޮށްފަ އެވެ. ވުލްވްސް ކްލަބުން ދެ ގޭމު ވެސް ގެންދިޔައީ އިދިކޮޅު ޓީމު ހުސްކޮށްލައިގެންނެވެ.

ރޭގެ އެންމެ ފަހު މެޗުގައި ބައްދަލުކުރީ ކްލަބް ޓީނޭޖާއި ކްލަބް ޒެފްރޯލް އެވެ. ދެހާސް ތޭވީހުގައި ބޭއްވި އީދު ބައިބަލާ ޗެލެންޖް 1444ގެ ޗެމްޕިއަންކަމާ އެކު ހަތަރު ތަށި ހަމަކުރި ޓީނޭޖް ވަނީ، މުބާރާތުގެ ތާރީހުގައި އެންމެ ގިނަ މިސްޓަ ބައިބަލާ އުފެއްދި ޒެފްރޯލް އަތުން ސީދާ ދެ ގޭމުން ބަލި ވެފަ އެވެ.

މި އަހަރުގެ މުބާރާތާ ކުރިމަތިލީ އިރު، ރެކޯޑް ތިން ފަހަރު މިސްޓަ ބައިބަލާ ހޯދާފައިވާ މުހައްމަދު ޝިނާން (ނާނި) ވަނީ ބައިބަލާ ކުޅުން ހުއްޓާލައިފަ އެވެ. ނާނިއާއެކު އަސްލަމް ވަހީދާއި އަބްދުﷲ ނިޝާން (އަބޯ) ވެސް ވަނީ ތިން ފަހަރު މިސްޓަ ބައިބަލާގެ މަގާމް ހޯދައިފަ އެވެ.

މިދިޔަ އަހަރު މި މަގާމް ހޯދި އަބޯ މި އަހަރު ފެންނާނީ ކްލަބް ޒެޕޯ އިންނެވެ. މިހާތަނަށް ޖެހިޖެހިގެން ދެ އަހަރު (2016 އާއި 2017ގައި) މިސްޓަ ބައިބަލާގެ މަގާމް ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާ އަސްލަމް، އެންމެ ފަހުން މި މަގާމު ހޯދީ 2022ގަ އެވެ.