ބައިބަލާގެ ރަސްގެފާނުގެ ނަމުން މަޝްހޫރު ބީޖީ ސްޕޯޓްސް ކްލަބް ބަލިކޮށް ޒެޕޯ ސްޕޯޓްސް ކްލަބް މި އަހަރުގެ އީދު ބައިބަލާ 1447 ގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ހުޅުމާލެއަށް ނިސްބަތްވާ ކްލަބަކުން ބައިބަލާގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މުޅިން ވެސް އީދު ބައިބަލާގެ ޗެމްޕިއަންކަން ހޯދާފައި ވަނީ މާލޭ ކްލަބްތަކުންނެވެ.

ޒެޕޯ ޗެމްޕިއަންކަން ހޯދާފައި މި ވަނީ ޑަބަލް އެލިމިނޭޝަން އުސޫލުން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްގެންނެވެ.

ގިނަ މިސްޓަ ބައިބަލާތަކަކާ އެކު ކުޅުނު ބީޖީ ވަނީ ފައިނަލް މެޗުގެ ފުރަތަމަ ގޭމުގައި ބޭރުން ކުޅެ، ތިން މިނިޓާއި ހަތަރު ސިކުންތު އޮއްވައި ފަރަހަ ޝާމް އަރައި ތިން ކުޅުންތެރިން ގެންގޮސްގެން 9-4 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްދީފަ އެވެ.

ގަދަ ހިފުމުގައި ޒެޕޯގެ ރަނީން ހުއްޓުވަން ބީޖީގެ ޝާޟް މަސައްކަތް ކުރަނީ.-- ފޮޓޯ: ތަ ޕްރެސް ފޮޓޯސް/ ބައިބަލާ އެސޯސިއޭޝަން
ގަދަ ހިފުމުގައި ޒެޕޯގެ ރަނީން ހުއްޓުވަން ބީޖީގެ ޝާޟް މަސައްކަތް ކުރަނީ.-- ފޮޓޯ: ތަ ޕްރެސް ފޮޓޯސް/ ބައިބަލާ އެސޯސިއޭޝަން

ނަމަވެސް ދެ ވަނަ ގޭމުގައި ޒެޕޯ ވަނީ ބޭރުން އަރައި ދެ މިނިޓާއި 37 ސިކުންތު ބާކީ އޮއްވައި 6-5 އިން ނަތީޖާ އަބުރާލައިގެން މި ގޭމް ގެންގޮސް ގަދަ ހިފުމަކަށް މެޗު ގެންގޮސްފަ އެވެ. ނަތީޖާ އެނބުރުނީ ޒެޕޯގެ މުހައްމަދު ނައްވާފް (މާކީ) އަރައި ފަރަހަ ޝާމް ނުބައިކޮށްލުމުންނެވެ.

ގަދަ ހިފުމުގެ ފުރަތަމަ ހަތަރު ހިފުން ނިމުނު އިރު ކޮޅަކަށް ދެ ހިފުން ގޮސްގެން ފަސްވަނަ ހިފުމަށް ގުރު ނެގިއިރު ބޭރުން އަރަން ޖެހުނީ ޒެޕޯ އެވެ. ޒެޕޯގެ މާކީ ވަނީ ބޭރުން އަރައި އެތެރޭގައި ހުރި އަހުމަދު މުހައްމަދު (އައްމަޑޭ) ގައިގައި އަތްލައި ރިންގުން ނުކުމެ އެ ޓީމަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.

މުބާރާތުގެ މިސްޓަ ބައިބަލާއަކަށް ވެސް ހޮވިފައި ވަނީ އުމުރުން 23 އަހަރުގެ އުންމީދީ ކުުންތެރިޔާ މާކީ އެވެ. މި މުބާރާތުގައި އޭނާ ތަފާތު މޮޅު ކުޅުމެއް ދައްކާފައި ވާއިރު، ކުއާޓާ ފައިނަލް މެޗުގައި މާކީ ވަނީ ރެއިޑަކަށް އަރައި އެއްފަހަރާ ހަ ކުޅުންތެރިން ނުބައިކޮށްފަ އެވެ.

މުބާރާތުގެ ފެއާޕްލޭ ޓީމުގެ އިތުރުން ފޭންސް ފޭވަރިޓް ޓީމަކަށް ވެސް ހޮވުނީ އޮޑި ސްޕޯޓްސް ކްލަބެވެ. ފޭންސް ފޭވަރިޓް ޕްލޭޔަރަކަށް ހޮވުނީ ކާސިންޖާސް ޓީމުގެ އަބްދުﷲ މުހައްމަދެވެ.

އެންމެ މޮޅު ކޯޗު، ޒެޕޯގެ ފާރިޝް.-- ފޮޓޯ: ތަ ޕްރެސް ފޮޓޯސް/ ބައިބަލާ އެސޯސިއޭޝަން
އެންމެ މޮޅު ކޯޗު، ޒެޕޯގެ ފާރިޝް.-- ފޮޓޯ: ތަ ޕްރެސް ފޮޓޯސް/ ބައިބަލާ އެސޯސިއޭޝަން

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޒެޕޯގެ ޒުވާން ކޯޗު ފާރިޝް ހާލިދެވެ. އޭނާ ވަނީ މިދިޔަ އަހަރު، ޒެޕޯގެ ފުރަތަމަ އަހަރު އެ ޓީމު ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބީޖީގެ މުހައްމަދު މިރުސާލް ޔާސިރު (މިރޫ) އާއި ފަރަހަ ޝާމްގެ އިތުރުން ޒެޕޯގެ ނުހާދު ރަޝީދާއި، އަބޯ އަދި މާކީ އެވެ.