މެންޗެސްޓާ ޔުނައިޓެޑްގެ ކޯއޯނަރު ޖިމް ރެޓްކްލިފްގެ އައިނިއޯސްއިން އިނގިރޭސި ކުރީގެ އޮލިމޕިކް ތަރި ބެން އިންސްލީއާ ދެކޮޅަށް 180 މިލިއަން ޕައުންޑްގެ ރޭސިން ބޯޓެއްގެ މިލްކުވެރިކަމާ މެދު ބޮޑު ގާނޫނީ ކޯޅުމެއް އުފެދިއްޖެ އެވެ.
ރެޓްކްލިފާއި އިންސްލީއަކީ ކުރިން އެކުގައި ވިޔާފަރި ކުރި ދެ ހިއްސާދާރުންނެވެ. ސެއިލިން އެތުލީޓެއްގެ ގޮތުގައި ކުޅިވަރުގެ ދާއިރާގައި ފާހަގަވި އިންސްލިއަކީ އޮލިމްޕިކްސްގައި އެންމެ ފާހަގަވި ސެއިލަރެވެ.
ރެޓްކްލިފާއި އިންސްލިއޯއާ ދެމެދު މައްސަލަ އުފެދުނީ މިދިޔަ އަހަރު ސްޕެއިންގެ ބާސެލޯނާގައި ބޭއްވި އެމެރިކާސް ކަޕްގައި ބޭނުންކުރި މަރުކާގެ ރޭސިން ބޯޓުގެ މިލްކުވެރިކަމާ މެދުގަ އެވެ. ރެޓްކްލިފްގެ އައިނިއޯސްއިން ވަކާލާތު ކުރަނީ އެ ބޯޓަކީ އެ ކުންފުނިން ބޮޑު ހޭދައެއް ކޮށްގެން ބަނދެފައިވާ އުޅަނދެއް ކަމަށެވެ.
އިންސްލީގެ "އެތީނާ ރޭސިން" އިން އެ ބޯޓު ހިފަހައްޓައިގެން ތިބުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އިނިއޯސްއިން ބުންޏެވެ. އަދި އައިނިއޯސްގެ ހުއްދައަކާ ނުލައި ކުރިއަށް އޮތް މުބާރާތްތަކުގައި އެ ބޯޓު ބޭނުންކުރުމަކީ އުސޫލުތަކާ ހިލާފަށް ކުރާ ކަމެއް ކަމަށް ރެޓްކްލިފްގެ ކުންފުނިން ބުންޏެވެ. ބޯޓު އަނބުރާ ހޯދުމަށް މިހާރު ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ކުރީގެ ދެ ޕާޓްނަރުންގެ ދެމެދުގައި އޮތް ގުޅުން ގޯސްވެފައިވަނީ މިދިޔަ އަހަރުގެ މުބާރާތަށްފަހު، ކުރިއަށް އޮތް އެމެރިކާސް ކަޕަށް އެއްބަސްވުމަކަށް ނާދެވި އައިނިއޯސް އިން އިންސްލީއާ ވަކިވާން ނިންމުމުންނެވެ.
"މި ބޯޓަކީ އިނގިރޭސި ތާރީޚުގައި ވެސް އެންމެ ކާމިޔާބު ބޯޓު މިއީ އިނިއޯސް އިން 180 މިލިއަން ޕައުންޑް ހަރަދުކޮށްގެން އުފެއްދި ބޯޓެއް." އިނިއޯސްގެ ތަރުޖަމާނު ނެރުނު ބަޔާނުގައި ވެއެވެ.
މީގެ ކުރިން 170 މިލިއަން ޕައުންޑް ޚަރަދުކޮށްގެން ބަނދެފައިވާ ފުރަތަމަ ބޯޓުގެ ފަރުމާއަށް ބިނާކޮށް ތައްޔާރުކުރި މި ބޯޓު އަނބުރާ ހޯދުމަށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ނަމަވެސް، މި ވާހަކަތަކަށް ރައްދު ދެމުން އޭންސްލީގެ "އެތީނާ ރޭސިން" ބުނީ ބޯޓު އަނބުރާ ނުދޭނެ ކަމަށާއި، އަންނަ އަހަރު އިޓަލީގެ ނޭޕްލްސްގައި ބާއްވާ އޭސީ 38 [އެމެރިކާ ކަޕްގެ 38 ވަނަ މުބާރާތް] މުބާރާތުގައި އެ ބޯޓު ބޭނުންކުރާނެ ކަމަށެވެ.
އިންސްލީގެ ކުނފުނިން ބުނީ އެ ބޯޓާއި އެހެނިހެން ވަސީލަތްތަކުގެ ފުރިހަމަ މިލްކުވެރިކަން އޮތީ އޭނާގެ ޓީމަށް ކަމަށެވެ.
"ވޭތުވެދިޔަ ދެ މުބާރާތުގައި ވެސް އިނިއޯސްއިން ދިން ސްޕޮންސަރޝިޕާއި އެހީތެރިކަމަށް އަބަދުވެސް ޝުކުރުވެރިވަން އޭގެ ނަތީޖާއެއްގެ ގޮތުން 2024 ވަނަ އަހަރު ބާސެލޯނާގައި، ބޭއްވި މުބާރާތަށް ނުކުތް ޓީމަކީ ވޭތުވެދިޔަ 60 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުން ނުކުތް އެންމެ ކާމިޔާބު އެއް ޓީމަށް މި ޓީމު ވަނީ ވެފަ،" އެތީނާގެ ރޭސިންގެ ބަޔާނުގައި ބުނެފައި ވެއެވެ.
"އެތީނާ ރޭސިންގެ މިލްކުވެރިކަމުގައިވާ، އަދި އަބަދުވެސް އެ ޓީމުގެ ބެލުމުގެ ދަށުގައި ހުރި ވަސީލަތްތައް އޭސީ38 ގައި ބޭނުންކުރުމަކީ އިނިއޯސްއަށް ހައިރާންވާންޖެހޭނެ ކަމެއް ނޫން."