އޮންލައިން "ޕްރިޑިކްޝަން މާކެޓް" ތަކުގައި ކުޅިވަރުގެ ނަތީޖާތަކަށް ބެޓްކުރުމާއި ކަސީނޯ ފަދަ ގޭމްތައް ކުޅުން މަނާކުރުމަށް އެމެރިކާގެ ސެނެޓަށް ބިލެއް ހުށަހަޅައިފި އެވެ.

"ޕްރިޑިކްޝަން މާކެޓްސް އާރް ގެމްބްލިން އެކްޓް" ގެ ނަމުގައި ހުށަހެޅި މި ބިލަކީ ކެލިފޯނިއާގެ ޑިމޮކްރެޓިކް ސެނެޓާ އެޑަމް ޝިފް އަދި ޔޫޓާގެ ރިޕަބްލިކަން ސެނެޓާ ޖޯން ކާޓިސް އިސްވެ  ހުށަހެޅުއްވި ބިލެކެވެ.

މި ބިލުގެ މައިގަނޑު މަގްސަދަކީ ފެޑްރަލް ކޮމޮޑިޓީ ފިއުޗާސް ޓްރޭޑިންގ ކޮމިޝަންއިން ރެގިއުލޭޓްކުރާ ޕްލެޓްފޯމްތަކުގައި ޅިވަރުގެ މުބާރާތްތަކާ ގުޅޭ ގޮތުން ފައިސާ މުާމަލާތްކުރުން ހުއްޓުވުމެވެ.

ޝިފް ވިދާޅުވި ގޮތުގައި، މިފަދަ ޕްލެޓްފޯމްތަކުން ކުރިއަށްގެންދާ ސްޕޯޓްސް ޕްރިޑިކްޝަންއަކީ އެހެން ނަމެއްގައި ކުރިއަށްގެންދާ ކުޅިވަރަށް ބެޓްކުރުމުގެ އަމަލެކެވެ. އަދި މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނުތަކާ ޚިލާފުވެ، އެމެރިކާގެ ސަރުކާރަށް ލިބެންޖެހޭ އާމްދަނީއަށް ހުރަސްއެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ބިލާ ގުޅިގެން އޮންލައިން ޓްރޭޑިންގައި ހަރަކާތްތެރިވާ ކުންފުނިތައްކަމަށް ކަލްޝީ އަދި ޕޮލިމާކެޓުން ވަނީ އެ ކުންފުނިތަކުގެ އުސޫލުތަކަށް ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ކުޅުންތެރިންނާއި، ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ މީހުން އަދި ސިޔާސީ ކެންޑިޑޭޓުން އެމީހުންގެ އަމިއްލަ މުބާރާތްތަކަށް ނުވަތަ އިންތިހާބުތަކަށް ބެޓްކުރުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް، މި ބިލު ހުށަހެޅުމާ އެކު  ރަސްމީކޮށް ބެޓްކުރާ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ މައްޗަށް ގޮސްފަ އެވެ.

ކަލްޝީގެ ތަރުޖަމާނަކު ބުނި ގޮތުގައި، މި ބިލުގެ ސަބަބުން މިފަދަ މުއާމަލާތްތައް ރެގިއުލޭޓް ނުކުރެވޭ ބޭރުގެ ޕްލެޓްފޯމްތަކަށް ބަދަލުވެގެންދާނެ އެވެ. އަދި މިއީ ކެސީނޯ ވިޔަފާރިތަކުގެ މަސްލަހަތު ހިމާޔަތްކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އެ ކުންފުނިން ތުހުމަތުކުރެ އެވެ.

މި ބިލު ފާސްވެއްޖެނަމަ، އޮންލައިން ޕްރިޑިކްޝަން މާކެޓްތަކުގެ ވިޔަފާރިއަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެވެ އެވެ. ސަބަބަކީ މިފަދަ ޕްލެޓްފޯމްތަކުގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ކުޅިވަރުގެ މުބާރާތްތަކާ ގުޅޭ މުއާމަލާތްތަކުން ކަމަށްވާތީ އެވެ.