ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސާފް ޗެމްޕިއަންޝިޕްގެ އުމުރުފުރާގެ މުބާރާތުގެ އިންތިޒާމްތަކަށް ބަންގްލަދޭޝްގެ ކޯޗު، އަޔަލެންޑްގެ މާކް އެޑްވާޑް ކޮކްސް ތައުރީފް ކޮށްފި އެވެ.
"އެންމެފުރަތަމަ ވެސް ބުނެލަން ބޭނުންވޭ މިއީ ކިހާ ފުރިހަމަ ދަނޑެއްހޭ. މިއީ ވަރަށް ސަޅި ޕިޗެކޭ. މުބާރާތް އިންތިޒާމުކުރާ ސާފް އާއި ހޯސްޓުކުރާ ފަރާތުން މިކުރަނީ ވަރަށް ފުރިހަމަ މަސައްކަތެއް. ޔޫރަޕުގެ ކަންކަމަށް ވުރެ ވެސް މާ ފުރިހަމަކޮށް މި މުބާރާޓް ފެންނަނީ،" އިއްޔެގެ މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މާކް ބުންޏެވެ.
ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގައި ޕާކިސްތާނާ ދެކޮޅަށް ކުޅެ ބަންގްލަދޭޝް އިއްޔެ މޮޅުވީ ދެވަނަ ހާފުގައި ކާމިޔާބު ކުރި ގޯލުތަކުން 2-0 އިންނެވެ. މި މޮޅާ ގުޅޭގޮތުން މާކް ބުނީ މިއީ މުޅި ޓީމު ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
އަދި ޕާކިސްތާނުން ވެސް ކުރު މުއްދަތެއްގެ ތެރޭގައި މުބާރާތަށް ތައްޔާރުވެގެން ދެއްކި ކުޅުމަށް މާކް ވަނީ ތައުރީފް ކޮށްފަ އެވެ.
އޭނާ ބުނީ ދެކުނު އޭޝިއާގެ ޓީމުތައް ކުޅެނީ ކުޅޭ ހިތުން ކަމަށާއި، މިއީ ޔޫރަޕާއި އެފްރިކާއަށް ވުރެ މާ ތަފާތު މާހައުލެއް ކަމަށެވެ.
މީގެ އިތުރުން ދެކުނު އޭޝިއާގެ ޓީމުތައް މިއަށްވުރެ ކުރިއަރައި، ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުޮށް، މި ސަރަހައްދުގައި ފީފާ ވޯލްޑް ކަޕް ފަދަ ބޮޑެތި މުބާރާޓްތައް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދިޔުމަށް އުންމީދު ކުރާކަމަށް އޭނާ ބުންޏެވެ.
ހަމަ އެއާ އެކު ޓީމުތައް ކޭމްޕް ކުރާ ހޮޓެލް ވެގެން ގޮސްފައި ވަނީ ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުންގެ މެދުގައި ގުޅުން ބަދަހިކޮށްދޭ މާހައުލަކަށް ކަމަށް މާކް ފާހަގަ ކުރި އެވެ.