ރާއްޖޭގައި މިހާރު ކުރިއަށްދާ ސާފް 20 އަހަރުންދަށުގެ ޗެމްޕިއަންޝިޕްގެ ގުރޫޕް ބީގެ ފުރަތަމަ މެޗުފައި ޕާކިސްތާނުގެ މައްޗަށް 0-2 ގެ ނަތީޖާއަކުން ބަންގްލަދޭޝް ކާމިޔާބުކޮށްފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރި މަސައްކަތުން ލަނޑެއް ފެނިފައި ނުވި ނަމަވެސް، ދެވަނަ ހާފު ފެށިގެން ބަންގްލަދޭޝްއިން ވަނީ ކުޅުން ވަރުގަދަކޮށް ޕާކިސްތާންގެ ގޯލަށް ބާރުބޮޑު ކޮށްފަ އެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ބަންގްލަދޭޝްއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ޒުވާން ތަރި ރޮނަން ސުލިވާންއެވެ.

ބަންގްލަދޭޝް ދަރިކޮޅުން އެމެރިކާ އަށް ނިސްބަތްވާ ސުލިވާން އެ ލަނޑު ޖެހީ ހިތްގައިމު ހިލޭޖެހުމަކުންނެވެ. އޭރިއާބޭރުން ލިބުނު ހިލޭ ޖެހުން އޭނާ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ. ޕާކިސްތާނުގެ ކީޕަރު ކާޝިފް އަށް އެ ބޯޅަ ސަލާމަތް ކުރުމުގައި ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ބަންގްލަދޭޝްއިން މެޗުގެ ކޮންޓްރޯލް ފުރިހަމައަށް އަތުލީ 67 ވަނަ މިނެޓުގައި ސުލިވާން އޭނާގެ ދެވަނަ ލަނޑުންނެވެ. އަރިމަތިން ހުރަސްކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ސުލިވަން ޖެހި ލާނޑާ އެކު  ބަންގްލަދޭޝް އަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުވި އެވެ.