އަންނަ ހޯމަ ދުވަހު މާލޭގެ ގަލޮޅު ރަސްމީ ދަނޑުގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި،  އަފްޣާނިސްތާނާ ދެކޮޅަށް ވާދަކުރަން ޖެހިއްޖެ އެވެ.

ދިވެހި ފުޓްބޯޅައަށް 75 އަހަރު ފުރުން (އަލިމަސް ޔޫބީލް) ފާހަގަކުރުމަށް އެފްއޭއެމްއިން އިންތިޒާމުކޮށްގެން ބާއްވާ ހާއްސަ ބައިނަލްއަގްވާމީ މި މުބާރާތުގައި ހަތަރު ޓީމު ވާދަ ކުރެ އެވެ. އެއީ ރާއްޖެ އާއި އަފްޣާނިސްތާނުގެ އިތުރުން ޕާކިސްތާނާއި ބަންގްލަދޭޝެވެ.

ބަންގަލަދޭޝްއިން ވާދަކުރަނީ އެ ގައުމުގެ 23 އަހަރުންދަށުގެ ޓީމެވެ. މުބާރާތް ކުރިއަށްދާނީ ލީގު އުޞޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ.

ރާއްޖެ އާއި އަފްޣާންގެ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭގަ އެވެ. އެ ދުވަހު ހަވީރު މުބާރާޓުގެ ފުރަތަމަ މެޗުގައި ޕާކިސްތާނާއި ބަންގްލަދޭޝް ވާދަކުރާނެ އެވެ.  މުބާރާތް ރަސްމީކޮށް ފަށާ ރަސްމިއްޔާތު ބާއްވާނީ ރާއްޖެ އާއި އަފްޣާން ކުޅޭ މެޗުގެ ކުރިންނެވެ. 

ރާއްޖޭގައި ފުޓްބޯޅަ އަށާއި ކުޅިވަރަށް ހާއްސަކޮށް ސަރުކާރުން ވަކި އިދާރާއެއް ހަދައިގެން މަސައްކަތް ފެށި އަހަރު، 1950 ން ފެށިގެން ދިވެހި ފުޓްބޯޅައިގެ ދިގު ތާރީހު ރަމްޒުކޮށްދޭ މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު ޓީވީއެމް ބިލްޑިންގައި ވަނީ ބާއްވާފަ އެވެ. 

ގުރު ނެގުމުގެ ރަސްމީ ބައި ކުރިއަށް ގެންދިޔައީ ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ކުރީގެ ދެ ކުޅުންތެރިން އަދި އެފްއޭއެމްގެ އެކްސްކޯ މެންބަރުކަން ވެސް ކުރައްވާ އިމްރާން މުހައްމަދާއި މުހައްމަދު އުމޭރެވެ.

މުބާރާތުގެ މެޗުތައް ތާވަލުކުރެވިފައިވާ ގޮތް:

  • ޖޫން 1 (މެޗުޑޭ 1):
  • ޕާކިސްތާން - - ބަންގްލަދޭޝް | ހަވީރު 16:00
  • ދިވެހިރާއްޖެ - އަފްޣާނިސްތާން | ރޭގަނޑު 21:00
  • ޖޫން 4 (މެޗުޑޭ 2):
  • ދިވެހިރާއްޖެ - ޕާކިސްތާން | ހަވީރު 16:00
  • އަފްޣާނިސްތާން - ބަންގްލަދޭޝް | ރޭގަނޑު 21:00
  • ޖޫން 7 (މެޗުޑޭ 3):
  • އަފްޣާނިސްތާން - ޕާކިސްތާން | ހަވީރު 16:00
  • ދިވެހިރާއްޖެ - ބަންގްލަދޭޝް | ރޭގަނޑު 21:00
  • ޖޫން 10 (މެޗުޑޭ 4 - ފައިނަލް މެޗު):
  • ލީގު ބުރުގެ އެއްވަނަ ޓީމު - ލީގު ބުރުގެ ދެވަނަ ޓީމު | ރޭގަނޑު 21:00

މި މުބާރާތުގެ ހުރިހާ މެޗެއްވެސް ޕަޕީއެސްއެމުން ވަގުތުން ދައްކަން، އެ ކުންފުންޏާ އެކު އެފްއޭއެމުން ރޭ ވަނީ އެއްބަސްވުން ހަދައިފަ އެވެ.