ޕާކިސްތާނާއި އަފްޣާނިސްތާން ބައްދަލުކުރާ މެޗަކީ ދެކުނު އެމެރިކާގެ އެންމެ ބޮޑު ދެ ބާރު ކަމަށްވާ ބްރެޒިލް އާއި އާޖެންޓީނާގެ ކުރިމަތިލުން ފަދަ ވާދަވެރިކަން ބޮޑު މެޗެއްގެ ގޮތުގައި އަފްޣާނިސްތާނުގެ ކޯޗު ބްރެޒިލްގެ ހޯސޭ އެންޓޯނިއޯ ނޮގޭރާ ސިފަކޮށްފި އެވެ.
މިރޭ ކުޅޭ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ހާއްސަކޮށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗު ނޮގޭރާ ބުނީ، މި ދެ ގައުމުގެ ކުރިމަތިލުންތަކަކީ ދަނޑުމަތީގައި އެއްވެސް ޓީމަކަށް ފަރުވާކުޑަކޮށްލެވެން ނޯންނާނެ ވަރުގަދަ "ޑާބީ" އެއް ކަމަށެވެ.
"ޕާކިސްތާނާއި އަފްޣާނިސްތާނަކީ ބްރެޒިލް އަދި އާޖެންޓީނާ ކަހަލަ ބައެއް. އެފަދަ ކުރިމަތިލުންތަކުގައި ދުވަހަކުވެސް ފަރުވާކުޑައެއް ނުކުރެވޭނެ. ދުވަހަކުވެސް އެ މެޗުގައި ހަމަޖެހިލައިގެން ނުހުރެވޭނެ. ދެ ގައުމުންވެސް ބޭނުންވަނީ ހަމައެކަނި މޮޅުވާން،" މެޗުގެ ފޯރި ސިފަކޮށްދެމުން ކުރިން ޕާކިސްތާނުގެ ކޯޗުގެ ގޮތުގައި ވެސް މަސައްކަތް ކުރި ނޮގޭރާ ބުންޏެވެ.
މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅޭ މެޗުގައި، އެ ދެ ޓީމުގެ ތެރެއިން ބްރެޒިލަކީ ކޮން ޓީމެއްތޯ، އެހުމުން ނޮގޭރާ ބުނީ އޭނާ ނިސްބަތް ވަނީ ބްރެޒިލަށް ކަމަށް، ވުމުން އަފްޣާނިސްތާނަކީ މިރޭގެ ފައިނަލުގައި ބްރެޒިލް ކަމަށެވެ.
ދެން އޭނާ ބުނީ ޕާކިސްތާނުގެ ކޯޗު ޕެރޫގެ ނޮލްބާޓޯ ސޮލާނޯއަކީ ދެކުނު އެމެރިކާ އަށް ނިސްބަތްވާ ތަޖުރިބާކާރަކަށް ވުމުން އެ ބައްރުގެ ފުޓްބޯޅައިގެ ޖޯޝު ދެ ޓީމުން ވެސް ފެނިގެންދާނެ ކަމަށެވެ.
"ޕާކިސްތާނުގެ ކޯޗު (ސޮލާނޯ) އަކީ ޕެރޫގެ މީހެއް. އޭނާއަކީވެސް ދެކުނު އެމެރިކާ މީހެއް. އެހެންވީމާ ދެ ޓީމުގެ ބެންޗުންވެސް ދެކުނު އެމެރިކާގެ ލޭ ހިނގުން ފެނިގެންދިއުމަކީ ދެ ގައުމަށް ވެސް ވަރަށް ފުރިހަމަ ކަމަކަށް ވާނެ،" ނޮގޭރާ ބުންޏެވެ.
"ދެ ޓީމުންވެސް ކުޅޭނީ ވަރަށް ވަރުގަދައަށް. އެމީހުން އަހަރެމެންނަށް ފަސޭހަވާގޮތަށް ގޭމް ނުރާވާނެ. އަދި އަހަރެމެންވެސް އެމީހުންނަށް ފަސޭހައެއް ނުކުރާނެ. އެހެންވީމާ މިއީ ވަރަށް ވަރުގަދަ މެޗަކަށް ވާނެ."
މި ބައްދަލުވުމުގައި އަފްޣާނިސްތާނުގެ ކެޕްޓަން އޮމީދު މުސާވީ ވެސް ވަނީ ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ އަދި ޖިއޮގްރަފީ ވާދަވެރިކަމުގެ ސަބަބުން ވެސް މެޗުގެ ފޯރިގަދަ ވާނެ ކަމަށެވެ.
"އަހަރެމެންނަކީ ޖިއޮގްރަފީ ގޮތުން އަވަށްޓެރިން. އަދި މި ދެގައުމުގެ ދެމެދުގައި ވަރަށް ގިނަ މައްސަލަތައް ހުރިކަން ދުނިޔޭގެ އެންމެންނަށްވެސް އެނގޭ. އެ ޓީމާ ދެކޮޅަށް ކުޅޭއިރު އަހަރެމެން އަބަދުވެސް ބޭނުންވަނީ އެންމެ މޮޅު ބަޔަކަށް ވާން. ޑާބީ މެޗެއް ކުޅޭއިރު އަބަދުވެސް އެ ތަފާތު ފޯރި ހުންނާނެ،" އޭނާ ބުންޏެވެ.
އަފްޣާނިސްތާނުން މި ފައިނަލަށް ނުކުންނަނީ ޓީމުގައި 20 އަހަރުން ދަށުގެ 5 ކުޅުންތެރިން ހިމަނައިގެން، ވަރަށް ޒުވާން ސްކޮޑަކާއެކުގަ އެވެ. ނަމަވެސް ނަފްސާނީ ގޮތުންނާއި ޕްރެޝަރުގެ ގޮތުން ދެ ޓީމުވެސް އޮތީ ހަމަހަމަ ފުރުސަތެއްގައި ކަމަށް އަފްޣާން ކޯޗު ނޮގޭރާ ގަބޫލު ކުރެ އެވެ.