ފައިނަލުގައި އަފްޣާނިސްތާނުގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައި، ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބިލީ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނުން ހޯދައިފި އެވެ. 

ރާއްޖޭގެ ފުޓްބޯޅަ އަށް 75 އަހަރު ފުރުނު، އަލިމަސްޔޫބީލް ފާހަގަ ކުރަން ބޭއްވި މުބާރާތުގައި ވާދަކުރީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ އިތުރުން ރާއްޖެ އާއި ބަންގްލަދޭޝް އެވެ. 

ޕާކިސްތާނު ފައިނަލަށް ދަތުރު ކުރީ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެ ގައުމުގެ، މި ކާމިޔާބަކީ 35 އަހަރަށް ފަހު ފުޓްބޯޅައިން އެ ޓީމު ހޯދި ފުރަތަމަ ކާމިޔާބެވެ. 

ކްރިކެޓްގެ މަގުބޫލުކަން ބޮޑު ޕާކިސްތާނުން ފުޓްބޯޅައިގެ ރަން ކާމިޔާބެއް މީގެ ކުރިން ހޯދީ 1991 ގެ ސާފް ގޭމްސްގެ ފުޓްބޯޅަ އިވެންޓްގަ އެވެ. 

ކޮލަމްބޯގައި ކުރިއަށް ދިޔަ، އެ ފަހަރުގެ ގޭމްސްގެ ފުޓްބޯޅައިގެ ރަން މެޑަލް ޕާކިސްތާނުން ހޯދީ ފައިނަލުގައި ރާއްޖޭގެ މައްޗަށް 2-0 ން ކާމިޔާބު ހޯދައިގެންނެވެ. 

ޕާކިސްތާނާއި އަފްޣާނިސްތާން ރޭ ކުޅުނު ފައިނަލު މެޗުގެ ތެރެއިން ---- ފޮޓޯ: ފަޔާޒު މޫސާ | މިހާރ
ޕާކިސްތާނާއި އަފްޣާނިސްތާން ރޭ ކުޅުނު ފައިނަލު މެޗުގެ ތެރެއިން ---- ފޮޓޯ: ފަޔާޒު މޫސާ | މިހާރ

މީގެ ކުރިން ފުޓްބޯޅަ އިވެންޓް އެކަނި ހިމެނުނު މުބާރާތެއްގެ ފައިނަލުގައި ޕާކިސްތާނުން މި ކުޅުނީ ވެސް 64 އަހަރަށް ފަހު އެވެ. އެ ޓީމުން މީގެ ކުރިން ކުޅުނު ފުޓްބޯޅަ އިވެންޓް އެކަނި ހިމެނުނު މުބާރަތަކީ 1962 ވަނަ އަހަރު މެލޭޝިޔާގައި ބޭއްވި މަޑީކާ ކަޕްގަ އެވެ. އެ ފަހަރު ކުޅުނު ފައިނަލް މެޗުގައި އިންޑޮނޭޝިއާ އަތުން ޕާކިސްތާން ބަލިވީ އެވެ.

ޕާކިސްތާނުން މުބާރާތް ކާމިޔާބު ކުރީ ކުޅުނު ހަތަރު މެޗުގައި ހަތް ލަނޑު ޖަހައިގެންނެވެ. ޓެކްޓިކަލް ޑިފެންސިވް ގޭމެއް ކުޅުނު ޓީމު ކޮޅަށް ހަތަރު މެޗުގައި ވެސް އެންމެ ލަނޑެއް ވެސް ވަދެފައެއް ނުވެ އެވެ.

މާލޭގެ ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ، ރާއްޖޭގެ އެ ދަނޑަށް ފަރތި ތަޖުރިބާކާރު ކީޕަރު ސާގިބް ހަނީފް ގޯލް ކީޕަރަކަށް ލައިގެން ކުޅުނު މެޗުގައި ވެސް ޕާކިސްތާނުން ޑިފެންސިވް ޓެކްޓިކަލް ގޭމް އެގޮތުގައި ދެމެހެއްޓި އެވެ. އެ ޓީމުން ވަނީ އަފްޣާނިސްތާނަށް މާ ބޮޑު ފުރުސަތެއް ނުދީ ޑިފެންސިވް ޑިސިޕްލިން ހިފަޖައްޓައިގެން ޕާކިސްތާނުން ކުޅުނެވެ.

މެޗުގެ 24 ވަނަ މިނެޓްގައި ޕާކިސްތާނުގެ ހާރިސް ޒޭބް، ނަގައިދިން ހުރަސް ފުރަތަމަ ގޯލަށް ފޮނުވާލީ އޯޓިސް ހާން އެވެ. އޭނާ ފޮނުވާލި ބޯޅަ ބާރެއް ނެތް ނަމަވެސް އެ ބޯޅަ އޭރިއާގެ ތެރޭގައި ހުރި ސަހާޔަކް ދޯސްތަށް ލިބުނެވެ. އޭނާ ވަނީ ބައިސްކަލް ކިކަކުން ގޯލްގެ ތެރެއަށް ފޮނުވާލި އެވެ. 

ޕާކިސްތާނުގެ މަދު އަދެއްގެ ސަޕޯޓަރުންގެ ތެރޭގައި ހުރި ކުޑަކުއްޖަކު އެ ޓީމަށް ސަޕޯޓް ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ޕާކިސްތާނުގެ މަދު އަދެއްގެ ސަޕޯޓަރުންގެ ތެރޭގައި ހުރި ކުޑަކުއްޖަކު އެ ޓީމަށް ސަޕޯޓް ކުރަނީ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެ ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިލާފަ އެވެ. އަފްޣާނިސްތާނުގެ ކީޕަރު ފައިސަލް އަހްމަދު ހާމިދީ އަށް، އެ ބޯޅަ ދިފާއު ނުކުރެވުނެވެ. 

ފުރަތަމަ ހާފުގައި އަފްޣާނިސްތާނުގެ އޮމީދު މުސާވީ ފޮނުވާލި ބާރު ހަމަލާއެއް، ޕާކިސްތާނުގެ ގޯލް ދަނޑިއަށް އަމާޒުވި އެވެ. 

ދެވަނަ ހާފުގައި ވިންގުން ހަމަލާ އުފައްދަން އަފްޣާނިސްތާނުން ކުރިއަށް ޖެހިގެން މަސައްކަތް ކުރި އެވެ. އެކަމަކު ޕާކިސްތާނުން ވަނީ އެ ޓީމުގެ ޑިފެންސް ފޫއެޅުނަ ނުދީ ގޭމް ހިފަހައްޓައިފަ އެެވެ. 

މެޗުގެ އިތުރު ވަގުތުގައި، އަފްޣާނިސްތާނުގެ މުޅި ޓީމު ކަހަލަ ގޮތަކަށް ކުރިއަށް ޖެހި ތިބި ވަގުތު ޕާކިސްތާނުން ކައުންޓަ އެޓޭކްގައި އެ ޓީމުގެ ހާރޫން ރަޝީދު ކުރިއަށް އަރައި އަފްޣާނިސްތާނުގެ ފަހަތުގައި ހުރީ އެ ޓީމުގެ ހަމައެކަނި ޑިފެންޑަރު އަލީ ރަޔޭޒް މުރާދު ބީޓް ކޮށްލުމަށް ފަހު ގޯލްގެ ތެރެއަށް ވައްދާލީ ފަސޭހަ ކަމާ އެކު އެވެ. 

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ހޮވުނީ ވެސް ހާރޫން ރަޝީދެވެ. އޭނާ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޯޓިސް ހާން އެވެ.