އަންނަ މަހު ރާއްޖޭގައި ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ވާދަކުރާ ޕާކިސްތާނު ގައުމީ ޓީމުގެ ކެޕްޓަން އަބްދުﷲ އިގްބާލް، އޭނާ ކުޅެމުންދާ ސްވިޑެންގެ މިއެލްބީ  އާއެކު ސްވިޑިޝް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރާއްޖެ އާއި ޕާކިސްތާނުގެ އިތުރުން ޑައިމަންޑް ޖުބިލީގައި ދެން ވާދަކުރާނީ އަފްޣާނިސްތާނާއި ބަންގްލަދޭޝް އެވެ. ޕާކިސްތާނާއި އަފްޣާނިސްތާނުގައި ޔޫރަޕްގެ އެކި ކްލަބްތަކަށް ކުޅެމުންދާ ކުޅުންތެރިން ހިމެނެ އެވެ. އެ ހުރިހާ ކުޅުންތެރިންގެ ތެރެއިން ވެސް އެންމެ ހައި ޕްރޮފައިލް ކުޅުންތެރިޔަކީ ސްވިޑެންގެ އެންމެ މަތީ ލީގުގައި ކުޅެމުންދާ އުމުރުން 23 އަހަރުގެ އަބްދުﷲ އިގްބާލެވެ. 

ޖުމުލަ 16 ޓީމު ވާދަކުރާ ލީގުގައި މިއެލްބީ އޮތީ މިވަގަުތު ހަ ވަނައިގަ އެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު ސްވިޑިޝް ކަޕް ފައިނަލް މެޗުގައި "ހަމާބީ"އާ ވާދަކޮށް މިއެލްބީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އިގްބާލް ވަނީ އެ ޓީމުގެ މައި ސެންޓްރަލް ބެކްގެ ގޮތުގައި ކުޅެ، ޑިފެންސްލައިން ވަރުގަދަކޮށް ބަލަހައްޓައިދީފަ އެވެ.

ސްވިޑެންގެ މިއެލްބީ އަށް ކުޅެމުން އަންނަ ޕާކިސްތާނުގެ ކެޕްޓަން އަބްދުﷲ އިގްބާލް
ސްވިޑެންގެ މިއެލްބީ އަށް ކުޅެމުން އަންނަ ޕާކިސްތާނުގެ ކެޕްޓަން އަބްދުﷲ އިގްބާލް

ސްވިޑެންގެ ސޮލްނާގައި ހުންނަ ސްޓްރޯބެރީ އެރީނާގައި 39,903 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި ފައިނަލް މެޗުން މިއެލްބީ މޮޅުވީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޭކޮބް ބާގްސްޓްރޮމް ޖަހައިދިން ލަނޑުންނެވެ. އޭގެ ކުރިން މެޗުގައި ފުރަތަމަ ލީޑް ނެގި ލަނޑު މިއެލްބީ އަށް ޖަހައިދީ އެލިއޮޓް ސްތޫރޫޑެވެ. އޭގެ ތިން މިނެޓް ފަހުން ޕައުލޯސް އަބްރަހަމް ހަމާބީ އަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ. 

މި ކާމިޔާބާ އެކު، ޕާކިސްތާނުގެ ކެޕްޓަން އަބްދުﷲ އިގްބާލް ރާއްޖެ އަންނާނީ ފޯމުގައި ހުރެގެންނެވެ. ޑައިމަންޑް ޖުބިލީގައި ވާދަކުރަން އިގްބާލް ހުރީ ފިޓްކޮށެވެ. ސްވިޑެން ލީގުގައި އިއްޔޭ ބީކޭ ހެކަންއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އޭނާ ވަނީ ފުރިހަމަ 90 މިނެޓް ކުޅެފަ އެވެ.

ޑެންމާކުގެ ކޯޕަންހޭގަންގައި ޕާކިސްތާނުގެ އާއިލާ އަކަށް އުފަން އިގްބާލް މިއެލްބީ އަށް ބަދަލުވީ 2024 ގަ އެވެ. އެ ކްލަބުން ވަނީ ސްވިޑެންގެ ލީގު ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދާފަ އެވެ.