އޭޝިއާގެ ފުޓްބޯޅަ އަށް ކުރިއެރުން ގެންނަން ބޭނުންނަމަ، ކުޅުންތެރިން ޔޫރޮޕްގެ ލީގުތަކުގައި ކުޅެން ފުރުސަތު ހޯދައި ދޭން ޖެހޭ ކަމަށް ޕާކިސްތާނުގެ ކޯޗު ނޮލްބާޓޯ ސޮލާނޯ ބުނެފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ގާތްގަނޑަކަށް 230 މެޗު ކުޅުނު ކުރީގެ މިޑްފީލްޑަރު ސޮލާނޯ ބުނީ ޔޫރަޕްގެ ލީގުތަކުގައި ކުޅުމަކީ މުޅިން ތަފާތު ތަޖުރިބާއެއް ކަމަށެވެ.
ނިއުކާސަލް ޔުނައިޓެޑްގެ ކުރީގެ ތަރި ސޮލާނޯ، މިސާލަކަށް ދެއްކީ ޕާކިސްތާނުގެ ކެޕްޓަން އަބްދުﷲ އިގްބާލެވެ. ސްވިޑެންގެ އެންމެ މަތީ ލީގުގެ ކްލަބް މިއެލްބީ އެފްސީގެ ޑިފެންޑަރަށް ތައުރީފް ކުރަމުން ސޮލާނާ ބުނީ އަބްދުﷲ އިގްބާލަކީ ޒުވާން ކުޅުންތެރިންނަށް ހުރި ނަމޫނާ އެއް ކަމަށެވެ. އަދި އޭނާގެ ކިބައިން ފެންނަ ލީޑާޝިޕާއި ތަފާތަކީ ޔޫރަޕްގެ ފުޓްބޯޅައިގެ ތެރެއިން ލިބުނު ރަން ފުރުސަތެއް ތަޖުރިބާ ކަމަށް ސޮލާނޯ ސިފަކުރި އެވެ.
"އަހަރެމެންގެ ކެޕްޓަނަކީ އެހެން ކުޅުންތެރިންނަށް ހުރި ނަމޫނާއެއް. މިއީ ފުޓްބޯޅައިގެ ޔޫރަޕްގައި ކުރިއަށްދާން ލިބުނު ފުރުސަތެއް އަދި އަހަރެމެން މި ބަލަނީވެސް އެކަހަލަ ފުރުސަތުތަކަށް،" ޔޫރަޕްގައި ކުޅުމުގެ ފައިދާ ހާމަކުރަމުން ވޯލްޑް ކަޕްގައި ޕެރޫގެ އެސިސްޓެންޓް ކޯޗުކަން ވެސް ކުރި ސޮލާނޯ ބުންޏެވެ.
"އަހަރެން އުންމީދު ކުރަން ހުރިހާ ގައުމަކަށް ވެސް މިގޮތް ވާނެ ކަމަށް. އޭޝިއާގައި ފުޓްބޯޅައިން ވަރަށް ބޮޑަށް ސަމާލުކަން މިކަމަށް ދޭންޖެހޭ."
މާލޭގައި މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ ފައިނަލުގައި ޕާކިސްތާނުން މިރޭ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ.
މިރޭގެ މެޗަކީ 35 އަހަރަށް ފަހު ޕާކިސްތާނުން ފުޓްބޯޅައިގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ސޮލާނޯ ބުނީ ދިގު މުއްދަތަކަށް ފަހު ފައިނަލަކަށް ދެވުމުން ފުޓްބޯޅައާ މެދު ކްރިކެޓްގެ މަޝްހޫރުކަން ބޮޑު ޕާކިސްތާނުގައި ވިސްނުން ބަދަލުވެގްންދާނެ ކަމަށެވެ.
ކައިރިކައިރީގައި ފީފާގެ ސަސްޕެންޝަނާ ތިން ފަހަރެއްގެމަތިން ކުރިމަތިލި ޕާކިސްތާނުގައި ރަސްމީ ފުޓްބޯޅަ ލީގެއް ނެތެވެ.
އޭނާ ބުނީ ޕާކިސްތާނުން ދެން އެންމެ އަވަހަށް އަޅަންޖެހޭ ފިޔަވަޅަކީ އަމިއްލަ ޕްރޮފެޝަނަލް ލީގެއް އުފެއްދު މެވެ.
"އެއީ ޒުވާން ކުދިންނަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ ހުވަފެން ދެކެން ފުރުސަތު ދިނުމުގެ ގޮތުން،" ޕާކިސްތާނުގައި ޕްރޮފެޝަނަލް ލީގެއްގެ މުހިންމުކަން އޭނާ ފާހަގަ ކުރި އެވެ.
ކުޅުނު ތިން މެޗުން ވެސް ޕާކިސްތާނު ކޮޅަށް ލަނޑެއް ނުވަދެ އެވެ. އެ ޓީމުން ފަސް ލަނޑު ޖެހި އެވެ. ސޮލާނޯ ގޭމް ރާވަފައި ވަނީ ފަސް ޑިފެންޑަރުން ހިމެނޭ ގޮތަށެވެ. މެޗުން މޮޅުވިޔަސް ޕާކިސްތާނުގެ ބައެއް މީޑީއާތަކުން ވަނީ އެ ފޯމޭޝަނަށް ސޮލާނޯ ކުޅުވާތީ ފާޑުކިޔައިފަ އެވެ.
އޭނާ ބުނީ މީޑީއާއިން ކިޔާ ފާޑުކިޔުންތަކާ މެދު އޭނާ ސަމާލުކަން ނުދޭ ކަމަށާއި އޭނާ ކުޅުވާ ސިސްޓަމަކީ ޕާކިސްތާނުގެ ކުޅުންތެރިންނަށް ފަސޭހަ ސްޓައިލެއް ކަމަށެވެ.
"ފާޑުކިޔުމަކީ ކުޅިވަރުގެ ބައެއް. މޮޅުވާ ދުވަހު އަހަރެމެން މިއީ އެންމެ މޮޅު މީހުން. ބަލިވާ ދުވަހު އެންމެ ގޯސް މީހުން. އެކަމަކު އަޅާނުލާ، އެއީ ހަމަ އިހުތިރާމާ އެކު ފާޅުކުރާ ހިޔާލުތައް. އަހަރެން ގަބޫލުކުރަނީ އަހަރެމެންގެ ކުޅުންތެރިންނަށް މި ސިސްޓަމް އެނގޭކަން،" މީޑިއާގެ ފާޑުކިޔުންތަކަށް މާބޮޑު ފަރުވާލެއް ނެތްކަން ހާމަކުރަމުން ސޮލާނޯ ބުންޏެވެ.