ޖޫން މަހު މާލޭގައި ބޭއްވި ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީއަށް ހަމަލާ ދިން ބަންގްލަދޭޝްގެ އަލް އަމީން 15 މެޗަށް ސަސްޕެންޑް ކޮށްފި އެވެ.
ޖޫން މަހު ހަތްވަނަ ދުވަހުގެ ރޭ ގައުމީ ކުޅުނު މެޗު، ބޮޑު ހަމަނުޖެހުމަކަށް ބަދަލުވީ ރެފްރީގެ ނިންމުންތަކާ ހެދި ބަންގްލަދޭޝްގެ ބެންޗުން ހޫނުވުމުންނެވެ.
އެ މައްސަލަތައް ބަލައި އޮފިޝަލުންނާއި ކުޅުންތެރިންނާ ދެކޮޅަށް ފިޔަވަޅު އެޅީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ.
ބަންގްލަދޭޝްގެ ސީނިއާ ޓީމަށް ވެސް ކުޅޭ އަމީން، 15 މެޗަށް ސަސްޕެންޑް ކުރީ ރެފްރީގެ ގައގައި ދެ ފަހަރަށް ޖެހުމުންނެވެ. އޭނާގެ އިތުރުން އެ މެޗުގައި، ބަންގްލަދޭޝަށް ލަނޑު ޖަހައިދިން މިރާޖުލް އިސްލާމް، ދެ މެޗަށް ސަސްޕެންޑް ކުރި އެވެ. އޭނާ ސަސްޕެންޑް ކުރީ ބެންޗުގައި ހުރެ ރެފްރީގެ ނިންމުމާ ދެކޮޅަށް ބުނި އެއްޗެއްގެ ސަބަބުންނެވެ.
އެ ޓީމުގެ މެނޭޖަރު ޝަހީން ހަސަނުގެ މައްޗަށް ވެސް ޖޫރިމަނާގެ ފިޔަވަޅު ފީފާގެ ކޮމިޓީން ކުރިމަތި ކުރި އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅެ 1-1 ން އެއްވަރުވި، މެޗުގެ އިތުރު ވަގުތުގައި، ރާއްޖޭގެ ހަސަން އީނާޒަށް، ބަންގްލަދޭޝްގެ ކުޅުންތެރިޔަކު ކުރި ޗެލެންޖަކަށް ރެފްރީ ފައުލެއް ދެއްކުމުން ބަންގްލަދޭޝްގެ ކުޅުންތެރިން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.
މެޗުގެ ރެފްރީ އިންޑިއާގެ ސެންތިލްނާތަންގެ ނިންމުމާ މެދު، އަމީން ހިތްހަމަނުޖެހުމުން އޭނާ އަށް ދެވަނަ ރީނދޫ ކާޑެއް ދައްކައި ރަތް ކާޑް ދެއްކި އެވެ. އެކަމާ ހިތްހަމަނުޖެހި އޭނާ ރެފްރީގެ ގައިގައި ޖެހި އެވެ. ބަންގްލަދޭޝްގެ އެހެން ކުޅުންތެރިން އޭނާ ކޮންޓްރޯލް ކުރަން މަސައްކތް ކުރި އެވެ.
ފަހުން މެޗުގެ ކުޅުން ކުރިއަށް ގެންދިޔަ އެވެ. އެންމެ ފަހު ވަގުތުގައި ބަންގްލަދޭޝްގެ އޭރިއާ ކައިރިން ރާއްޖޭގެ ޒުވާން ފޯވާޑް ނައްސާހް އިބްރާހިމް ނާސިރާ، ބަންގްލަދޭޝްގެ ކުޅުންތެރިން ކުރިމަތިލައި ދެ ޓީމުގެ ކުޅުންތެރިން ވެސް ތަޅާފޮޅި އެވެ.
މި މެޗުގެ ހަމަނުޖެހުންތަކާ ގުޅިގެން، ރާއްޖޭގެ ޓީމުގެ އޮފިޝަލަކަށް ނުވަތަ ކުޅުންތެރިޔަކަށް ފިޔަވަޅު އެޅިކަން އެނފިފައެއް ނުވެ އެވެ.