ދިވެހި ފުޓްބޯޅަ އޮތީ ބަލި އެނދުގަ އެވެ. އެ ބަލި ފަސޭހަކުރަން އެފްއޭއެމްގެ އާ މެނޭޖްމަންޓުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، މިހާރު ކުރިއަށްދާ ޑައިމަންޑް ޖުބިލީ މުބާރާތުގައި ގައުމީ ފުޓްބޯޅަ ޓީމު ކުޅުނު މެޗުތަކުގެ ނަތީޖާ ދެއްކި ގޮތުން އަދިވެސް ޓީމުގެ ހާލަތު ވަރަށް ގޯހެވެ. އަމިއްލަ ދަނޑުގައި ޕާކިސްތާން އަތުން ބުރާސްފަތި ދުވަހު 3-0 އިން ބަލިވުމަކީ ވަރަށް ބޮޑު ވެއްޓުމެކެވެ.
ގައުމީ ޓީމުގެ ނަތީޖާތައް ގޯސްވުމުން ދިވެހި ފުޓްބޯޅައިގައި އޮންނަ ސަގާފަތަކީ ކޯޗަކަށް ހުންނަ މީހަކު ގޯސް ކުރުމެވެ. އާއްމުންގެ ޕްރެޝަރާ ކޯޗު ކުރިމަތިލާން ޖެހުމެވެ. ހުރިހާ ފާޑުކިއުމެއް އޭނާއަށެވެ. އެކަމަކު މިއީ ހަމައެކަނި ކޯޗުގެ އެކަނި މައްސަލައެއް ހެއްޔެވެ؟
ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ގައުމީ ކޯޗު އިސްތަވާން އުރްބާނީ ދެއްކި ވާހަކަތަކުން އެނގުނީ ރާއްޖޭގެ ފުޓްބޯޅައިގެ ބިންގާ މުޅިން ފުނޑުފުނޑުވެފައި އޮތް ކަމެވެ.
"އަހަންނަށް ހިއެއް ނުވޭ އެއްވެސް ކަމެއް ބަދަލުވިހެންނެއް. އެހެންވީމާ ކުރިންވެސް އަދި މުބާރާތުގެ ތެރޭގައި އަދި އޭގެ ފަހުން ވެސް އަހަރެން ބުނަމުން އައީ މިއީ އަލުން ޓީމު ބިނާކުރުމުގެ މަރުހަލާއޭ،" އުރްބާނީ ބުންޏެވެ.
އޭނާ ފާހަގަ ކުރިގޮތުގައި އެފްއޭއެމްގެ އެކި ޑިޕާޓްމަންޓްތައް އަލުން ބިނާކުރަން ޖެހެ އެވެ މުބާރާތްތަކުގެ އޮނިގަނޑު ވެސް އަލުން ކޮޅަށް ޖަހަން ޖެހެ އެވެ. މިހާރު އެ މަސައްކަތް ހިނގަމުންދާކަމަށް އޭނާ ބުންޏެވެ.
އެތައް އަހަރެއް ވަންދެން ގާވެފައި އޮތް އެއްޗެއް މަދު ހަފްތާއެއް ނުވަތަ މަސްތަކަކުން ބަދަލެއް ނުކުރެވޭނެ އެވެ.
"އެއީ ހަމަ އިންސާނާގެ ހަށިގަނޑު ކަހަލަ ކަމެއް. މަސްތަކެއް ނުވަތަ އަހަރުތަކެއް ވަންދެން އެއްވެސް ކަމެއް ނުކޮށް ހަށިގަނޑު ދޫކޮށްލާފައި، ދެން ޖެހިގެން އަންނަ ހަފްތާގައި ޖިމަށް ދިޔުމުން އެކަން ރަނގަޅެއް ނުވާނެ. އަދި މި ކުޅިވަރުގައި އެހެން ޓީމުތައް އެތިބީ މެދުނުކެނޑި ޖިމް (ޓްރޭނިން) ގައި،" އޭނާ ބުންޏެވެ.
އެހެންވެ އެ ޓީމުތަކާ އަރާ ހަމަކުރުމަކީ ރާއްޖެ އަށް މިހާރު ފަސޭހަ ކަމަކަށް ނުވާނެކަމަށް އޭނާ ބުންޏެވެ.
ކޯޗުގެ މި ވާހަކަތަކުން އެފްއޭއެމަށް ކުރިމަތިވަނީ ސުވާލެކެވެ. ގައުމީ ޓީމަށް ބޭނުންވާ އެކަށީގެންވާ ޓްރޭނިން ކޭމްޕްތަކާއި ގަވާއިދުން ކުޅޭނެ ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުތަކާއި ޕްރޮފެޝަނަލް ސެޓަޕެއް ހޯދައިދިނުމަކީ އެފްއޭއެމްގެ ޒިންމާއެކެވެ.
އެކަންކަން ފުރިހަމަ ނުކޮށްދީ ނަތީޖާއަށް އުއްމީދު ކުރުމަކީ ބޭއިންސާފެކެވެ.
އިންޓަނޭޝަލް ފްރެންޑްލީ މެޗުތައް ގިނައިން ހޯދައި ދޭން ޖެހެ އެވެ. މިސަރަހައްދުގެ އެހެން ޓީމުތައް މިހާރު ފީފާގެ ކޮންމެ އިންޓަނޭޝަނަލް ބްރޭކްތަކުގެ ބޭނުން ގަވާއިދުން ހިފަ އެވެ. ރާއްޖޭން ވެސް އެ ބްރޭކްތަކުގެ ބޭނުންކޮށް ގައުމީ ޓީމަށް މެޗުތަކެއް ހަމަޖައްސައި ދޭން އެބަޖެހެ އެވެ.
އުރްބާނީ ފާހަގަ ކުރި މުހިންމު ސްޓްރެޓެޖިކް ކަންކަމަކީ އޭގެ ޒިންމާ އެފްއޭއެމާ ހަމައިން ނިމޭ ކަންކަމެވެ.
އެކަމާ ބެހޭގޮތުން އެފްއޭއެމްގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) އާ ސުވާލުކުރުމުން އޭނާ ވިދާޅުވީ ކޯޗު ފާހަގަކުރި ކަންކަން ބަލައިގަންނާނެ ކަމަށެވެ.
"އަހަރެމެން ކޮންސިޑާ ކުރާނަން އޭނަ [އުރްބާނީ] ފާހަގަކުރި ހުރިހާ ކަމަކަށް ޓީމު ރަނގަޅުކުރަން. އެފްއޭއެމްގެ ކެޕޭސިޓީގައި ކުރެވެން ހުރި ކަންކަން ކުރަމުން ދާނީ،" ތޯރިގް ވިދާޅުވި އެވެ.
ނަމަވެސް ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކޭގޮތުގައި އެފްއޭއެމްގެ "ކެޕޭސިޓީ" ހުރި ގޮތުން ކޯޗަށް މަސައްކަތް ކުރަން މިހާރު މިއޮތީ ވަރަށް ބޮޑަށް އުނދަގޫ ވެފަ އެވެ. ނަން ހާމަކުރަން ބޭނުން ނުވެ، ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗަކު ފާހަގަކުރި ގޮތުގައި، އުރްބާނީގެ ޓެކްނިކަލް ގާބިލްކަމާ މެދު ސުވާލެއް ނެތެވެ. އެކަމަކު އެފްއޭއެމުން އޭނާ ބޭނުންކުރާ ގޮތް މުޅިން ގޯސްކަމަށް ތަޖުރިބާކާރު ބުންޏެވެ.
"އުރުބާނީ އޭރު (2009 ގައި) ގެނައި ޓްރެއިނިން ތަކާ ކުޅުނު ގޭމް ކުޅުންތެރިން ވަރަށް ކަމުދިޔަ. ދަގަނޑޭ އާއި އޮއްޕޮ އާއި އަދި ޓޮމް މެންނަށް ވެސް ވަރަށް ކަމުދިޔަކަން އެނގިފައި އޮތީ. ދެން އޭރު ވެސް އައި ފާޑުކިޔުމަކީ ރިޒަލްޓް އޮރިއެންޓެންޑް ކޯޗެއް ނޫނޭ މިއީ. ނަތީޖާ ނެރުމުގައި އޭނަ އެންމެ ރަނގަޅެއް ނޫނޭ،" މައުލޫގައި "މިހާރު" އާ ވާހަކަ ދެއްކި ތަޖުރިބާކާރު ބުންޏެވެ.
އެކަމަކު އޭނާ ބުނީ ޓޮމް މި ނެގި ޑެސިޝަނަށް ރެސްޕެކްޓްކުރާ ކަމަށާއި ދިވެހި ފުޓްބޯޅަ އެނގޭ މީހަކު މިހާލަތުގައި ކޯޗަކަށް ގެނައުމަކީ ރަނގަޅެއް ކަމަށެވެ.
"އެކަމަކު ދުނިޔޭގެ އެއްވެސް ކަމެއްގައި އަހަރެން އެކަނި ހުރިހާ މަގާމެއް އަދާކޮށްގެނެއް ކަންކަން ރަނގަޅަކަށް ނުގެންދެވޭނެ. އަހަރެން ވިޔަސް އަހަރެންނަކަށް ޓެކްނިކަލް ޑައިރެކްޓަރުކަން، ނެޝަނަލް ޓީމު ހެޑް ކޯޗު، އަންޑަ ޓްވެންޓީ ޓީމުގެ ހެޑް ކޯޗުކަން، މިހުރިހާ މަގާމުތަކެއް އަދައެއް ނުކުރެވޭނެ."
އޭނާ ބުނިގޮތުގައި، އުރްބާނީ އަށް ހުރިހާ ޒިންމާއެއް ދިނުމަކީ އެފްއޭއެމުން ހެދި ގޯހެކެވެ.
"އަހަރެން ކިތަންމެ މޮޅަސް އަހަންނަކަށް ތިން މަގާމެއްގައި ނީނދެވޭނެއެއްނު. ދެން ކާކު އަހަރެން އެކައުންޓަބަލް ކުރާނީ؟"
އޭނާ ބުނީ އުރުބާނީ އައިގޮތަށް އައިސް 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ޒުވާން ޓީމާ ހަވާލުވުމުން ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން އެ ފުރުސަތު އަހްމަދު ޝާކިރު (ޝާކިއްޓޭ) ނުވަތަ ސޮބާހް މުހައްމަދު އިބްރާހިމާ ހަވާލުކުރި ނަމަ ރަނގަޅުވީސް ކަމަށެވެ.
"މިހާރު މިއޮތް އެފްއޭއެމްގެ ލީޑާޝިޕަށް އަހަރެން އިހްތިރާމް ކުރަން. އެއީ ވެންޓިލޭޓަރުގައި އޮތް ފުޓްބޯޅަ ނަގައި މުބާރާތްތައް ބާއްވައި އަތޮޅުތެރޭގައި ވެސް އަލުން ފުޓްބޯޅަ ހިނގައި ގަންނަވަރުކޮށްފި. އެކަމަކު މި ހާލަތުގައި ވެސް ގޯސް ހަދަންޏާ ކޮންމެވެސް ބަޔަކު، ނޫސްވެރިން ވިޔަސް އެ މީހުންނަށް ވިސްނޭހެން ވާހަކަ ދައްކަންޖެހޭ. އެ މީހުން އަމިއްލަ އަށް ކޯޗު [އުރްބާނީ] ހަލާކު ކޮށްލަނީ. ކޯޗު ހެޑް ކޯޗުކަމަށް ލަންޏާ ޓެކްނިކަލް ޑައިރެކްޓަރުކަމަށް އެހެން މީހަކު ލާށޭ. ނުވަތަ ޔޫތު ގައުމީ ޓީމަށް ވެސް އެހެން މީހަކު ލާށޭ."
އޭނާ ބުނި ގައުމީ ޓީމަކީ ޓެސްޓު ކުރާ ތަނަކަށް ހަދައިގެން ނުވާނެ ކަމަށެވެ. އުރްބާނީ ޓީމު އާކުރަން ބޭނުންނަމަ އެއްކޮށް ބަދަލު ކުރަންވީ ކަމަށް އޭނާ ބުންޏެވެ.
"ކޯޗު ގައުމީ ޓީމު އާ ކުރާކަމަށް ވަންޏާ ހިނގާ އެއްކޮށް ރިސެޓަކަށް ދަމާ. ހިނގާ ދޮށީ ކުޅުންތެރިން ނުނަގަމާ. އޭރުން އަހަންނަށް ވެސް އެކަން އަންޑަސްޓޭންޑް ވާނެ. އެ ދައްކާ ވާހަކަ ބަލައިގަނެވޭނެ. އޭރުން ޕަބްލިކްގެ އެކްސްޕެކްޓޭޝަން ވެސް ދަށްވާނެ އޮޓެމެޓިކުން. އޭރުން އެނގޭނެ މި އުޅެނީ ޒުވާން ޓީމެއް ބިނާކުރަންކަން،" އޭނާ ވާހަކަ ކުރިއަށް ގެންދިޔަ އެވެ.
އުރްބާނީގެ ކޯޗުކަމުގައި މީގެ 14 އަހަރު ޕާކިސްތާނާ ދެކޮލަށް ކުރިން ކުޅުނު މެޗުގައި ދިވެހި ޓީމުން 600 އަށް ވުރެ ގިނަ ޕާސް ޖެހިއިރު 90 ޕަސަންޓް ޕާސް ކާމިޔާބުކޮށް ޓެކްޓިކަލް ގޭމާއި މުޅި މެޗުގެ ހުރިހާ ކޮންޓްރޯލެއް ރާއްޖޭން ހޯދިކަން ފާހަގަ ކުރި އެވެ. އެކަމަކު އޭނާ ބުނީ އެ މަންޒަރަށް ބަލައިގެން ހުރެވެން ނެތް ކަމަށެވެ.
ވާހަކަ ދެއްކި ކޯޗު ބުނީ ކުރީގެ ވަރުގަދަ މެޗުތަކުގެ ވާހަކަ ހަނދާން ނުކޮށް ކުރިއަށް ނުދެވޭނެ ކަމަށެވެ.
"އަހަރެމެން ހަންދާން އެބހުރި މި ދަނޑުގައި އަހަރެމެން ކުޅުނު ވަރުގަދަ މެޗުތައް ނެރުނު ވަރުގަދަ ނަތީޖާތައް. އެ ހަނދާން ނުނެތޭނެ. އެ ފޯރިގަނޑު އެ މަންޒަރު ހަނދާނުން ކަހާލައިގެން ނުދާނެ ކޯޗު އެހެން ބުންޏަސް. ކޮންމެ މެޗަކާ ކުރިމަތިލިޔަސް އެ އެކްސްޕެކްޓޭޝަން އޮންނާނެ ދިވެހިން ވެއްޖެއްޔާ،" އޭނާ ބުންޏެވެ.
އުރްބާނީ ބުނިގޮތުގައި ކުރިއެރުން ހޯދޭނީ ބައިނަލްއަގުވާމީ މުބާރާތްތަކާއި މެޗުތައް މެދުނުކެނޑި ކުޅެގެންނެވެ. އެކަމަކު އެއީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގޭ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އަންނަ ހަފްތާގައިވެސް މިފަދަ މުބާރާތެއް ކުޅެން ޖެހި، އަދި އަނެއްކާވެސް ތިން މެޗުން ބަލިވި ނަމަވެސް އެއްވެސް މައްސަލައެއް ނެތް ކަމަށް އުރްބާނީ ބުންޏެވެ. އޭނާ ބުނިގޮތުގައި ބޭނުންވަނީ މެޗުތައް ގިނައިން ކުޅެން ކަމަށް އޭނާ ބުންޏެވެ. ބަލިވިޔަސް އޭނާ ހުރީ މެޗު ކުޅޭގޮތަށެވެ.
އުރްބާނީގެ މި ވާހަކަތަކާ ތަޖުރިބާކާރު ދިވެހި ކޯޗު ހިޔާލު ތަފާތެވެ. އޭނާ ބުނީ އެއީ ގައުމީ ޓީމަކާ ހަވާލުވެ ހުންނަ ކޯޗަކު ވާހަކަ ދައްކަންޖެހޭނެ ގޮތެއް ނޫން ކަމަށެވެ.
"އެކަމަކު ގައުމީ ޓީމަކާ ހަވާލުވެ ހުންނަ މީހަކު އެ ވާހަކަ ދައްކައިގެން ނުވާނެ. އަހަރެމެންގެ (ދިވެހި) ޓީމު ބްރެޒިލާ ދެކޮޅަށް ކުޅުނަސް މި ގައުމުގެ ކޮންމެވެސް ރައްޔިތުންތަކެއް އުއްމީދު ކުރާނެ އެ މެޗުން ވެސް މޮޅުވާން. ސަބަބަކީ އަހަރެމެން ސައުތު ކޮރެއާއާ ވެސް އެއްވަރު ކުރީ. އެ ހަނދާން އާ ކުރާނެ. އެ މަންޒަރަށް ބަލައިގެން ހުންނާނެ."
ގައުމީ ޓީމަކީ ގައުމުގެ އެންމެ މަތީ ފަންތި އެވެ. ގައުމީ ޓީމުގެ މުބާރާތްތަކަކީ ޓްރޭނިން ކޭމްޕަކަށް ނުހެދޭނެކަމަށް ދިވެހި ކޯޗު ބުންޏެވެ. އަދި އަމިއްލަ ފަސްގަނޑުގައި އަމިއްލަ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ބާއްވާ މުބާރާތެއް އެއީ ޓްރޭނިން ފުރުސަތެއްގެ ގޮތުގައި ސިފަކޮށްގެން ނުވާނެކަމަށް ވެސް އޭނާ ބުންޏެވެ.
މިފަހަރު ކޯޗަށާއި ކުޅުންތެރިންނަށް ޓްރޭނިން ކޭމްޕެއް ވެސް އެފްއޭއެމަށް ހަމަޖައްސައި ނުދެވުމަކީ ދެރަވަރުކަމެއްގެ ގޮތުގައި ތަޖުރިބާކާރު ސިފަ ކުރި އެވެ.
"ގައުމީ ޓީމުގެ މުބާރާތްތަކާއި ރަސްމީ މެޗުތައް ޓްރޭނިން ކޭމްޕަކަށް ނުހެދޭނެ ގައުމުގެ ހޯމް ސްޓޭޑިއަމްގައި. މިފަހަރު މިދިޔައީ ވަރަށް ނުބައި ޕްރެޝަރަކަށް. އަމިއްލަ ގައުމުގައި މުބާރާތް ބާއްވާފައި، ޓްރޭނިން ކޭމްޕެއް ވެސް ކޯޗަށް ނުދީ ނުބައި ޕްރެޝަރަކަށް ކުޅުންތެރިންނާއި ކޯޗު ވެސް އެފްއޭއެމުން މި ވައްޓާލީ،" އޭނާ ބުންޏެވެ.
އެފްއޭއެމް ފެންނަނީ ހަމައެކަނި މުބާރާތްތައް ބާއްވާ، މުބާރާތްތަކުން އަވަދިނުވެގެން އުޅޭ ތަނެއްގެ ގޮތުގައެވެ. ތެދެކެވެ. މުބާރާތްތައް ބާއްވައިފި އެވެ. އަތޮޅު މުބާރާތާއި ޒޯނާއި ސަރަހައްދީ ލީގު ވެސް ކުޅެފި އެވެ. ދިވެހި ލީގަށް އަތޮޅު ޓީމުތައް ގެންނަ ޕްލޭއޮފް ކޮލިފިކޭޝަން ކުޅެން ވެސް ތައްޔާރު ވަނީ އެވެ. ޑޮމެސްޓިކް ކަލަންޑަރުގައި ގިނަ އަދަދެއްގެ މެޗުތައް ހިމެނޭހެން މުބާރާތްތައް ރާވާލައިފި އެވެ. އެކަމަށް ތައުރީފެވެ.
އެކަމަކު ފުޓްބޯޅައިގެ ދިގު މުއްދަތުގެ ކުރިއެރުމަށް ބޭނުންވާ މުހިންމު ނިންމުންތަކުގައި އެފްއޭއެމް އަދި ފެންނަނީ މަޑުގިނީގަ އެވެ.
ޔޫތު ފުޓްބޯޅައިގެ ކުރިއެރުމަށްޓަކައި ބެލެނިވެރިންތަކެއް އިސްނަގައިގެން ފެށި "ދިވެހި ޔޫތު ލީގު" ވެސް ދެ ވަނަ ސީޒަނެއް ބޭއްވޭ ގޮތް ނުވީ، އެނގިފައިވާ ގޮތުގައި، އެ މުބާރާތް ޝަޓްޑައުން ކޮށްލަން ޖެހުނީ އެފްއޭމްގެ ސަޕޯޓް ނުލިބިގެންނެވެ. އެ މުބާރާތް 2024 ގައި ލޯންޗުކޮށް ފެށީ އެފްއޭއެމްގެ އެއްބާރުލުމާ އެކު އެވެ. އެ މުބާރާތުގެ ތިން އުމުރުފުރާގައި ޓީމުތައް ނެރުނީ އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ޓީމުތަކުންނެވެ.
ޑޭޓާ ކަލެކްޓްކޮށް އެނަލައިޒްކޮށް، ޓެކްނޮލޮޖީއާ ރަށްޓެހި ސެޓަޕެއް އެ ބެލެނިވެރިން އަމިއްލަ ހަރަދުގައި އެ މުބާރާތަށް ހާއްސަކޮށް އެކުލަވާލި އެވެ. އުމުރުން ހަގު ކުޅުންތެރިންނަށް ގިނަ މެޗުތަކެއް ހޯދައިދޭން ލީގު ފޯމެޓަށް ފެށި މުބާރާތެކެވެ. ދިވެހި ފުޓްބޯޅަ ލެޖެންޑް މަރްހޫމް އިހްސާން އަބްދުލް ޣަނީ (ސާންތީ) ލަފަޔާއި އިރުޝާދު އޭރު ލިބިގެން ފެށި ރަނގަޅު ޕްރޮޑެކްޓަކަށް ދިވެހި ޔޫތު ލީގުވި އެވެ. ކުޅުންތެރިންގެ ޑިވެލޮޕްމެންޓަށް ބޭނުން ކުރެވޭނެ ޑޭޓާ ކޮލަކްޓް ކުރެވޭ ގޮތަށް އެހާ ފެންވަރު ރަނގަޅު މުބާރާތެއް އެފްއޭއެމަށް ވެސް އަމިއްލަ އެހެން ބަޔަކަށް ވެސް ރާއްޖޭގައި ބާއްވިފައި ނެތެވެ.
އެފަދަ ޔޫތު މުބާރާތެއްގެ މިންވަރު ވެސް ޕްރައިވެޓް އެންޓިޓީތަކަށް ދޫކޮށްލާކަށް އެފްއޭއެމުން ބޭނުމެއް ނުވެ އެވެ. އެކަމަކު ޑޮމެސްޓިކް ފުޓްބޯޅަ ކަލަންޑަރު ފުރެންދެން މުބާރާތްތައް ބޭއްވިޔަސް، އެ ފެންވަރުގައި އެ ޓެކޮނޮލޮޖީގައި އެފްއޭއެމަށް ވެސް މުބާރާތް ނުބޭއްވޭކަމީ ވެސް ހަގީގަތެކެވެ.
އެފްއޭއެމްގެ ކުރީގެ ޖެނަރަލް ސެކްރެޓަރީ ހާމިދު އަބްދުލް ޣަފޫރު ވިދާޅުވި ގޮތުގައި ދިވެހި ލީގުގެ އޮނިގަނޑު އޮތީ ސަޕޯޓަރުން ފުޓްބޯޅައަށް އޮތް ޝައުގުވެރިވާނެ ގޮތަކަށް ނޫނެވެ. "ސޭވް އެފްއޭއެމް" ގެ ވައިބާ ގުރޫޕްގައި ހާމިދު ވިދާޅުވީ ދިވެހި ޕްރިމިއާ ލީގު ވާންޖެހޭނީ ފުޓްބޯޅައަށް ސަޕޯޓަރުން ހިތްޖައްސުވާ ބޮޑު މަންޒަރަށެވެ.
"(އެކަމަކު) ސުވާލަކީ މިއީ ހަމަހަމަކަމުގެ މައްޗަށް ބިނާވެފައިވާ ދެމެހެއްޓެނިވި ލީގެއް ހެއްޔެވެ؟ ސިޔާސީ ބޭނުމަށްޓަކައި ގައުމީ ލީގުގެ ސިފަ ހަލާކުކޮށްލައިގެން ނުވާނެ އެވެ. ހަމަހަމަކަން ނެތުމުން އާންމުން ވަނީ ފުޓްބޯޅައަށް އޮތް ޝައުގުވެރިކަން ކަނޑާލާފަ އެވެ. ބެލުންތެރިންނެއް ނެތެވެ. ދަގަނޑޭ ބުނާ ފަދައިން ސަޕޯޓަރުންނަކީ 12 ވަނަ ކުޅުންތެރިޔާ އެވެ. ސިފަ ހަލާކުވެފައިވާ ގައުމީ ލީގަކުން ސަޕޯޓަރުންގެ ހިތެއް ދަމައެއް ނުގަނެވޭނެ އެވެ،" އެ ވައިބާ ގުރޫޕްގައި ހާމިދު ލިޔުއްވާފައި ވެއެވެ.
ފުޓްބޯޅަ ބަދަލު ކުރަން އުރްބާނީ މިފަހަރު ވެސް ފާހަގަކުރި ކަންބޮޑުވުންތަކާއި، ޓީމަށް ބޭނުންވާ ކަންކަމުގެ ވާހަކައަކީ ދިވެހި ފުޓްބޯޅައަށް އާ ވާހަކަތަކެއް ނޫނެވެ. މިއީ މީގެ ކުރިން ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދިން ކޮންމެ ބޭރު ކޯޗަކުވެސް ދެއްކި ވާހަކަތަކެވެ. ވެލިޒާ ޕޮޕޮވް ވިޔަސް، ރިކީ ހާބަޓް، ޑަރެން ސްޓްވަާޓް، ޕީޓާ ޝެގަޓް، މާޓިން ކޫޕްމަން ނުވަތަ ފްރެންޗެސްކޯ މޮރިއޭރޯ ވިޔަސް، އެންމެންގެ ޝަކުވާއަކީ އެއް ކަމެކެވެ. އެއީ ދިގު މުއްދަތުގެ ޕްލޭނެއް ނެތުމާއި، އެކަށީގެންވާ ކޭމްޕްތަކާއި މެޗުތައް ނުލިބުމެވެ.
އެކަށީގެންވާ މުއްދަތެއް ހޭދަކޮށްފައި އުރްބާނީ ވެސް، އަލުން ހިނގައި ދާނެ އެވެ.
އެކަމަކު އަސްލު މައްސަލައަށް ހައްލެއް ނުލިބެ އެވެ. ދިވެހި ފުޓްބޯޅަ ސަލާމަތް ކުރަން ބޭނުންނަމަ، ބަދަލުވާންވީ ހަމައެކަނި ކޯޗެއް ނޫނެވެ. ބަދަލުވާންވީ އެފްއޭއެމްގެ ވިސްނުމާއި މުޅި ފުޓްބޯޅައިގެ ހިންގުމުގެ ނިޒާމެވެ.