ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގައި ރޭ އަފްޣާނިސްތާނު އަތުން ރާއްޖެ ބަލިވި ހެދުނު ކުޑަކުޑަ ގޯހަކުން ކަމަށް ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.
ހަތަރު ޓީމު ވާދަކުރާ މުބާރާތުގެ ދެވަނަ މެޗުގައި އަފްޣާނިސްތާނުން ރާއްޖެ ބަލި ކުރީ މެޗުގެ 80 ވަނަ މިނެޓްގައި ޖެހި ލަނޑުންނެވެ.
މެޗަށް ފަހު ވާހަކަދައްކަމުން އުރްބާނީ ބުނީ ބައިނަލްއަގުވާމީ މެޗުތަކެއް ނުކުޅެ ގިނަ ދުވަސްތަކެއް ވަންދެން ތިބުމަށްފަހު، ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ދެއްކި ހިތްވަރާ މެދު އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.
ރާއްޖޭން ރަނގަޅަށް ކުޅެމުން ދަނިކޮށް މެޗުގެ 80 ވަނަ މިނެޓްގައި އަފްގާނިސްތާނުން އުފެއްދި ފުރުސަތެއްގައި އެ ޓީމުގެ ރޯމަން ފާޒީ ލަނޑު ޖެހި އެވެ.
އުރްބާނީ ބުނީ އެ ލަނޑު ރާއްޖެ ކޮޅަށް ވަނީ ހެދުނު ކުޑަ ގޯހަކުން ކަމަށެވެ. ރަނގަޅަށް ކުޅެމުން ދަނިކޮށް އެ ލަނޑު ވަނުމަކީ މާޔޫސްވި ކަމެއް ކަމަށް އޭނާ ބުންޏެވެ.
"ޔަގީނުން ވެސް މިކަހަލަ ގޮތަކަށް މެޗަކުން ބަލިވުމަކީ ވަރަށް ދެރަ ކަމެއް،" އޭނާ ބުންޏެވެ.
މެޗުގެ ނަތީޖާ ދެރަވި ނަމަވެސް، ޓީމުގެ ރޫހާއި ކުރިއަށް ދިއުމުގެ އަޒުމް ދަނޑުމަތިން ވަރަށް ސާފުކޮށް ފެނިގެންދިޔަ ކަމަށް އުރްބާނީ ފާހަގަކުރި އެވެ.
"މި މެޗުން މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނުލިބި މިދިޔައީ ހެދުނު އެންމެ ކުޑަކުޑަ ގޯހަކުން ކަމަށް ވީތީ." ކޯޗު ބުންޏެވެ.
އޭނާ ބުނި ގޮތުގައި މެޗުގެ 60 ވަނަ މިނެޓާއި 70 ވަނަ މިނެޓާ ދެމެދު މެޗުން މޮޅުވާން ރަން ދެތިން ފުރުސަތެއް ރާއްޖެއަށް ލިބުނު ކަމަށެވެ. އެކަމަކު އެ ފުރުސަތުތަކުގެ ބޭނުން ނުހިފިދިޔައީ އެވެ.
ޓީމުގެ ކުޅުންތެރިންގެ ކިބައިން ފެނުނު ޖޯޝާއި ހަކަތައަކީ މިއަދު ލިބުނު އެންމެ ބޮޑު އުންމީދު ކަމަށް އުރްބާނީ ބުންޏެވެ. ހާއްސަކޮށް މެޗު ނިމުމަށްފަހު ކުޅުންތެރިންގެ މެދުގައި ދެެކެވުނު ވާހަކަތަކުން ޓީމުގައި އޮތް ޖޯޝު ހާމަވެގެންދިޔަ ކަމަށް އޭނާ ބުންޏެވެ.
"އެންމެ އުފާވި އެއް ކަމަކީ މެޗަށް ފަހު ދަނޑުގެ މެދުތެރެއަށް އެއްވި ވަގުތު ފައިނަލަށް ދާނީ ކިހިނެއްތޯ ކުޅުންތެރިން އަމިއްލައަށް ވާހަކަދައްކަން ތިބިތަން ފެނުމުން. ޔަގީނުން ވެސް އެ ކުޅުންތެރިން އެކަން ކުރަން ބޭނުންވޭ،" އުރްބާނީ ބުންޏެވެ.
ރާއްޖޭގެ ދެވަނަ މެޗުގައި ބުރާސްފަތި ދުވަހު ހަވީރު ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބަންގްލަދޭޝްގެ 23 އަހަރުންދަށުގެ ޓީމާ ދެކޮޅަށް ކުޅެ ޕާކިސްތާނުން ފުއްދާލީ ލަނޑެއް ނުޖެހި އެވެ.