އެންމެ ގިނައިން އޭނާއާ ކުރާ ސުވާލަކީ ފިޓްނަސްއާ ގުޅޭ ސުވާލު ކަމަށާއި ފިޓްނަސްއަކީ މެޗުތައް ކުޅެގެން ހޯދޭ އެއްޗެއް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އިސްތަވާން އުރްބާނީ ބުނެފި އެވެ.
އަންނަ ހޯމަ ދުވަހު ރާއްޖޭގައި ފަށާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތަށް ތައްޔާރުވުމަށް އުރްބާނީގެ ބެލުމުގެ ދަށުން ގައުމީ ޓީމުން ދަނީ ތައްޔާރީތައް ވަމުންނެވެ.
މުބާރާތަށް ނުކުންނަ އިރު އޭނާ އަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ގައުމީ ކެޕްޓަން ސަމޫހް އަލީ އަށް އަނިޔާވުމެވެ. އަދި ތަޖުރިބާކާރު ޑިފެންޑަރު މުހައްމަދު އިރުފާން އަށް ވެސް ވަނީ އަނިޔާ ވެފަ އެވެ. މައި ދެ ޑިފެންޑަރުންނަށް އަނިޔާވުމުން އެ މަގާމު ފޫބައްދާނެ ގޮތަކާ މެދު އުރްބާނީ އަށް އޮތީ އެހެން ގޮތްތަކެއް ރާވަންޖެހިފަ އެވެ.
{އިރޭ [އިރުފާން] އާއި ސަމޫ [ސަމޫހު] މިވަގުތު މިތާކު ނެތް. އެ މީހުން އަދިވެސް ތިބީ އަނިޔާގައި. އަދި އެ ދެ ކުޅުންތެރިންނަކީ (މެޗު) ފަށާއިރު ތިބޭ މައިގަނޑު ދެ ސެންޓްރަލް ޑިފެންޑަރުން. އެހެންވީމާ، އެ ކުޅުންތެރިންގެ ބަދަލުގައި އެހެން ބަޔަކު ނެރުމަކީ ބޭރުފުށުން ބަލާއިރު ބޮޑު ގޮންޖެހުމެއް. އެ ސަބަބަށްޓަކައި، އަހަރެމެން މިތަނުން އެތަނުން ބައެއް ބަދަލުތައް ގެންނާނަން،" ޕީއެސްއެމް އަށް ދިން އިންޓަވިއުގައި، އުރްބާނީ ބުންޏެވެ.
ރާއްޖޭގައި ސެންޓްރަލް ޑިފެންޑަރުން މަދުވުމުން، އެ ފެންވަރުގެ އެހެން ކުޅުންތެރިޔަކު ހޯދުމުގައި ގޮންޖެހުންތައް އުރްބާނީ އަށް އެބައޮތެވެ.
އޭނާ ބުނި ގޮތުގައި އެ ދެ ކުޅުންތެރިންނަށް އަނިޔާވީ މާ ބޮޑަށް އޯވަރލޯޑް ވެގެންނެވެ. ނ. ކެނދިކުޅުދޫގައި ބޭއްވި މުބާރާތުގައި ވެސް، މާޒިޔާއިން ބައިވެރި ކުރުވި ޓީމުގައި ވެސް ސަމޫހު ވަނީ ކުޅެފަ އެވެ.
އުރްބާނީ ބުނީ ގައުމީ ޓީމުގެ ތަމްރީނުތައް ފެށީ އެ މުބާރާތަށް ފަހު ކަމަށެވެ.
އެހެން މުބާރާތްތަކަށް ތައްޔާރުވުމަށް ގައުމީ ޓީމުން މީގެ ކުރިން ބޭރުގެ ޓްރޭނިން ކޭމްޕްތަކަށް ދެ އެވެ. އެކަމަކު މިފަހަރު ތައްޔާރީތައް ކުރިއަށް ގެންދަނީ ރާއްޖޭގައި ތިބެގެންނެވެ. ބޭރުގެ ޓްރޭނިން ކޭމްޕްތަކުގައި، ކޭމްޕް ކުރާ ގައުމެއްގެ ކްލަބްތަކާ ދެކޮޅަށް މެޗުތައް ކުޅެން ފުރުސަތު ލިބެ އެވެ.
އޭނާ ބުނީ އެންމެ ގިނައިން އޭނާ ގާތު އަހާ ސުވާލަކީ ފިޓްނަސްއާ ގުޅޭ ސުވާލު ކަމަށެވެ. އެ ސުވާލަށް އޭނާގެ އަތުގައި ސާފު ޖަވާބެއް އެބައޮތް ކަމަށް އުރްބާނީ ބުންޏެވެ. އޭނާ ބުނި ގޮތުގައި ފިޓްނަސްގެ ފެންވަރު ހިފަހައްޓަން މުބާރާތުގެ ކުރިން މެޗުތަކެއް ނުލިބުމަކީ ކަންބޮޑުވުމެކެވެ.
"އަހަރެންނަށް އެނގޭ އެންމެ ގިނައިން ކުރާ އެއް ސުވާލަކީ ފިޓްނަސްއާ ބެހޭ ސުވާލުކަން. އެންމެންވެސް އަހަރެންނާ ސުވާލުކުރަނީ ފިޓްނަސްގެ ފެންވަރާ ބެހޭގޮތުން. އަހަރެންގެ ޖަވާބު ވަރަށް ސާދާ. ފިޓްނަސްއަކީ މެޗު ކުޅެގެން އަންނަ އެއްޗެއް،" އުރްބާނީ ބުންޏެވެ.
"އެއީ (މެޗުތަކެއް ނުލިބުން) އަހަރެން ކަންބޮޑުވާ، އަދި (ފިޓްނަސްއާ މެދު) ޝައްކުތަކެއް ހުރި ކަމަކީ ވެސް. ވާދަވެރި މެޗުތަކެއް ނުކުޅެ، އަހަރެމެން ކިހިނެއް ހެއްޔޭ (ފިޓްނަސް ގެންނަން ޑައިމަންޑް ޖުބިލީގެ) އެ މެޗުތައް ކުޅޭނީ؟ ކޮންމެ މެޗެއްގެ ދޭތެރޭގައި މިއޮންނަނީ އެންމެ ދެ ދުވަސް. ސްކޮޑް ރޮޓޭޝަން ވެސް ވަރަށް ޚާއްޞަ."
އޭނާ ބުނީ ޓިމޯ ލެސްޓޭއާ ދެކޮޅަށް މާޗް 31 ގައި ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުގެ އުމުރުގެ ނިސްބަތަކީ 32 އަހަރު ކަމަށެވެ. އެކަމަކު މިހާރު އިތުރުވި ޒުވާން ކުޅުންތެރިންނާ އެކު ސްކޮޑްގެ އުމުރުގެ ނިސްބަތް 25 އަށް ތިރިކޮށްފައިވާ ކަމަށެވެ.
ސީނިއާ ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންނާ އެކު ރާއްޖޭގެ ޓީމުގެ ކުޅުން ބަލާލަން ޝައުގުވެރިވާނެ ކަމަށް އުރްބާނީ ބުންޏެވެ.
"އަހަރެން ކުރިންވެސް ބުނި ފަދައިން، އޭގައި ތިބީ 30 އަހަރުން މަތީގެ ކުޅުންތެރިންނާއި 20 އަހަރުން ދަށުގެ ކުޅުންތެރިން. އެހެންވީމާ، އާނ... މިއީ ބަލާލަން ވަރަށް ޝައުގުވެރި މަޖާ ކަމަކަށް ވާނެ،" އޭނާ ބުންޏެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު ވާދަކުރާނީ ޕާކިސްތާނާއި ބަންގްލަދޭޝް އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި އެ ރޭ ނުކުންނާނީ އަފްޣާނިސްތާނާ ދެކޮޅަށެވެ. ބަންގްލަދޭޝްއިން މުބާރާތުގައި ބައިވެރި ކުރިވީ 23 އަހަރުން ދަށުގެ ޓީމެވެ.