ސެމީ ފައިނަލުގައި މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްގެ މައްޗަށް 1-0 އިން ކުރިހޯދައި، ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕާކިސްތާނުން ފައިނަލަށްަ ދަތުރުކޮށްފި އެވެ.

އަންނަ އަންގާރަ ދުވަހު ކުޅޭ ފައިނަލުގައި ޕާކިސްތާނުން ނުކުންނާނީ، އިންޑިއާ ދެކޮޅަށެވެ. ކްރިކެޓްގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ އިންޑިއާ އާއި ޕާކިސްތާނުން، ފުޓްބޯޅައިގެ ފައިނަލަކަށް އެއް ގައުމު އަނެއް ގައުމާ ދެކޮޅަށް ނުކުންނަނީ މުޅިން އަލަށެވެ. 

މި ދެ ޓީމު ގުރޫޕް ސްޓޭޖްގައި ކުޅުނު މެޗު 3-2 ން އިންޑިއާއިން ކާމިޔާބު ކުރި އެވެ. 

ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބަންގްލަދޭޝާއި ޕާކިސްތާނު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް
ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބަންގްލަދޭޝާއި ޕާކިސްތާނު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ސާފް

އަމިއްލަ ސަޕޯޓަރުންނާ އެކު ފުރިފައި އޮތް ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅައިގެ ކޮންޓްރޯލް ގިނައިން ދެމެހެއްޓީ ބަންގަލަދޭޝްއިންނެވެ. އެކަމަކު ޕާކިސްތާނުގެ ވަރުގަދަ ޑިފެންސްލައިން އެ ޓީމުގެ ގޭމް ހިފަހައްޓައި ކައުންޓަ އެޓެކްތަކުގައި ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ލަނޑެއް ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ހޯދި އެވެ. މެޗުގެ 27 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ފޯވަޑް ރަކީބް ހުސައިން ފޮނުވާލި ބާރު ހަމަލާއެއް ޕާކިސްތާނުގެ ގޯލްކީޕަރު ޔޫސުފް ބަޓް ދިފާއު ކުރި އެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ޕާކިސްތާނުގެ ފޯވަޑް އަބްދުއްސޮމަދު އަރުޝަދު ފޮނުވާލި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ބަންގަލަދޭޝްގެ ކެޕްޓަން ހަމްޒާ ޗައުދަރީ --- ފޮޓޯ: ސާފް
ބަންގަލަދޭޝްގެ ކެޕްޓަން ހަމްޒާ ޗައުދަރީ --- ފޮޓޯ: ސާފް

މެޗުގެ ތަފާތަކަށްވީ އަރުޝަދުގެ ހަމައެކަނި ގޯލެވެ. މެޗުގެ ފަހު ދިހަ މިނެޓަށް އެޅުނުއިރު ޕާކިސްތާނުން ހަމަލާތައްވަރުގަދަކުރި އެވެ. މެޗުގެ 85 ވަނަ މިނެޓުގައި، ބަންގަލަދޭޝްގެ އޭރިއާގެ ތެރެއިން އަރުޝަދު ފޮނުވާލި ހަމަލާ ބަންގްލަދޭޝްގެ ގޯލްކީޕަރު މަހްދީ ހަސަން ސޮރަބޫންގެ އަތް ކައިރިން ގޮސް ގޯލްގެ ތިރީ ކަނަށް ވަނެވެ. 

މެޗުގެ ފަހުކޮޅުގައި ހަމަނުޖެހުމަކަށް ހިނގައިދާނެ މަންޒަރު ފެނުނަސް. ބަންގްލަދޭޝްގެ ކެޕްޓަން ހަމްޒާ ޗައުދަރީ ދެއްކި ލީޑާޝިޕާ އެކު ބޮޑުކަންތައްގަނޑަކަށް ނުވެ މެޗު ނިމިގެންދިޔަ އެވެ.