ސެމީ ފައިނަލު މެޗުގެ ފަހު ހާފުގައި ބޫޓާނުން ދެއްކި ވަރުގަދަ ކުޅުން ހުއްޓުވައި 2-1 ން ކާމިޔާބުކޮށް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އިންޑިއާއިން 13 ވަނަ ފަހަރަށް ދަތުރުކޮށްފި އެވެ. 

މިހާރު ކުރިއަށްދާ 15 ވަނަ ސާފް ޗެމްޕިއަޝިޕްގައި، ކުޅުނު ފުރަތަމަ ސެމީ ފައިނަލުން މޮޅުވުމާ އެކު، 2003 ވަނަ އަހަރުގެ މުބާރާތް ފިޔަވައި ސާފް ޗެމްޕިއަންޝިޕްގެ ފައިނަލު، ފިޔަވައި އިންޑިއާއިން ވަނީ ކޮންމެ މުބާރާތެއްގެ ފައިނަލުގައި ކުޅެފަ އެވެ. 

ސާކް ގޯލްޑް ކަޕްގެ ނަމުގައި 1993 ވަނަ އަހަރު ބޭއްވަން ފެށި، މިހާރުގެ ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތަކީ ފައިނަލް މެޗެއް ނުކުޅޭ ހަމައެކަނި މުބާރާތެވެ. ޕާކިސްތާނުގައި ބޭއްވި އެފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާ، ހޯދީ ލީގު އުސޫލުން ކުޅެ އެއްވަނަ ހޯދައިގެންނެވެ.

ބޫޓާން ކުޅުންތެރިން ލަނޑުޖެހުމަށް އުފާފާޅުކުރަނީ: އެ ޓީމު އިންޑިއާ އަތުން ބަލިވީ 2-1 ން --- ފޮޓޯ: ސާފް
ބޫޓާން ކުޅުންތެރިން ލަނޑުޖެހުމަށް އުފާފާޅުކުރަނީ: އެ ޓީމު އިންޑިއާ އަތުން ބަލިވީ 2-1 ން --- ފޮޓޯ: ސާފް

ބަންގްލަދޭޝްގައި ބޭއްވި 2003 ވަނަ އަހަރުގެ މުބާރާތަށް ފަހު، އެ ގައުމުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވި ތިން ފަހަރު ވެސް އިންޑިއާއިން ފޮނުވީ 23 އަހަރުންދަށުގެ ޓީމެވެ. ކޯޗު ނައުޝާދު މޫސާގެ އިރުޝާދުގެދަށުް ކުޅުނު ޒުވާން ޓީމުން ވަނީ މެޗުގެ ކުރީކޮޅު ކޮންޓްރޯލް ނަގައިފަ އެވެ. 

ޑާކާގެ ނެޝަނަލް ފުޓްބޯޅަ ސްޓޑިއަމްގައި ކުލުނު މެޗުގެ 9 ވަނަ މިނެޓުގައި އިންޑިއާއަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު ޕީވީ ވިޝްނޫ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން 27 ވަނަ މިނެޓުގައި އިންޑިއާގެ ކެޕްޓަން ޗިންގްލެންސާނާ ސިންހް ކޮންޝަމް، ވަނީ އިތުރު ގޯލެއް ޖަހައި، ދެ ގޯލުގެ ލީޑަކާއެކު އިންޑިއާ ހާފްޓައިމަށް ގެންގޮސްދީފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުން ކުރި ނިންމުން ދައްކާލަނީ --- ފޮޓޯ: ސާފް
ސާފް ޗެމްޕިއަންޝިޕްގައި ފުރަތަމަ ފަހަރަށް ވީއޭއާރް ބޭނުން ކުރި ނިންމުން ދައްކާލަނީ --- ފޮޓޯ: ސާފް

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ބޫޓާނުން ވަނީ ގޯލެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. ބޫޓާންގެ ފޯވާޑް ކިންޒަންގް ޓާޝީ ޓޮބްޑެން ޖެހި މި ގޯލު ބަލައިގަތީ، މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި ވީއޭއާރުން ބެލުމަށްފަހު އެވެ.

ސާފްއިން ބޭނުން ކުރަނީ ރިމޯޓް ވީއޭއާރް ސިސްޓަމެކެވެ. ކޮންޓްރޯލް ރޫމް ގާއިމުކިޮށްފައި ވަނީ ތައިލެންޑްގެ ވެރިރަށް ބެންކޮކްގަ އެވެ. 

ސާފް ޗެމްޕިއަންޝިޕްގެ 10 ވަނަ ތަށި ހޯދުމަށް އިންޑިއާ ނިކުންނާނީ އަންނަ އަންގާރަ ދުވަހު ކުޅޭ ފައިނަލުގަ އެވެ. ފައިނަލުގައި އިންޑިއާ ބައްދަލުކުރާނީ ދެވަނަ ސެމީ ފައިނަލުގައި މުބާރާތް ބާއްވާ ބަންގްލަދޭޝްއާއި ޕާކިސްތާން ކުޅެގެން މޮޅުވާ ޓީމަކާ އެވެ.