ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާ (ސާފް) އަކީ އަރަބިންނާ ނަސްލީ ގޮތުން ތަފާތުކުރާ ބައެއް ކަމަށް ތުހުމަތުކޮށް، ސާފް ޗެމްޕިއަންޝިޕްގައި ދެން ދުވަހަކު ވެސް ކޯޗުކޮށްދޭން ނާންނާނެ ކަމަށް ލަންކާ ގައުމީ ޓީމުގެ ކޯޗު އަބްދުﷲ އަލް މުތައިރީ ބުނެފި އެވެ. 

ކުވައިތަށް ނިސްބަތްވާ ކޯޗު ވަނީ ސާފް ޗެމްޕިއަންޝިޕްގެ ދެ މުބާރާތުގައި ދެ ގައުމަކަށް ކޯޗުކޮށް ދީފަ އެވެ. މީގެ ކުރިން ނޭޕާލްގެ ގައުމީ ޓީމާ އެކު ރާއްޖޭގައި 2021 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. 

އެ ފަހަރު މުބާރާތުގެ ފައިނަލަށް ނޭޕާލް ގެންގޮސް ދިން މުތައިރީ ފަހުން، އަފްޣާނިސްތާނަށް ވެސް ކޯޗުކޮށް ދިނެވެ.

މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން އިއްޔެ ބަލިވި މެޗަށް ފަހު އޭނާ ބުނީ ސާފަކީ އަރަބިންނާ ނަސްލީގޮތުން ތަފާތުކުރާ ބައެއް ކަމަށެވެ.

"މިއީ އަހަރެން ސާފް ސަރަހައްދަށް އަންނާނެ އެންމެ ފަހު ފަހަރު. ސަބަބަކީ ސާފްގައި މައްސަލައެއް އެބައޮތް. އެއީ އަރަބިންނާ ދެކޮޅަށް ނަސްލީ ތަފާތުކުރުން ގެންގުޅުން. އެ މީހުން އަރަބިން ދެކެ ލޯތްބެއް ނުވޭ،" ލަންކާގެ ކޯޗުގެ މަގާމުގައި އަންނަ މާޗް މަހު އޭނާގެ އެއްބަސްވުން ހަމަވާ މުތައިރީ ބުންޏެވެ.

އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ބަންގްލަދޭޝާ ދެކޮޅަށް ކުޅުނު މެޗުގެ އެއްދުވަސް ކުރިން، އަންގާރަ ދުވަހުގެ މެންދަމު ސާފްގެ ލީގަލް ޑިޕާޓްމަންޓުން އޭނާއަށް ފޮނުވި ނޯޓިސްއަކާ ގުޅިގެންނެވެ.

ބޫޓާނާ ދެކޮޅަށް ކުޅުނު މެޗަށް ފަހު ރެފްރީންނަށް ފާޑުކިޔުމުން، ސާފްއިން އޭނާ ފޮނުވި އެ ނޯޓިސްގައި، ހަ މަހާއި އެއް އަހަރާ ދެމެދުގެ ސަސްޕެންޝަނަކާ އެކު 10،000 ޑޮލަރުން ޖޫރިމަނާ ކުރެވިދާނެ ކަމުގެ އިންޒާރު ދީފައިވާކަމަށް މުތައިރީ ބުންޏެވެ. 

އޭނާ ތުހުމަތުކުރި ގޮތުގައި މިއީ ގަސްތުގައި ޖެއްސުން ކުރުމަށް ހިންގި އަމަލެކެވެ. އަދި 2023 ވަނަ އަހަރުގެ މުބާރާތުގައި އިންޑިއާގެ އޭރުގެ ކޯޗު އިގޯ ސްޓިމަކްގެ އަމަލުތަކާ ގުޅިގެން ޖޫރިމަނާކުރީ އެންމެ 500 ޑޮލަރުންކަން މުތައިރީ ފާހަގަކުރި އެވެ.

"ކީއްވެ މެންދަމު އެ ފޮނުވީ؟ ހެނދުނު ނުވައެއް ޖަހަންދެން މަޑުނުކުރެވުނީ ކީއްވެ؟ ކޮން އަވަސްއަރުވާލުމެއް އޮތީ،؟" ސާފްއަށް އަމާޒުކޮށް މުތައިރީ ސުވާލު އުފެއްދި އެވެ.

އޭނާ ބުނީ މުހިންމު މެޗަށް ތައްޔާރުވުމަށް އޭނާގެ ސަމާލުކަން ހުސްކޮށްލައިގެން ހުއްޓައި، އެ އިންޒާރުގެ އީމެއިލާ އެކު މެޗު އޭނާ އަށް ގެއްލޭނެކަން އެނގުނު ކަމަށެވެ. 

"ފުޓްބޯޅައިގައި ހުރިހާ ކަމަކަށް ތައްޔާރުވެ ހުރިހާ ކަމެއް ގަބޫލުކުރަން ޖެހޭނެ. އެކަމަކު އެ އީމެއިލް ލިބުނު ހިސާބުން އަހަންނަށް އެނގިއްޖެ އަހަރެމެން ބަލިވާނެކަން،" އޭނާ ބުންޏެވެ.