ޔޫރަޕްގެ ގައުމުތަކުގައި ކުޅޭ ކުޅުންތެރިން ސާފް ޗެމްޕިއަންޝިޕާ ގުޅުމުން، މުބާރާތުގެ ވެލިއު މައްޗަށް ޖެހިއްޖެ އެވެ.
މިދިޔަ ބުރާސްފަތަި ދުވަހު މުބާރް ފެށީ ފީފާގެ އިންޓަނޭޝަނަލް ބްރޭކް ފެށުމުގެ ކުރިންނެވެ. އެހެންވެ ބައެއް ޓީމުތަކުން ކުޅެންޖެހުނީ މުޅި ސްކޮޑް ހަމަ ނުކޮށެވެ. ހާއްސަކޮށް ޔޫރަޕާއި ދެކުނު އޭޝިއާއިން ބޭރުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން ނުހިމަނަ އެވެ.
މި ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ފީފާ އިންޓަނޭޝަންލް ބްރޭކް ވަނީ ފަށާފަ އެވެ. އެއާ އެކު ޔޫރަޕްގައި ކުޅޭ ގިނަ ތަރިންތަކެއް މިހާރު ވަނީ، ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެ ކުޅުންތެރިން ތަމްސީލުކުރާ ގައުމީ ޓީމުތަކާ ގުޅިފަ އެވެ.
ސާފް ޗެމްޕިއަންޝިޕާ ގުޅުނު އެންމެ މަޝްހޫރު ކުޅުންތެރިޔަކީ ކުރިން ޕްރިމިއާ ލީގުގައި ވެސް ކުޅުނު ހަމްޒާ ޗައުދަރީ އެވެ. ބަންގްލަދޭޝްގެ މިޑިފީލްޑަރަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުން ފެނާންނެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.
ކުޅުންތެރިންގެ ވެލިއު ޑޭޓާތައް ވެސް އާންމުކުރާ ޓްރާންސްފާ ޑޮޓް ކޮމްގައިވާ ގޮތުން ޝެފީލްޑް ޔުނައިޓެޑަށް މިހާރު ކުޅޭ ހަމްޒާގެ މާކެޓް ވެލިއުއަކީ 4.35 މިލިއަން ޑޮލަރެވެ. އެ ވެބްސައިޓް ޑޭޓާތަކުން ފެންނަގޮތުގައި ބަންގްލަދޭޝް ޓީމުގެ ޖުމްލަ އަގު ކަމަށްވާ 7.88 މިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ވެސް ހަމްޒާގެ އަގު މައްޗެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ފުލަމްގެ ޔޫތު ޓީމަށް ކުޅޭ ފޯވާޑް ފަރުހާން އަލީ ވެސް ވަނީ ބަންގްލަދޭޝްގެ ޓީމާ ގުޅިފަ އެވެ. މިދިޔަ ޕްރީ ސީޒަނުގައި އޭނާ ވަނީ ކޯޗު އަލްވާރޯ އެބާލާއޯގެ އިރުޝާދުގެދަށުން ފުލަމްގެ ސީނިއާ ޓީމުގެ މެޗުތަކުގައި ވެސް ކުޅެފަ އެވެ.
ހަމްޒާއަށް ފަހު، ސާފް ޗެމްޕިއަންޝިޕުން ފެންނާނެ ދެން އަގުބޮޑު ކުޅުންތެރިޔަކީ ސްވިޑެންގެ ޓޮޕް ލީގުގެ ކްލަބް މައިލްބޭއަށް ކުޅޭ ޕާކިސްތާނުގެ ކެޕްޓަން އަބްދުﷲ އިގްބާލެވެ. ޓްރާންސްފާ ޑޮޓް ކޮމްގައިވާ ގޮތުން އޭނާގެ އަގަކީ 3.26 މިލިއަން ޑޮލަރެވެ. މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކޮލިފިކޭޝަން މެޗުތަކުގައި ވެސް އިގްބާލް ކުޅުނެވެ. އަދި ޔޫއެފާގެ ތިންވަނަ ފަންތީގެ މުބާރާތް، ޔޫއެފާ ކޮންފަރެންސް ލީގުގައި މި ސީޒަނުގައި މައިލްބޭގެ ޓީމުގައި އިގްބާލް ދަނީ ވާދަކުރުމުންނެވެ.
ކުޅުނު ދުވަސްވަރު އިނގިރޭސި ޕްރިމިއާ ލީގުގައި މޮޅު ކުޅުމެއް ދެއްކި ޕާކިސްތާނުގެ ކޯޗު ޕެރޫގެ ނޮލްބާޓޯ ސޮލާނޯގެ ޓީމާ، ދެން ގުޅުނު މަޝްހޫރު އަނެއް ކުޅުންތެރިޔަކީ އަޒަރުބައިޖާނުގެ ސުމްގަޔިތަށް ކުޅޭ ޑިފެންޑަރު އީސާ ސުލައިމާނެވެ. ޓްރާންސްފާ ޑޮޓް ކޮމްގައިވާ ގޮތުން އޭނާގެ ވެލިއުަކީ 217,500 ޑޮލަރެވެ. ޑެންމާކުގެ ކޯލްޑިން އަށް ކުޅޭ ވިންގް ފޯވާޑް އަބްދުލް ސޮމަދު އަރުޝަދަކީ ވެސް ޕާކިސްތާނުގެ ޓީމުގައި މުހިންމު ކުޅުންތެރިޔެކެވެ. އޭނާގެ އަގަކީ 108,750 ޑޮލަރެވެ. އަނެއް ކުޅުންތެރިޔަކީ ސްވިޑެންގެ ދަށް ޑިވިޝަނުގައި ކުޅޭ އަކްބަރު ހާންއެވެ.
ލަންކާގެ ޓީމުގައި ވެސް ޔޫރަޕްގައި ކުޅޭ ކުޅުންތެރިން ހިމެނެ އެވެ. އެ ޓީމުން އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ޖަރުމަނުގެ ތިންވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ ވަލްޑްހޮފް މަންހައިމްގެ ޑިފެންޑަރު ކްލޯޑިއޯ ކަމާކްނެހްޓް އެވެ. ޓްރާންސްފާ މާކެޓް ޑޮޓް ކޮމްގައި ވާގޮތުން އޭނާގެ އަގަކީ 435,000 ޑޮލަރުގެ އެ އަގާ އެކު ކްލޯޑިއޯއަކީ މުބާރާތުގައި ތިންވަނައަށް އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.
ޓްރާންސްފާ މާކެޓް ޑޮޓް ކޮމްގެ ޑޭޓާތަކުން އެނެގޭ ގޮތުގައި މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ހަ ގައުމުގެ ޖުމްލަ 155 ކުޅުންތެރިންގެ މާކެޓް އަގު އެއްކޮށްލުމުން 21.28 މިލިއަން ޑޮލަރަށް އަރަ އެވެ.
ޗައިނާގެ މަޝްހޫރު ޓެކޮނޮލޮޖީ ކުންފުނި ޓެކްނޯއިން ޓައިޓަލް ސްޕޮންސާޝިޕް ހޯދާފައިވާ، މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ގިނަ އަދަދެއްގެ ސްޕޮންސަރުން ދެކުނު އޭޝިއާގެ ފުޓްބޯޅަ އިދާރާއިން ވަނީ ހޯދާފަ އެވެ. ސާފްގެ މަގާމެއް އަދާކުރައްވާ ބޭފުޅަކު ވިދާޅުވީ މީގެ ކުރިން ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އެހެން މުބާރާތްތަކަށް ވުރެ، މިފަހަރުގެ މުބާރަތަށް ލިބުނު ސްޕޮންސާޝިޕް ޑީލްތައް ގިނަ ކަމަށެވެ.
ލަންކާގެ ފުޓްބޯޅަ އިދާރާ (އެފްއެސްއެލް) ގެ ރައީސް އަދި ސާފް ކޮމްޕެޓިޝަން ކޮމިޓީގެ ޗެއާމަން ޖަސްވާރު އުމަރު، މުބާރާތް ސިފަކުރެއްވި ދެކުނު އޭޝިއާގެ ވޯލްޑް ކަޕްގެ ގޮތުގަ އެވެ.
"ސާފް ޗެމްޕިއަންޝިޕަކީ ދެކުނު އޭޝިއާގެ ވޯލްޑް ކަޕް. ޓީމުތަކުގެ ފެންވަރު ރަނގަޅުވުމަކީ ސަރަހައްދުގެ ޒުވާން ސަޕޯޓަރުންނަށް ފުޓްބޯޅަ އާ ހީރޯއިންތަކެއް ލިބިގެންދާނެ ކަމެއް،" މުބާރާތް ބާއްވާ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަވައި ޖަސްވާރު ވިދާޅުވި އެވެ.
މުބާރާތުގައި މިއަދު ކުޅޭ މެޗުތަކުން ސެމީ ފައިނަލުގެ ބާކީ ޖާގަތައް ކަށަވަރުވާނެ އެވެ. ޕާކިސްތާނާއި ބަންގްލަދޭޝް ވަނީ މިހާރު ވެސް ސެމީން ޖާގަ ހޯދާފަ އެވެ.