އަމިއްލަ ދަނޑުގައި ކުޅުނު ބަންގްލަދޭޝްއިން 1-0 ން ބޫޓާންގެ މައްޗަށް ކުރި ހޯދައި ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭ ގެ ފުރަތަމަ މެޗު އުނދަގޫ މޮޅަކުން ފަށައިފި އެވެ.
ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ހަމައެކަނި ލަނޑު ޖަހައި ދިނީ ބަންގްލަދޭޝްގެ މުހައްމަދު އިބްރާހިމެވެ.
ފުރަތަމަ ހާފުގައި ބަންގްލަދޭޝްއިން ވަނީ ގޭމް ކޮންޓްރޯލްކޮށް، ބިޝްވާނާތު ގޯޝް އާއި ޝާމިތު ޝޯމް މެދުވެރިކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރި އެވެ. ނަމަވެސް ބޫޓާންގެ ދިފާއީ އޮނިގަނޑާއި، ކީޕަރު ގެލްޗެން ޒަންގްޕޯ ގެ މޮޅު ސޭވްތަކާ އެކު ފުރަތަމަ ހާފު ނިމުނީ ނަތީޖާއެއް ނުނެރެވި އޮވެގެންނެވެ.
ބަންގްލަދޭޝްއިން ލަނޑު ޖެހީ 68 ވަނަ މިނެޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ނުކުތް މުހައްމަދު އިބްރާހީމް ކުޅުމުގައި ބައިވެރިވެ ދެއްކި އަވަސް ކުޅުމާ އެކު ގޯލް ޖަހަން އޭނާ ފުރުސަތު ފަހިވި އެވެ. މުޅި މެޗުގައި ވެސް ބަންގްލަދޭޝްއިން މަސައްކަތް ކުރީ ބޫޓާނުގެ އޭރިއާ ތެރެއަށް ބޯޅަ ހުރަސްކޮށްގެނ ހަމަލާ އުފެއްދުމަށެވެ.
އެ ޓީމުން ހުރަސްކޮށްލި ބޯޅައެއް ބޫޓާންގެ ދިފާއީ ކުޅުންތެރިންނަށް ސާފުކޮށްނުލެވި އޭރިއާ ތެރޭގައި އެބުރެނިކޮށް، މުހައްމަދު އިބްރާހީމް ވަނީ އޭނާގެ ހަރަކާތް އަވަސްކޮށް އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.
މެޗުގެ ފަހުކޮޅު ބޫޓާނުން ކައުންޓަ އެޓޭކްތަކުގައި ނަތީޖާ ހަމަހަމަކުރަން މަސައްކަތްކުރި އެވެ. ނަމަވެސް ބަންގްލަދޭޝްއިން ވަނީ ދިފާއީ ގޭމް ހިފަހައްޓައި ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.
މޮޅާ އެކު ބަންގްލަދޭޝް އޮތީ ގްރޫޕް އޭ ގެ ކުރީގަ އެވެ. އެ ޓީމުން ދެން ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހު އެވެ. އޭގެކުރިން އަންނަ އާދީއްތަ ދުވަހު ލަންކާއިން ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ.