އޯގަސްޓް 2024 ގައި ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ ވެރިކަން މަގުމަތިން ނިންމައި ސިޔާސީ ބޮޑު އިންގިލާބެއް އެ ގައުމަށް ގެނެ އެވެ. އިންތިހާބުތަކުގައި މަކަރު ހެދުމާއި އޮޅުވާލާކަމަށް، ހަސީނާ އާއި އޭނާގެ އަވާމީ ލީގު ޕާޓީއަށް އަބަދުވެސް ތުހުމަތު އޮވެ އެވެ. އެހެންވެ ބަންގްލަދޭޝްގެ ވެރިކަން އިންތިހާބަކުން ބަދަލުކުރެވޭނެ ޖާގައެއް ނޯވެ އެވެ. ޒުވާނުން އިސްވެ ނުކުތީ މަގުމައްޗަށެވެ. ބޮޑުވަޒީރުގެ ގަނޑުވަރު ވެސް ހަތަރު ފަރާތުން ހިސޯރުކޮށް ހަސީނާގެ ވެރިކަން ނިމުމަކަށް ގެނެ އެވެ.
ޒުވާނުންގެ މި އިންގިލާބާ އެކު ބަދަލުވީ ހަސީނާގެ ސަރުކާރު އެކަންޏެއް ނޫނެވެ. މުޅި ބަންގަލަދޭޝް ބަދަލުވެގެންދިޔަ އެވެ. އެ ބަދަލުގައި އެ ގައުމުގެ ކުޅިވަރު ސިނާއަތަށް ވެސް ބަދަލުތަކެއް ގެނެ އެވެ. ބަންގްލަދޭޝްގެ ފުޓްބޯޅައަށް ގެނައި ބަދަލުތައް ވެސް ބޮޑެވެ.
އެންމެ ފުރަތަމަ ކަމަކަށް ވެސް އެ ގައުމުގެ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމްގެ ނަމަވެ. ހަސީނާގެ ބައްޕާފުޅު ޝައިހް މުޖީބުއްރަހްމާންގެ ނަންފުޅަށް ނިސްބަތްކޮށްފައިވާ "ބަންގްބަންދު ސްޓޭޑިއަމް" ގެ ނަން، ޑާކާ ނެޝަނަލް ފުޓްބޯޅަ ސްޓޭޑިއަމްގެ ނަމަށް ބަދަލު ކުރި އެވެ. ފުޓްބޯޅަ އެސޯސިއޭޝަންގައި އޮތް ލީޑާޝިޕް ބަދަލުވި އެވެ. މުޖީބުއްރަހްމާންގެ މިނިވަންކަމުގެ ހަރަކާތުގެ ބައިވެރިޔެއްގެ ގޮތުގައި އޭނާގެ އެންމެ ޒުވާން ދުވަސްވަރު ހޭދަކުރެއްވި ކާޒީ ސޮލާހުއްދީނަށް ވެސް، ބަންގްލަދޭޝްގެ ފުޓްބޯޅަ އެސޯސިއޭޝަނަށް އަލުން ކުރިމަތިނުލައްވައި، އަމިއްލައަށް ދުރަށް ޖެހިވަޑައިގަތެވެ.
ބީއެފްއެފްގެ މިހާރުގެ ރައީސް ތާބިތު އަައްވާލްގެ ލީޑާޝިޕްގައި ގިނަ ބަދަލުތަކެއް ގެނެސްފައިވާކަމަށް، އެ އިދާރާގެ ނައިބު ރައީސް ފަހަދު މުހައްމަދު އަހުމަދު ކަރީމް ވިދާޅުވި އެވެ. ބަންގްލަދޭޝްގެ ފުޓްބޯޅައަކީ، ކުރިއަށް ވުރެ ވެސް މާބޮޑަށް އާންމުންނާ ރައްޓެހި ކުޅިވަރަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވިގޮތުގައި އެ މަސައްކަތާ އެކު ބަދަލުތައް ވެސް ފެންނަން ފަށައިފި އެވެ.
ހަސީނާގެ ޕާޓީގެ ހަރަކާތްތައް މަނާކޮށް، މި އަހަރު ފެބްރުއަރީ މަހު ބޭއްވި އިންތިހާބުން ކުރީގެ ބޮޑުވަޒީރު އަދި ހަސީނާއާ އެންމެ ވާދަވެރި ހާލިދާ ޒިއާގެ ދަރިކަލުން ތޯރިގް ރަހްމާން، ބޮޑުވަޒީރުކަށް އިންތިހާބުވި އެވެ. ފަހަދު ވިދާޅުވިގޮތުގައި އާ ސަރުކާރާ އެކު ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނަށް ކުރިއަށްދާން ފަސޭހަ އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ސަބަބަކީ ބޮޑުވަޒީރަކީ ކުޅިވަރަށް ވަރަށް ބޮޑަށް ލޯބިކުރައްވާ ބޭފުޅަކަށް ވުމެވެ. އަދި ފައިނޭންސް މިނިސްޓަރު ފައިނޭންސް މިނިސްޓަރު އާމިރު ހުސްރޫ މަހްމޫދު ޗައުދަރީއަކީ ވެސް ފުޓްބޯޅައަށް އޭނާގެ ހިތް ގުޅިފައިވާ ބޭފުޅަކަށް ވުމުން ބަންގްލަދޭޝްގެ ފުޓްބޯޅައަށް ސަރުކާރުގެ ތެރެއިން ފުރުސަތުތައް ފަހިވުމުގައި ބޮޑު އެއްބާރުލުމެއް ލިބޭ ކަމަށް ފަހަދު ވިދާޅުވި އެވެ.
އޭނާގެ ލިސްޓްގައި ދެން ހިމެނުއްވި ބޭފުޅަކީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަމީނުލް ހައްގެވެ. ބަންގްލަދޭޝްއިން މީގެ 22 އަހަރު ކުރިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ގޯލްކީޕަރެވެ. ފައިނަލުގައި ރާއްޖޭގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝަށް ކާމިޔާބު ހޯދައި ދިނުމުގައި އޭނާ މުހިންމު ދައުރެއް އަދާކުރި އެވެ.
"އަޅުގަނޑުމެންގެ ބެލެނިވެރިންގެ ގޮތުގައި މި ތިން ބޭފުޅުން ތިއްބެވީތީ އަޅުގަނޑުމެން މިއީ ވަރަށް ނަސީބުވެރި ބައެއް. ބަނގްލަދޭޝްގެ ރައްޔިތުންގެ މަންޑޭޓާ އެކު އިންތިހާބުވި އާ ސަރުކާރަކީ ކުޅިވަރަށާއި ފުޓްބޯޅައަށް ލިބުނު ވަރަށް ބޮޑު ހެވެއް،" ފަހަދު ކަރީމް ވިދާޅުވި އެވެ.
އަނެއްކާވެސް އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕް ބަންގްލަދޭޝްއިން ބާއްވަނީ، 22 އަހަރަށް ފަހު ދެކުނު އޭޝިއާ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި ތަށި އެ ގައުމުގެ ފަސްގަނޑުން ބީވެގެން ދިއުމުގެ ފުރުސަތު ނުދިނުމަށެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅައަށް ގެނައި އެންމެ ބޮޑު އަނެއް ބަދަލަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ގައުމުގެ ދަރިކޮޅަށް ނިސްބަތްވާ ފުޓްބޯޅަ ކުޅުންތެރިން ހޯދުމެވެ. އެ ޓީމުގެ ކެޕްޓަން ޖަމާލް ބުޔާންއަކީ ޑެންމާކުގައި އުފަންވެ އެ ގައުމުގައި އުޅެ ބޮޑުވި ބަންގްލަދޭޝްގެ ދަރިކޮޅުގެ ކުޅުންތެރިއެކެވެ. ވެރިކަން އިންގިލާބުކޮށްލުމުގެ މާ ކުރިން ޖަމާލް ގައުމީ ޓީމަށް ކުޅެން ފަށައިފި އެވެ.
އެކަމަކު، މިހާރުގެ ބީއެފްއެފްގެ ލީޑާޝިޕުން ވަނީ އެ މަސައްކަތް މާ ބޮޑަށް ފުޅާކޮށް އިތުރު ގިޔަރަކަށް ގެންގޮސްގޮސްފަ އެވެ. އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ގައުމުން ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ދަރިކޮޅުގެ ކުޅުންތެރިންނަށް މިހާރުގެ ލީޑާޝިޕުން ފުރުސަތު ދޭން ފެށި އެވެ.
އެ ޕްރޮޖެކްޓާ އެކު ބަންގްލަދޭޝްގެ ފުޓްބޯޅަ އިތުރަށް ވަރުގަދަވި އެވެ.
މީގެ ކުރިން އިންޑިއާ އާއި ރާއްޖޭން ފަސޭހަކަމާ އެކު ބަންގްލަދޭޝް ބަލި ކުރި އެވެ. އެކަމަކު ގައުމުން ބޭރުގައި ދިރިއުޅޭ ބަންގްލަދޭޝްގެ ދަރިކޮޅުގެ ކުޅުންތެރިންނަށް ދޭން ފެށި ފުރުސަތާ އެކު ބަންގްލަދޭޝް ވެފައި ވަނީ ބަލިކުރަން އުނދަގޫ ޓީމަކަށެވެ.
އެ ޓީމުން އެންމެ ފަހުން ވަނީ 20 އަހަރަށް ފަހު އިންޑިއާ އާއި ރާއްޖެ ވެސް ބަލިކޮށްފަ އެވެ.
އެ ގައުމުގެ މިހާރުގެ ކޯޗު ތޯމަސް ޑޫލޭގެ ވިސްނުމަކީ އެ ގައުމުގެ ރޭންކިން މަތިކޮށް އޭޝިއަން ކަޕާ ހަމައަށް ދިއުމެވެ. އެކަމަކު އޭގެ ކުރިން ސާފް ޗެމްޕިއަންޝިޕެވެ. ޖަރުމަނާއި އެމެރިކާއަށް ނިސްބަތްވާ ކޯޗު ވަނީ ގައުމުން ބޭރުގައި ދިރިއުޅޭ ބަންގަލަދޭޝްގެ ކުޅުންތެރިންނަށް ފަހިކޮށްދޭ ފުރުސަތުތަކާ އެކު ބަންގްލަދޭޝްގެ ފުޓްބޯޅަ ކުރިން ނުދާ ހަރުފަތަކަށް ދެވޭނެ ކަމަށް ބުނެފަ އެވެ.
"ހަމްޒާ ޗައުދަރީ (ޓީމާ) ގުޅުމުން އެކަމާ އެންމެން ވެސް ތިބީ ވަރަށް އުފަލުން. އަދި ކުޅުންތެރިންނަށް ވެސް ވިސްނޭ ބައިނަލްއަގްވާމީ ފެންވަރުގެ ކުޅުންތެރިންގެ ފަރާތުން އެހީތެރިކަން ލިބޭނެކަން. ސަބަބަކީ އެފަދަ ކުޅުންތެރިންނަކީ އެހެން ކުޅުންތެރިން ނަމޫނާއަކަށް ބަލާނެ ކުޅުންތެރިން،" އޯގަސްޓް މަހު ދި ގާޑިއަން އަށް ދިން އިންޓަވިއުގައި ކުރިން ފިލިޕީންސްގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށް ދިން ޑޫލޭ ބުނެފައިވެ އެވެ.
"އެ ކުޅުންތެރިންގެ ކިބައިގައި ހުންނަ އަހްލާގާއި މަސައްކަތަށް ބަހައްޓާ ސަމާލުކަމާއި ތެދުވެރިކަން. އެހެންވީމާ ކަންކަން މެނޭޖްކުރާނެ ގޮތް، ހިމެނޭހެން ކޮންމެ ކަމެއްގައި ވެސް އެ ކުޅުންތެރިން ނަމޫނާއަކަށް ނެގޭނެ."
ގައުމުން ބޭރުގައި އުފަންވެ ދިރިއުޅޭ ކުޅުންތެރިން ފިލިޕީންސަށް ވެސް އޭނާ ގެނެ އެވެ. އެކަމަކު އެ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން އެކަމަަށް މަރްހަބާ ކިޔަން ބޭނުންވިތަނެއް ނުފެނުނެވެ.
ބަންގްލަދޭޝްގެ ފުޓްބޯޅައިން ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ހުވަފެން ހަގީތަކަށް ހެދުމުގެ ވާހަކަތައް ވެސް މިހާރު އޮތީ ދައްކަން ފަށާފަ އެވެ. މި އަހަރު ރާއްޖޭގައި ބޭއްވި 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އެ ގައުމަށް ހޯދައި ދިނުމުގައި މުހިންމު ދައުރެއް އަދާކުރި އެމެރިކާގައި ދިރިއުޅޭ ބަންގްލަދޭޝްގެ އާއިލާއަކަށް ނިސްބަތްވާ ޑެކްލަން ސުލިވާން ބުނެފައި ވަނީ ވޯލްޑް ކަޕްގެ ޓީމުގެ އަދަދު 64 އަށް އިތުރު ކުރުމުގެ ވާހަކަ ދެކެވޭ އިރު ބަންގްލަދޭޝަށް ވެސް އެ ޖާގައިގައި ވޯލްޑް ކަޕަށް ދެވޭނެކަމަށް އޭނާ އުއްމީދު ކުރާކަމަށެވެ.
"ވޯލްޑް ކަޕްގައި 64 ޓީމު ބައިވެރިކުރުވާ ވާހަކައާ މެދު ވިސްނާ ކޮންމެ ފަހަރަކު އަހަންނަށް ހީވަނީ 'މި ހުރިހާ [ގައުމުން ބޭރުގައި ދިރިއުޅޭ] ކުޅުންތެރިން އަހަރެމެންނަށް ލިބިއްޖެނަމަ، ކޮލިފައިވުމުގެ ފުރުސަތު އަހަރެމެންނަށް އެބައޮތޭ.' އެއީ ހުވަފެނަކީ. އެއީ އެންމެ ބޮޑު މަގްސަދަކީ،" އޭނާ ބުންޏެވެ.
މިފަހަރުގެ ސްކޯޑްގައި އޭނާ އާއި އޭނާގެ އެއްމާބަނޑު ރޮނަން ސުލިވާން އަށް ފުރުސަތެއް ނުލިބުނެވެ. ރޮނަން ޕްރިލިމިނަރީ ސްކޮޑްގައި ހިމެނިޔަސް އޭނާ އަށް އަނިޔާވުމުން ޓީމުން އުނިކުރީ އެވެ.
ވޯލްޑް ކަޕްގެ ހުވަފެން އެ ކުޅުންތެރިން ދެކެ އެވެ. ޑޫލޭ ގަބޫލު ކުރާ ގޮތުގައި އޭޝިއަން ކަޕަށް ދެވަނަ ފަހަރަށް ބަންގްލަދޭޝްއިން ކޮލިފައިވުމާއި ވޯލްޑް ކަޕަށް އަލަށް ކޮލިފައިވުމަކީ ދުރު މުސްތަގުބަލުގެ ޕްލޭނަކުން ކުރެވިދާނެ ކަމެކެވެ.
ނަމަވެސް ރަނގަޅު ޕްލޭނަކާ އެކު އެ އުއްމީދު ވަރަށް އަވަހަށް ވެސް ބަދަލުވެދާނެ ކަމަށް އޭނާ ގަބޫލު އެވެ.
ޑޫލޭގެ މިވަގުތުގެ މައިގަނޑު އަމާޒަކީ ސާފް ޗެމްޕިއަންޝިޕެވެ. މުބާރާތަށް ފަހު އެ ޤައުމުގެ އެތެރޭގެ ފުޓްބޯޅައަށް އިތުރު ފުރުސަތުތައް ފަހިކޮށްދިމުގެ މަސައްކަތުގައި ކުރިއަށްވުރެ ބޮޑަށް އަމަލީގޮތުން ބައިވެރިވުމަށް އޭނާ އޮތީ ޕްލޭންކޮށްފަ އެވެ.
"އަހަރެމެން ބޭނުންވަނީ ކުދިން (ބަންގަލަދޭޝްގެ ޒުވާން ކުޅުންތެރިން) އާޖެންޓީނާގެ ސަޕޯޓަރުންނަށް ވާކަށް ނޫން. އަހަރެމެން ބޭނުންވަނީ އާޖެންޓީނާއާ ދެކޮޅަށް، ބްރެޒިލާ ދެކޮޅަށް ދަނޑުމަތީގައި ކުޅޭނެ ކުޅުންތެރިންނަށް އެކުދިން ވާން،" އާޖެންޓީނާ އާއި ބްރެޒިލްގެ ސަޕޯޓަރުން ގިނަ ބަންގްލަދޭޝްގެ ދުރު މުސްތަގްބަލުގެ ޓާގެޓާ ބެޖޭގޮތުން ޑޫލޭ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި 7:30 ގަ އެވެ.