ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ ދެވަނަ މެޗުގައި ލަންކާ އާއި ބޫޓާން 2-2 އިން އެއްވަރުވެ، ކުޅިބަލަން އޮތް ބަންގްލަދޭޝްއަށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެ އެވެ.
ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗަކި މިހާތަނަށް މިފަހަރުގެ މުބާރާތުގައި ފެނުނު އެންމެ ވާދަވެރި ކުރިމަތިލުމެވެ. މެޗުގެ 34 ވަނަ މިނެޓުގައި ބޫޓާންގެ ދަވާ ސެރިން ވަނީ ލަނޑު ޖަހައި ބޫޓާނަށް ލީޑް ނަގައި ދީފަ އެވެ. ނަމަވެސް ޖެހިގެން އައި 35 ވަނަ މިނެޓުގައި ލަންކާއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އޮލިވާ ކެލާޓް އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ބޫޓާން ކުޅުންތެރިއެއްގެ ގައިގައި ޖެހި، ކީޕަރަށް ވެސް މިސްރާބު އޮޅި، ގޮސް ވަނީ ގޯލްގެ ތެރެއަށެވެ.
މެޗުގެ އޮއިވަރު ބަދަލުކޮށް، ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، 43 ވަނަ މިނެޓުގައި ލަންކާގެ ފޯވާޑް ވާސީމް ރަޒީކް ވަނީ އޭރިއާ ތެރެއިން ބޫޓާންގެ ޑިފެންޑަރު ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަފަ އެވެ. ފުރަތަމަ ހާފު ލަންކާއިން ލީޑްގައި އޮވެގެން ނިންމާލި އެވެ.
ދެވަނަ ހާފުގައި މެޗުގެ ފޯރި އިތުރަށް ގަދަވެގެން ދިޔަ އެވެ. އެއީ މެޗުގެ 67 ވަނަ މިނެޓުގައި ބޫޓާނަށް ލިބުނު ޕެނަލްޓީ، އެ ޓީމުގެ ސްޓާ ފޯވާޑް، ކެޕްޓަން ޗެންޗޯ ގެލްޝެން ފޮނުވާލުމުން ގޯލާ އަމާޒުނުވެ ބޭކާރުވި އެވެ. ނަމަވެސް 76 ވަނަ މިނެޓުގައި ލަންކާގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ޗެންޗޯ ވަނީ ވަރުގަދަ ހަމަލާއަކުން ލަނޑެއް ޖަހައި ބޫޓާނަށް ނަތީޖާ ހަމަހަމަކޮށް ދީފަ އެވެ.
މި ނަތީޖާއާއެކު ގްރޫޕް އޭ އިން ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުވާނީ ބުދަ ދުވަހު ލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗުންނެވެ. ބަންގްލަދޭޝްގެ ފުރަތަމަ މެޗުގައި މިދިޔަ ބުރާސްފަތި ދުވަހު އެ ޓީމުން ވަނީ ބޫޓާން ބަލިކޮށްފަ އެވެ.
ބަންގްލަދޭޝާއި އެއްވަރުކޮށްލައިގެން ވެސް ލަންކާއަށް ސެމީ ފައިނަލަށް ދެވޭނެ އެވެ.