ލަންކާގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝްއިން ގުރޫޕްގެ އެއްވަނަ ހޯދައި، ބޫޓާން ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. 

އަމިއްލަ ސަޕޯޓަރުންނާއެކު ފުރިފައި އޮތް ޑާކާގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބަންގްލަދޭޝްއިން ވަނީ ފުރަތަމަ މިނެޓުން ފެށިގެން ވެސް އެ ޓީމުގެ ވަރުގަދަ އެޓޭކިން ގޭމް ދަމަހައްޓާފަ އެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ބަންގްލަދޭޝަށް ލީޑު ނަގައިދިނީ ޝަމިތު ޝޯމް އެވެ. މިއީ ކެޕްޓަން ހަމްޒާ ޗައުދުރީ ކަނާތްފަރާތުން ނަގައިދިން ހުރަހެއް ލަންކާގެ ގޯލްކީޕަރު ސޫޖަން ޕެރެރާއަށް ސާފުކޮށްނުލެވި، ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ލިބުނު ފުރުސަތެއްގައި ޝަމިތު ޝޯމް ޖެހި ލަނޑެކެވެ. އޭނާގެ ފުރަތަމަ ހަމަލާ ކީޕަރު ސޫޖަން ދިފާއުކުރި ނަމަވެސް، ރީބައުންސްވި ބޯޅަ އޭނާ ވަނީ ގޯލަށް ވައްދާލާފަ އެވެ.

ސެމީގެ އުއްމީދު ދެމެހެއްޓުމަށް މަސައްކަތްކުރި ލަންކާއިން ނަތީޖާގެ ފަރަގު ކުޑަކުރަން މަސައްކަތްކުރި ނަމަވެސް، ފުރަތަމަ ހާފު ނިމެން ކައިރިވެފައިވަނིކޮށް ބަންގްލަދޭޝްއިން ވަނީ ލީޑު ފުޅާކޮށްފަ އެވެ.

މެޗުގެ 43 ވަނަ މިނެޓުގައި މުހައްމަދު އިބްރާހީމް ދިން ބޯޅައަކުން، ލަންކާގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ހަމްޒާ ޗައުދުރީ ފޮނުވާލި ބާރު ހަމަލާ ގޯލަށް ވަނީ ކީޕަރު ސޫޖަންގެ އަތުގައި ޖެހިފަ އެވެ. 

ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނު ބަންގްލަދޭޝްއިން މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލީ އިނގިރޭސިވިލާތުގެ ފުލަމްގެ ޔޫތު ޓީމަށް ކުޅޭ ޒުވާން ފޯވާޑް ފަރުހާން އަލީ ވާހިދު ޖެހި ހިތްގައިމު ލަނޑަކުންނެވެ. މި ލަނޑާއެކު ދަނޑަށް ޖަމާވި ސަޕޯޓަރުންގެ ފޯރި ވަނީ އިންތިހާއަށް ގަދަވި އެވެ. 

ބަންގްލަދޭޝްގެ ހަތަރުވަނަ ލަނޑު މެޗުގެ ފަހުކޮޅުގައި ޖެހީ ރާކިބް ހުސައިންނެވެ. 

ބަންގްލަދޭޝް ސެމީއަށް ދަތުރު ކުރީ ކުޅުނު ދެ މެޗުން ވެސް މޮޅުވެ، ހަ ޕޮއިންޓް ހޯދައިގެންނެވެ. އެ ޓީމުގެ ފުރަތަމަ މެޗުަގައި މިދިޔަ ބުރާސްފަތި ދުވަހު ބޫޓާނާ ދެކޮޅަށް ކާމިޔާބު ހޯދީ 1-0 ންނެވެ.

ތަފާތު ބޮޑުކޮށް ލަންކާ ބަލިވުމުގެ ފައިދާ ލިބުނީ ބޫޓާނަށެވެ. އެ ޓީމަށް ވަނީ ގޯލްގެ ތަފާތުން ދެވަނަ ލިބިފަ އެވެ.

ބޫޓާނާއި ލަންކާ ކުޅުނު މެޗު އެއްވަރުވުމުން ދެ ޓީމަށް ވެސް އެއް ޕޮއިންޓް އެބައޮތެވެ. އެކަމަކު ގެއްލުން ގޯލްގައި ލަންކާއަށް ހަތަރު ގޯލް އެބައޮތެވެ. އެ ޓީމު ކޮޅަށް ހަ ލަނޑު ވަނީ ވެދެފަ އެވެ. ޖެހުނީ ދެ ލަނޑެވެ. ބޫޓާނަށް ވެސް ޖެހުނީ ދެ ލަނޑެވެ. ނަމަވެސް އެ ޓީމު ކޮޅަށް ވަދެފައި ވަނީ ތިން ލަނޑެވެ.

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ބޫޓާން ދަތުރު މި ކުރީ 18 އަހަރަށް ފަހު އެވެ. އެ ޓީމުން އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ކުޅުނީ ރާއްޖެ އާއި ލަންކާ ގުޅިގެން 2008 ގައި ބޭއްވި މުބާރާތުގަ އެވެ. ރާއްޖޭގެ ދަނޑުގައި ކުޅުނު ސެމީ ފައިނަލުގައި ބޫޓާނުން ކުޅުނީ އިންޑިއާއާ ދެކޮލަށެވެ. 

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބޫޓާން ވާދަކުރަން ޖެހޭނީ އިންޑިއާއާ އެވެ. އިންޑިއާއިން ވަނީ މިއަދު ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ގުރޫޕް ބީގެ އެއްވަނަ ހޯދާފަ އެވެ. އެ ގުރޫޕްގެ ދެވަނަ ހޯދި ޕާކިސްތާނެވެ. 

ޕާކިސްތާނުން، ސެމީގައި ވާދަކުރާނީ ބަންގްލަދޭޝާ ދެކޮޅަށެވެ. ސެމީ ފައިނަލްގެ ދެ މެޗު ވެސް ކުޅޭނީ އަންނަ ހޮނިހިރު ދުވަުހު އެވެ. އެ ދުވަހު މެންފުރު ފަހު 2:30 ގައި ކުޅޭ މެޗުގައި ވާދަކުރާނީ އިންޑިއާ އާއި ބޫޓާނެވެ. އެރޭ ހަތެއް ޖަހާއިރު ބަންގްލަދޭޝާއި ޕާކިސްތާނުގެ ކުރިމަތިލުމެވެ.