ރާއްޖޭގެ ފުޓްބޯޅަ 75 އަހަރު ފުރުން ފާހަގަ ކުރުމަށް ބާއްވާ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުން ލަންކާ ވަކި ވެއްޖެ އެވެ. 

ހަތަރު ޓީމުގެ ފޯމެޓަށް ކުރިއަށްގެންދާ މުބާރާތުން، ލަންކާގެ ބަދަލުގައި އަފްޣާނިސްތާން ކުޅޭނެކަން އެފްއޭއެމުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އަންނަ މަހު އެކަކުން 10 އަށް ކުރިއަށް ގެންދާ މުބާރާތުން ލަންކާ ވަކިވާން ނިންމީ، އެ ގައުމުގެ ބައެއް ނޫސްވެރިން ބުނާގޮތުގައި ޓީމުގެ ކުޅުންތެރިން އެ ތާރީހަށް  ލިބުމުގައި ހުރި ދަތިތަކަކާ ހުރެ އެވެ.

ހާއްސަކޮށް އެ ގައުމުގެ ގައުމީ ޓީމުގައި ހިމެނޭ ބޭރު ގައުމުތަކުގެ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ލިބުމުގައި ބޮޑެތި އުނދަގޫތަކެއް ވަނީ ކުރިމަތިވެފަ އެވެ. ލަންކާގެ ސްކޮޑްގައި ހިމެނޭ  ގިނަ ކުޅުންތެރިންތަކެއް ފީފާ އިންޓަނޭޝަނަލް ވިންޑޯ ނިމުމުގެ ކުރިން ކްލަބްތަކަށް ދޫކުރަން ޖެހެކަމަށް ލަންކާގެ ފުޓްބޯޅަ އިދާރާއިން ބުނާ ކަމަށް އެ ގައުމުގެ ނޫސްވެރިން ބުންޏެވެ. 

ފީފާގެ އާންމު އުސޫލުގައި ޖޫން މަހުގެ އިންޓަނޭޝަނަލް ބްރޭކަކީ އެކަކަުން ފެށިގެން ނުވަޔަކަށެވެ. ރާއްޖޭގެ މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ޖޫން 10 ގަ އެވެ. 

އިންޓަނޭޝަނަލް ބްރޭކްގެ އެންމެ ފަހު ތާރީހުގެ ކުރިން އެނބުރި އެ ކުޅުންތެރިންގެ ކްލަބުތަކަށް ދާން ޖެހޭތީ، މުބާރާތު ވަކިވާން ލަންކާއިން ނިންމީ ކަމަށް އެ ގައުމުގެ މީޑީއާތަކުން ބުންޏެވެ. 

އެފްއޭއެމުން ބުނީ ލަންކާގެ ބަދަލުގައި އަފްޣާނިސްތާނުން ރާއްޖޭގެ ދައުވަތު ގަބޫލުކޮށް، މުބާރާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ.  

އަފްޣާނިސްތާނަކީ ކުރިން ސާފްގެ މެންބަރެކެވެ. އެ ޓީމުން ވަނީ 2013 ގެ ސާފް ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފަ އެވެ. އެކަމަކު 2015 ގައި އޭއެފްސީ އުފެއްދި އާ ސްބް ފެޑެރޭޝަންކަމަށްވާ، ސެންޓްރަލް އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނުގެ މެންބަރަކަށް އަފްޣާނިސްތާނު ވެސް ހެދި އެވެ. 

ރާއްޖެ އާއި އަފްޣާންގެ އިތުރުން، ދެން ގޯލްޑަށް ޖުބިލީ މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝާއި ޕާކިސްތާނެވެ. ބަންގްލަދޭޝުން ވާދަކުރާނީ 23 އަހަރުންދަށުގެ ގިނަ ކުޅުންތެރިންނާއި ސީނިއާ މަދު ކުޅުންތެރިންތަކެއް ހިމެނޭ މިކްސް ޓީމެކެވެ. 

އެ ގައުމުގެ ސީނިއާ ޓީމުން މިހާރު ތައްޔާރުވަމުންދަނީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ވެސް ކުޅޭ ހާއްސަ މެޗަށެވެ. 

ޖޫން މަހު ފަސްވަނަ ދުވަހު ސެން މަރީނޯއާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއް ކުޅުމަށް ބަންގަލަދޭޝްއިން ވަނީ ތާވަލުކޮށްފަ އެވެ. މިއީ ބަންގްލަދޭޝްގެ ޓީމެއް ޔޫރަޕްގައި އަދި އެ ބައްރުގެ ގައުމީ ޓީމަކާ ދެކޮޅަށް ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. ހަމައެހެންމެ، މިއީ ސެން މަރީނޯއިން ވެސް އޭޝިއާގެ ގައުމަކާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ. 

މުބާރާތުގައި ބައިވެރިވާން އެންމެ ފުރަތަމަ ދައުވަތު ގަބޫލު ކުރީ ލަންކާއިންނެވެ. ޢެގެ ފަހުން ނޭޕާލެވެ. އެކަމަކު އެ ދެ ޓީމު ވެސް ވަނީ މުބާރާތުން މިހާރު ވަކި ވެފަ އެވެ. ޕާކިސްތާނުން މުބާރާތުގައި ވާދަކުރަނީ ނޭޕާލުން ދޫކޮށްލި ޖާގަ އެވެ. 

ނޭޕާޅުން މުބާރާތުން ވަކިވީ އެ ގައުމުގެ ފުޓްބޯޅައިގައި އުފެދިފައިވާ ސިޔާސީ މައްސަލަތާ ހުރެ ފީފާގެ ސަސްޕެންޝަނެއް އަތުވެދާނެކަމުގެ ބިރު ހީވެފައި އޮތުމުންނެވެ.