ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް މުބާރާތުގެ މެޗުތައް ބަލަން ދަނޑަށް ވަންނަ ސަޕޯޓަރުންނަށް ލުޔެއް ދިނުމުގެ ގޮތުން މުބާރާތުގެ ޓިކެޓްތަކުގެ އަގު ހެޔޮކޮށްފި އެވެ.
މި ބަދަލާ އެކު ކުރިން 100ރ. އަށް ވިއްކަމުންދިޔަ ސިޑިބަރީގެ ޓިކެޓެއް މިހާރު 50ރ. އަށް ލިބޭނެ އެވެ. އަދި ކުރިން 200ރ. އަށް ވިއްކި ގޮނޑިބަރީގެ ޓިކެޓްގެ އަގު މިހާރު ވަނީ 100ރ. އަށް ދަށްކޮށްފަ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ބަންގްލަދޭޝާއި ޕާކިސްތާނެވެ. ރާއްޖޭގައި ބަންގްލަދޭޝްގެ ގިނަ ބަޔަކު ވަޒީފާ އަދާކުރެ އެވެ. މީގެ ކުރިން ބަބްގްލަދޭޝްގެ ޓީމުތަކުން ކޭޅޭ މެޗުތަކަށް އެ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ އެވެ.
މި މުބާރާތުގައި މިފަހަރު ބަންގްލަދޭޝް ކުޅުނު މެޗަށް ވަން ސަޕޯޓަރުންގެ އަދަދު ނިސްބަތުން މަދެވެ.
މީގެ ކުރިން މާޗް އަދި އޭޕްރީލް މަހު މާލޭގައި ބޭއްވުނު ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް ކުޅުނު މެޗުތަކަށް އެ ގައުމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަދެ ދަނޑުގެ ޖާގަތައް އެއްކޮށް ފުރާލި އެވެ.
ނަމަވެސް މިފަހަރުގެ މުބާރާތުގައި ސަޕޯޓަރުން މަދުވުމާ ގުޅިގެން، އަގަށް މިގެނައި ބަދަލާ އެކު ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އަނެއްކާވެސް އިތުރުވެގެންދާނެ ކަމަށް ބެލެވެ އެވެ.
މާޗް، އޭޕްރީލްގައި މާލޭގައި ބޭއްވި ސާފް 20 އަހަރުންދަށުގެ ފުޓްބޯޅަ މުބާރާޓުގައި ބަންގްލަދޭޝް ކުޅުނު މެޗުތަކަށް އެ ގައުމުގެ ސަޕޯޓަރުން ވަދެ ދަނޑުގެ ޖާގަތައް ފުރާލި އެވެ.
ދަނޑުގެ ދެކުނު ފަޅީގެ މަތީ ބުރި އާއީ އިރުމަތީ ފަރާތު ވީރާނާވެފައިވުމުން ދަނޑުގެ ކެޕޭސިޓީ ވެސް މިހާރު ވަނީ ދައްކޮފައިވާތާ ހަތް އަހަރަށް ވެއްޖެ އެވެ.
ޑައިމަންޑް ޖުބިލީ މުބާރާތުގެ، ދެވަނަ ދުވަހުގައި މާދަމާ ހަވީރު ރާއްޖޭން ނުކުންނާނީ ޕާކިސްތާނާ ދެކޮޅަށެވެ. މާދަމާ ރޭ ބަންގްލަދޭޝާއި އަފްޣާނިސްތާނު ވާދަކުރާނެ އެވެ.