އިރާނާ "ދުޝްމަން" ނުވަތަ ދެކޮޅުވެރި ގައުމުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ގައުމުތަކަށް އެ ގައުމުގެ ކުޅިވަރު ޓީމުތައް ދަތުރުކުރުން، ސްޕޯޓްސް މިނިސްޓްރީން މަނާކޮށްފިއެވެ.
އެ ގައުމުގެ ދައުލަތުގެ މީޑިއާއިން އިއްޔެ ބުނީ ސްޕޯޓްސް މިނިސްޓްރީން އެ ގޮތަށް އިއުލާން ކޮށްފައިވާ ކަމަށެވެ.
އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް މުބާރާތުގެ ކުއާޓާ ފައިނަލުގައި އިރާނުގެ ޓްރެކްޓާ އެފްސީ ކުޅޭ މެޗު އޮންނާނީ ސައުދީ އަރަބިއްޔާގަ އެވެ. ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޝަބާބް އަލް އަހްލީއާ ދެކޮޅަށް ކުޅޭ އެ މެޗަށް ބޮޑު ހުރަހެއް މިހާރު ކުރިމަތިވާނެ ކަމަށް އެސޯސިއޭޓެޑް ޕްރެސް އިން ބުންޏެވެ.
އިރާނުގެ ސްޕޯޓްސް މިނިސްޓްރީން ބުނީ މި ފިޔަވަޅު އެޅީ އެ ގައުމުގެ އެތުލީޓުންނާއި ޓީމުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދެވެން ނެތް ގައުމުތަކަށް ޓީމުތައް ފޮނުވަން ބޭނުންނުވާތީ ކަމަށެވެ.
މި ނިންމުމާ ގުޅުވައި ޖޫން މަހު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ބައިވެރިވުމާ ބެހޭގޮތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އިރާނުގެ ތިން މެޗު ވެސް ކުޅެން ހަމަޖެހިފައި ވަނީ އެމެރިކާގެ ފަސް ގަނޑުގަ އެވެ. ނަމަވެސް، އިރާނުން ދަނީ އެމެރިކާގައި ކުޅެންޖެހޭ މެޗުތައް މެކްސިކޯއަށް ބަދަލުކުރުމަށް ފީފާއާއެކު އަދިވެސް މަޝްވަރާ ކުރަމުންނެވެ.
ވޯލްޑް ކަޕްގައި އިރާނުގެ ޓީމުގެ ސަލާމަތާ މެދު ކަށަވަރު ޔަގީންކަން ނެތް ގޮތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވަނީ ވާހަކަ ދައްކަވައިފައެވެ. އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް، "ޓްރޫތު ސޯޝަލް" ގައި ކުރެއްވި ޕޯސްޓްގައި ވާހަކަ ދައްކާފައި ވަނީ އިރާނުގެ ޓީމު މުބާރާތަށް ދިއުމަށް ހިތްވަރު ނުދެއްވާ ރާގެއްގަ އެވެ.
އިރާނުގެ މެޗުތައް ކުޅުމުގެ ފުރުސަތު ފަހިކޮށްދޭން މެކްސިކޯއިން އޮތީ ތައްޔާރަށެވެ. އެކަމަކު މުބާރާތުގެ ތާވަލު ކުރެވިފައިވާ ގޮތުން މިހާރު ބަދަލެއް ގެނެސްފިނަމަ އިތުރު ލޮޖެސްޓިކް މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ބުނެ، މެޗުތައް އެހެން ތާކަށް ބަދަލުކުރަން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ދެކޮޅު ހަދަ އެވެ.
އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ގިނަ ގައުމުތަކަކަށް މިސައިލް އަދި ޑްރޯން ހަމަލާތައް އަމާޒުވެ އެވެ.
އީރާނުގެ އޮފިޝަލުން ބުނަނީ އެ ގައުމުގެ ޓީމު ވޯލްޑް ކަޕް ބޮއިކޮޓް ކުރަން ބޭނުން ނުވާ ކަމަށެވެ. އެކަމަކު، ފެބްރުއަރީ 28 އިން ފެށިގެން އިޒްރޭލާއި އެމެރިކާއިން އިރާނާ އަށް ދެމުންދާ އަސްކަރީ ހަމަލާތަކުގެ ސަބަބުން، ގައުމީ ޓީމު އެމެރިކާއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އިރާނާ އިން ދަނީ ބުަމުންނެވެ.