ބާސެލޯނާއަށް ކުޅޭ ބްރެޒިލްގެ ފޯވާޑް ރަފީނިއާ، 29، އަށް އަނިޔާވެ، ފަސް ހަފްތާއަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.

ރަހުމަތްތެރިކަމުގެ މެޗުގައި ފްރާންސް އަތުން 2-1 އިން ބްރެޒިލް ބަލިވި މެޗުގެ ފުރަތަމަ ހާފުގައި ރަފީނިއާއަށް ވަނީ އަނިޔާވެގެން ބަދަލު ކޮށްފަ އެވެ. މިއާ ގުޅިގެން ޓެސްޓްތައް ހެދުމަށް ފަހު އޭނާގެ ކަނާތު ފަލަމަސްގަނޑަށް އަނިޔާވެފައި ވާކަން ބްރެޒިލްގެ މެޑިކަލް ޓީމުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

މިއާ ގުޅިގެން ބާސެލޯނާއާ އެކު އޭނާއަށް މުހިއްމު މެޗުތަކެއް ގެއްލޭނެ އެވެ. އެގޮތުން އަންނަ ހަފްތާ ބަންދުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ ލީގު މެޗުގެ އިތުރުން، އެއަށް ފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގައި އެތުލެޓިކޯއާ ދެކޮޅަށް ކުޅެން އޮތް ދެ ލެގުގައި ވެސް އޭނާ އަށް ނުކުޅެވޭނެ އެވެ.

ޗެމްޕިއަންސް ލީގުގައި ބާސާއަށް ކުރި ލިބިއްޖެ ނަމަ، އޭޕްރީލް މަހުގެ ފަހު ކޮޅު އޮންނަ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ވެސް އޭނާއަށް ގެއްލޭނެ އެވެ. ބާސާ ސެމީއަށް ދަތުރު ކޮށްފި ނަމަ އެ ޓީމު ނުކުންނަން ޖެހޭނީ އާސެނަލް އާއި ސްޕޯޓިން ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ ތާވަލްގެ އެއްވަނައިގައި އޮތީ، ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.

ރަފީނިއާ ވަނީ މި ސީޒަންގައި ބާސާއަށް 31 މެޗު ކުޅެދީ 19 ގޯލު ޖަހައިފަ އެވެ. އަދި މިއީ އޭނާގެ ކަނާތު ހޭމްސްޓްރިންގަށް އަނިޔާވި ތިންވަނަ ފަހަރެވެ.

ފުުރަތަމަ ފަހަރު މިދިޔަ ސެޕްޓެމްބަރާއި ނޮވެމްބަރާ ދެމެދު އޭނާއަށް ވަނީ އަނިޔާގެ ސަބަބުން ކްލަބާއި ގައުމީ ޓީމަށް 13  މެޗު ގެއްލިފަ އެވެ. އަދި މި އަހަރު ޖެނުއަރީ އާއި ފެބްރުއަރީ މަހު ވަނީ ޖުމްލަ ތިން މެޗު ގެއްލިފަ އެވެ.