ލަންޑަން (މާޗު 28) - އިނގިރޭސި ގައުމީ ޓީމަށް މުޅިން އަލަށް ކުޅުނު އެވަޓަންގެ މިޑްފީލްޑަރު ޖޭމްސް ގާނާ، 25، އަކީ އިނގިރޭސީންގެ "މިނީ ވަލްވާޑޭ" އެއް ކަމަށް ކޯޗު ތޯމަސް ޓުޗެލް ސިފަ ކޮށްފި އެވެ.
އިނގިރޭސި ގައުމީ ޓީމު ހުކުރު ދުވަހުގެ ރޭ އުރުގުއޭއާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗުގައި ގާނާ އާއެކު މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު ޖޭމްސް ޓްރަފޯޑް، 23، ވެސް ވަނީ މުޅިން އަލަށް ގައުމީ ޖޯޒީގައި ކުޅެފަ އެވެ.
ގާނާ ވަނީ މެޗުގެ 70 މިނިޓު ކުޅެފަ އެވެ. އިނގިރޭސީންނަށް މެޗުގެ 81 ވަނަ މިނިޓުގައި ލީޑު ނަގައިދިނީ، މެދުކެނޑުމަކަށް ފަހު ގައުމީ ޓީމަށް ކުޅެން ފެށި ބެން ވައިޓް އެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.
މެޗުގެ އިތުރު ވަގުތުގައި އުރުގުއޭ އަށް ލިނބުނު ޕެނަލްޓީއަކުން އެއްވަރު ކޮށްދިނީ ފެޑެރިކޯ ވަލްވާޑޭ އެވެ.
"އަހަރެން މިހުރީ ވަރަށް ހިތްހަމަ ޖެހިފައި [ގާނާގެ ކުޅުމާ މެދު]. އޭނާ އެއީ އަހަރެމެންގެ މިނީ ވަލްވާޑޭ،" ޓުޗެލް ބުންޏެވެ.
"އޭނާ ވަރަށް ރަނގަޅަށް ކުޅުނު. އަހަރެން ހުރީ ވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމަށް ޔަގީން ކޮށްގެން، އޭނާ އަކީ ވަރަށް ޔަގީންކަމާއެކު ކުޅެލާ ކުޅުންތެރިއެއް، އަދި ވަރަށް ފިޒިކަލް ވެސް ކުޅުންތެރިއެއް، އޭނާ ވަނީ ގިނަ ބޯޅަތަކެއް ވިން ކޮށްފަ."
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ސްކޮޑް ނެގުމުގެ ކުރިން ޓުޗެލް އަންނަނީ 35 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް ބޭނުން ކުރަމުންނެވެ. އެގޮތުން އުރުގުއޭ މެޗުގައި ވަނީ 19 ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ.
ޓުޗެލް ބުނީ ފިޒިކަލީ ވަރުގަދަ ޓީމަކާ ދެކޮޅަށް އިނގިރޭސި ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ދެއްކި ކަމަށާއި، މި މެޗުން ކުޅުންތެރިންގެ މުހިއްމު ގިނަ ކަންކަން އޭނާއަށް ފާހަގަ ކުރެވުނު ކަމަށެވެ.
"އުނދަގޫ ޓީމަކާ ދެކޮޅަށް ވަރަށް ބައިވަރު ކަންކަން ފާހަގަ ކުރެވިއްޖެ. މި ކަންކަމުން ވބަރަށް ބައިވަރު ކަންކަން އަހަރެންނަށް ދަސްވެއްޖެ. އެއީ [މެނުއެލް] އުގާޓޭ އާއި [ފެޑެރިކޯ] ވެލްވާޑޭ ފަދަ ވަރުގަދަ މިޑްފީލްޑަރުންނާ ދެކޮޅަށް ކުޅެގެން އަހަރެމެންގެ ފެންވަރު ވަޒަން ކުރެވޭނީ،" މެޗަށް ފަހު ހިތްހަމަ ޖެހިފައި ހުރެ ޓުޗެލް ބުންޏެވެ.
މި މަހު އިންގްލެންޑުން ދެން ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. ޓުޗެލް ބުނީ ތަފާތު ސްޓައިލަށް ކުޅޭ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުުމުން މުބާރާތަށް ދާއިރު އެ ޓީމަށް ގިނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.